ދުވަސް ފެށުމުގެ ގޮތުން ހެނދުނު ފެންވަރާ މީހުން ބުނާނީ އެއީ މުޅި ދުވަހަށް ތާޒާކަން ގެނެސްދޭ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަނެއްކޮޅުން، ރޭގަނޑު ފެންވަރާ މީހުން ގަބޫލުކުރާ ގޮތުގައި ދުވަހުގެ ވަރުބަލިކަމާއި ހިރަފުސް ފިލުވާލައި، ސާފުތާހިރުވެގެން އެނދަށް އެރުމަށްވުރެ ވަކިން ރަނގަޅު ގޮތެއް ނެތެވެ.
މިއީ އަބަދުވެސް ބަހުސް ކުރެވޭ ސުވާލެކެވެ. ނަމަވެސް، މައިކްރޯބަޔޮލޮޖިސްޓެއް ކަމަށްވާ ޕްރިމްރޯޒް ފްރީސްޓޯން ވިދާޅުވާ ގޮތުގައި ސައިންސްގެ އަލީގައި މީގެ ތެރެއިން އެއް ވަގުތަކަށް ބޮޑު ތާއީދެއް ލިބެ އެވެ.
ހަށިގަނޑުން ދާހިއްލުމާއި ކުނި ފިލުވުމަކީ ހަމުގެ ބަލިތަކުންނާއި ނުބައި ވަސް ދުވުމުން ސަލާމަތް ވުމަށް މުހިންމު ކަމެކެވެ. ދާ ހިއްލުމުން ދުވާ ވަހަކީ އަސްލު ދަލުގެ ވަހެއް ނޫނެވެ. އެއީ ހަމުގެ މަތީގައި އުޅޭ ޖަރާސީމުތައް ދަލާ އެކުވުމުން އުފެދޭ ވަހެކެވެ.
ރޭގަނޑު ފެންވެރުމުގެ ފައިދާއާއި އޭގެ އަނދިރި ފަރާތް
ދުވަސް ފުރިހަމަކޮށް، ބޭރުތެރެއިން ލިބޭ ހިރަފުހާއި، ދަލާއި، ޖަރާސީމުތައް ފިލުވާލުމަށް ރޭގަނޑު ފެންވެރުން އެހީވެދެ އެވެ. މީގެ ސަބަބުން އެނދުގެ ބެޑްޝީޓްތައް ހަޑިވުން ލަސްވެ އެވެ.
ނަމަވެސް، ޕްރިމްރޯޒް ފާހަގަކުރައްވާ ގޮތުގައި، ރޭގަނޑު ފެންވަރައިގެން ނިދި ނަމަވެސް ނިދީގައި ހަށިގަނޑުން ދާހިއްލާނެ އެވެ. އަދި ހަމުން މަރުވާ ސެލްތައް އެނދަށް ފައިބާނެ އެވެ.
ގަވާއިދުން ބެޑްޝީޓް ނުދޮންނަ ނަމަ، އެނދުގައި އުޅޭ 'ޑަސްޓް މައިޓްސް' އިތުރުވެ، ނޭވާލާ ނިޒާމުގެ އެލާޖީތަކާއި ނޭވާ ހާސްވުމުގެ މައްސަލަތައް ކުރިމަތިވެ އެވެ.
ހެނދުނު ފެންވެރުން: މައިކްރޯބަޔޮލޮޖިސްޓުންގެ އިހުތިޔާރު
ޖަރާސީމުގެ ނަޒަރަކުން ބަލާއިރު، ހެނދުނު ފެންވެރުމުގެ ފައިދާ މާ ބޮޑެވެ. އޭގެ ސަބަބުތަކަކީ:
- މަރުވެފައިވާ ސެލްތައް ސާފުވުން: ނިދީގައި ހަށިގަނޑުން ފައިބާ ހަމުގެ ބައިތަކާއި ބެކްޓީރިއާތައް ހެނދުނު ފެންވެރުމުން އެއްކޮށް ސާފުވެގެންދެ އެވެ.
- ދުވަހުގެ ތާޒާކަން: ހެނދުނު ފެންވެރުމުން، ޖަރާސީމުތަކަށް ކާނާއަށް ވާނެ ދަލުގެ އަސަރު ހަށިގަނޑުން ފިލައިދެ އެވެ. މީގެ ސަބަބުން ދުވަސް ފަށާއިރު ނުބައި ވަސް ދުވުމުން ދުރު ކޮށްދީ މާ ގިނައިރު ވަންދެން ތާޒާކަންމަތީ ހުރެވެ އެވެ.
- ސާފު ހެދުން: ނިދާފައި ހޭލާއިރު ހަށިގަނޑުގައި ހުންނަ ޖަރާސީމުތައް ފިލުވައިލުމަށްފަހު އާ ހެދުމެއް ލުމަކީ ސިއްހީ ގޮތުން އެންމެ ރަނގަޅު ގޮތެވެ.
އަހަރެން މައިކްރޯބަޔޮލޮޖިސްޓެއްގެ ހައިސިއްޔަތުން އަބަދުވެސް ބާރުއަޅަނީ ހެނދުނު ފެންވެރުމަށް،" ޕްރިމްރޯޒް ވިދާޅުވި އެވެ.
ކޮންމެ ވަގުތަކު ފެންވަރަން އިހުތިޔާރުކުރި ނަމަވެސް އެންމެ މުހިންމު ކަމަކީ އަމިއްލަ ސާފުތާހިރުކަމެވެ. ރޭގަނޑު ފެންވެރުމަކީ ނިދުމަށް ފަސޭހަ ކޮށްދޭ ކަމަކަށް ވިޔަސް، ހެނދުނު ފެންވެރުމަކީ ޖަރާސީމުތަކުން ސަލާމަތްވެ، ދުވަސް ތާޒާކޮށް ފެށުމަށް އެންމެ އެކަށީގެންވާ ވަގުތެވެ.
އެހެންކަމުން، ފެންވަރާ ވަގުތަށްވުރެ ބޮޑަށް، ނިދާ އެނދުގެ ބެޑްޝީޓްތައް ގަވާއިދުން ދޮވުމަކީ ސިއްހަތަށް އެންމެ ފައިދާހުރި ގޮތެވެ.
މަގާމު ދިންތާ ގިނައިރުތަކެއް ނުވެ އާދަމް ނަސީރު އިސްތިއުފާދީފި
ޓޭލާގެ މިލްކިއްޔާތު ދެ ބިލިއަނުން މައްޗަށް!
އަޒާނާ ގުޅޭގޮތުން ލިޔެފައިވާ ރިޕޯޓެއް ނަގަން އަމުރެއް