ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއެއް ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޝަމްއާންގެ މައްޗަށް ދައުލަތުން ކުރި ފޭރުމުގައި ބައިވެރިވުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން އިއްވެވި ހުކުމުގައިވާ ގޮތުން:

  • މަނީ ލޯންޑްރިންގެ ކުށަށް: 15 އަހަރުގެ ޖަލު ހުކުމެއް.
  • ފޭރުމުގައި ބައިވެރިވުމުގެ ކުށަށް: 8 އަހަރުގެ ޖަލު ހުކުމެއް.
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަށް: 2 އަހަރުގެ ޖަލު ހުކުމެއް.

ޖުމްލަ 25 އަހަރުގެ ހުކުމެއް އައި ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި ހޭދަކުރި 9 މަހާއި 10 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރެވޭނެ އެވެ. ޖަލު ހުކުމުގެ އިތުރުން ޝަމްއާން ވަނީ 500,000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. އަދި ބިދޭސީއެއްގެ އަތުން ފޭރިގަތް 500,000 ރުފިޔާ ތިން މަސްދުވަހުގެ ތެރޭގައި އެމީހާއަށް އަނބުރާ ދެއްކުމަށާއި، އޭނާގެ ގެއިން ފެނުނު ފައިސާގެ ތެރެއިން 125,000 ރުފިޔާ ދައުލަތަށް ނެގުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ގާޒީ އިހުސާން ވިދާޅުވި ގޮތުގައި ޝަމްއާންއަށް މިފަދަ ބޮޑު އަދަބެއް ދޭން ނިންމީ، އިމިގްރޭޝަންގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުރެ، ބިދޭސީންނަށް ރައްކާތެރިކަން ދިނުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށް މަސައްކަތްކޮށް، މުއައްސަސާގެ އަގު ވައްޓާލާފައިވާތީ އެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއެއްގެ އަތުން 500,000 ރުފިޔާ ފޭރިގަނެ، އޭގެ ތެރެއިން ބޮޑު ބައެއް ޝަމްއާންގެ ދެ ސްޓޫޑަންޓް ލޯނެއް ދެއްކުމަށް ބޭނުންކޮށްފައިވާކަން ވަނީ ސާބިތުވެފަ އެވެ. އަދި ޝަމްއާންގެ އަމުރަށް، ފައިސާ އަތުލި ބިދޭސީމީހާ ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައިވާކަންވެސް ހެކިތަކުން އެނގެން އޮތް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

ޝަމްއާންގެ ފަރާތުން އަދަބު ލުއިކޮށްދިނުމަށާއި، ގޭބަންދަށް ނުވަތަ ޖޫރިމަނާއަކަށް ހުކުމް ބަދަލުކޮށްދިނުމަށް އެދުނު ނަމަވެސް، ކޯޓުން އެ ހުށަހެޅުން ބަލައެއް ނުގަނެއެވެ.

މިއަދު ކޯޓަށް ވެންނެވުމުގެ ކުރިން ޝައްމާން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވަނީ މި ސަރުކާރުގެ ހޯމް މިނިސްޓަރު އިހުޝަން އަލީ ބިދޭސީން ގެންނަ ކޯޓާއި ވައްކަން ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެކަމުގައި ރައީސް މުއިއްޒުއާއި ބަންޑާރަނައިބު އަހުމަދު އުޝާމްގެ ބައިވެރިވުން އޮންނަކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.