ހޮލީވުޑްގެ މަޝްހޫރު ޖާސޫސީ ފިލްމު ސިލްސިލާ "ޖޭމްސް ބޮންޑް"ގެ ދެން އެންމެ އަވަހަށް ފެންނާނެ ބަތަލަކީ އިނގިރޭސި އެކްޓަރު އިދްރިސް އެލްބާ ކަމަށް ބުނެ ގިނަ ދުވަސްތަކެއް ވަންދެން ދެކެވެމުން އައި ވާހަކަތަކަށް އޭނާ ރަސްމީކޮށް ނިމުން ގެނެސްފި އެވެ.
ޑެނިއަލް ކްރެއިގްއަށްފަހު އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްއިން އާ "007" އެއް ހޯދުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާކަން އިއުލާން ކުރުމާއެކު އާ ބޮންޑަކަށް ވެދާނެ ކަމަށް އެންމެ ބޮޑަށް އަޑުއެރި އެއް ނަމަކީ އިދްރިސް އެލްބާ އެވެ.
ނަމަވެސް "ބްރިޓިޝް ޖީކިއު" މެގަޒިނަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ މިއީ ދުވަހަކުވެސް ހަގީގަތަކަށް ވާނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
"އެއީ ދުވަހަކުވެސް ހަގީގަތަކަށް ވާނެ ވާހަކައެއް ނޫން. އެއީ ހަމައެކަނި އެރި އަޑުތަކެއް. އަހަންނަށް އަބަދުވެސް ވިސްނެނީ އެއީ ވާނެ ކަމެއް ނޫން ކަމަށް،" އިދްރިސް ބުންޏެވެ.
އޭނާ އިތުރަށް ކިޔައިދިން ގޮތުގައި، ޖޭމްސް ބޮންޑުގެ ކެރެކްޓާ ލިޔެވިފައިވަނީ ވަކި ގޮތަކަށެވެ. ބޮންޑުގެ ރޯލަށް އޭނާގެ ނަން ކިޔުމުން އެކަމާ އުފާވި ނަމަވެސް ދުނިޔޭގެ ބައެއް މާކެޓްތަކުގެ ސަޕޯޓަރުން ކަޅު ނަސްލުގެ ނުވަތަ އެފްރިކާ ދަރިކޮޅުގެ މީހަކު ޖޭމްސް ބޮންޑުގެ ރޯލުން ބަލައިގަންނަން ބޭނުން ނުވާނެ ކަމަށް އޭނާ ފާހަގަކުރި އެވެ.
"ބައެއް ސަގާފަތްތަކުގައި އެއީ އެމީހުން ގަބޫލުކުރާނެ ކަމެއް ނޫން. ޖޭމްސް ބޮންޑަކީ ހަގީގަތާ ދުރު ކެރެކްޓާއެއް. އެހެންވީމާ އޭގެ ތެރެއަށް ކުޑަ ހަގީގަތެއް ގެނައުން ރަނގަޅުވި ނަމަވެސް، މިއީ ސިޔާސީ ކަމަކަށް ހަދަން އުޅޭނެ ކަމެއް ނޫން. ބޮންޑު ހުންނަން ޖެހޭނީ އޭގެ އަސްލު ގޮތުގައި. ދުނިޔޭގެ އެކި މީހުންގެ ރަހަތަކަށް ފިޓުވާން އުޅުމުގެ ބަދަލުގައި ހަމައެކަނި ބޮންޑުގެ ގޮތުގައި ބާއްވާ،" އިދްރިސް އެލްބާ ބުންޏެވެ.
އިއަން ފްލެމިންގްގެ ވާހަކަ ފޮތްތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޖޭމްސް ބޮންޑުގެ ރޯލު މީގެ ކުރިން ކުޅެފައިވާ ހުރިހާ އެކްޓަރުންނަކީ (ޝޯން ކޯނަރީ، ރޮޖާ މުއާ، ޕިއާސް ބްރޮސްނަން އަދި ޑެނިއަލް ކްރެއިގް ފަދަ ބަތަލުން) ދޮން ނަސްލުގެ އެކްޓަރުންނެވެ. ޑެނިއަލް ކްރެއިގް 2021 ވަނަ އަހަރުގެ "ނޯ ޓައިމް ޓު ޑައި" އަށް ފަހު މި ރޯލުން ވަކިވުމާ އެކު، އާ ބޮންޑެއް ހޯދުމުގެ ރޭހުގައި ދެން އެންމެ ކުރީގައި އުޅޭ ކަމަށް އަޑުއަރާފައިވާ ބަތަލުންގެ ތެރޭގައި އެއަރޮން ޓޭލާ-ޖޯންސަން، ޖޭކޮބް އެލޯޑީ އަދި ކެލަމް ޓާނާ ހިމެނެއެވެ.
އިދްރިސް އެލްބާއަކީ "މަންޑޭލާ: ލޯންގް ވޯކް ޓު ފްރީޑަމް"، "ތޯރް" އަދި "ދަ ސުއިސައިޑް ސްކޮޑް" ފަދަ މަގުބޫލު ފިލްމުތަކުން ފެނިގެންގޮސްފައިވާ ހުނަރުވެރި އެކްޓަރެކެވެ.
ސޯބެއާއެކު ފޮޓޯއެއް ނެގުމުން ޒުހައިރުގެ މަގާމު އުވާލައިފި
ކުޑަ ފީއަކާއެކު އަކްޝޭއަށް ބޮޑު މޮޅެއް!
މޫނު ދުޅަވީ "ފިލާސް" ގޯސް ވެގެންނެއް ނޫން: އުރްފީ