ބޮލީވުޑްގެ މަޝްހޫރު ބަތަލާ މޯނީ ރޯއީގެ ބުރުސޫރައިގެ ވާހަކައަކީ އިންޑިއާގެ މީޑިއާގައި އަބަދުވެސް ދެކެވެމުން އަންނަ ވާހަކަ އެކެވެ. އެގޮތުން އޭނާ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ދޭތެރެ ދޭތެރެއިން އަޑުތައް އަރަ އެވެ.
މިފަހުން މޯނީއާއި އޭނާގެ ފިރިމީހާ ސޫރަޖް ނަމްބިއާރްގެ ކައިވެނީގައި މައްސަލަތަކެއް ޖެހި، ވަރިވާން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާ މި ދަނޑިވަޅުގައި ޕްލާސްޓިކް ސާޖަރީއާ ގުޅުވައިގެން އޭނާ މީގެ ކުރިން ދީފައިވާ ވަރުގަދަ ރައްދެއް އަނެއްކާވެސް ވަނީ މީޑިއާގެ ސަމާލު ކަމަށް އައިސްފަ އެވެ.
މޯނީގެ ސިފައަށް ބަދަލުތަކެއް އައިސްގެން މީހުން އެންމެ ބޮޑަށް ފާޑުކިޔަން ފެށީ އޭނާގެ ފިލްމު "ދަ ބޫތުނީ" ގެ ޓްރެއިލާ ލޯންޗުކުރި ހަފްލާގައި އާ ހެއާސްޓައިލަކާއެކު ފެނުނު ހިސާބުންނެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ތުހުމަތުކުރި ގޮތުގައި މޯނީ އާ ހެއާސްޓައިލެއް (ބޭންގްސް) ޖެއްސީ އޭނާ ހަދާފައިވާ ޕްލާސްޓިކް ސާޖަރީއެއް ނާކާމިޔާބުވެ، މޫނަށް އައިސްފައިވާ ބަދަލުތައް ފޮރުވުމަށެވެ.
މި ފާޑުކިޔުންތަކާ އެކު އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މޯނީގެ މޫނުގެ ސިފަ ހަޑިކޮށް، ބޮޑުކޮށްފައިވާ ފޭކު ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވި އެވެ. މިކަމާ ގުޅިގެން ދިން އިންޓަވިއުއެއްގައި މޯނީ ވަނީ ފާޑުކިޔާ މީހުންނާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
މޯނީ ބުނި ގޮތުގައި އޭނާގެ މޫނު އެހެން މީހެއްގެ ހަށިގަނޑުގައި ހަރުކޮށް ސިފަ ހަޑިކޮށްފައިވާ އޭއައި ވީޑިއޯތައް ފެނުމުން އިންތިހާއަށް ފޫހިވެ، ދެރަވެ އެވެ.
"އެފަދަ ވީޑިއޯތައް ހަދައިގެން އެމީހުން ހާސިލު ކުރަން ބޭނުންވަނީ ކޮން އެއްޗެއް؟ އެމީހުންނަށް އެ އެއް ކުރެވެނީ ހަމައެކަނި މީހުންގެ ބަދުދުއާ" މޯނީ ބުންޏެވެ.
މީގެ އިތުރުން، އޭނާ ސޯޝަލް މީޑިއާއާ އަލަށް ގުޅުނު ދުވަސްވަރު މިފަދަ ނެގެޓިވް ކޮމެންޓުތަކުން ވަރަށް ބޮޑަށް އަސަރުކުރި ކަމަށާއި، އެފަދަ މީހުން ބްލޮކް ކުރަން ވަގުތު ހޭދަކުރި ކަމަށް މޯނީ ކިޔައިދިނެވެ.
ނަމަވެސް މިހާރު އެފަދަ މީހުންނާ މެދު ހަމްދަރުދީވާ ކަމަށާއި، ސޯޝަލް މީޑިއާގައި މީހުން ހިތުހުރި އެއްޗެއް ލިޔަނީ ހަމައެކަނި "ލައިކްސް" ހޯދުމުގެ ބޭނުމުގައި ކަމަށް އޭނާ ފާހަގަކުރި އެވެ. މޯނީ ބުނީ އޭނާ އަބަދުވެސް ވިސްނަނީ އޭނާގެ ފޭނުންގެ ފަރާތުން ލިބޭ ލޯތްބާއި ސަޕޯޓަށް ކަމަށެވެ.
އަމިއްލަ ސިފައާ މެދު ހުންނަ ނުތަނަވަސްކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މޯނީ ހާމަކުރި ގޮތުގައި، ކުޑައިރުއްސުރެ އޭނާގެ މޫނުގެ ބައެއް ސިފަތަކާ މެދު އޭނާ ހިތްހަމައެއް ނުޖެހެ އެވެ.
ނަމަވެސް ރޫހާނީ ދުޅަހެޔޮކަމުގެ އެހީގައި އަމިއްލަ ނަފްސު ގަބޫލުކޮށް އަމިއްލަ ސިފަދެކެ ލޯބިވާން ދަސް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
ޓޫރިސްޓުން އައި އަދަދު ފަސް ޕަސެންޓަށް ދަށްވެއްޖެ
ހަ އަހަރަށްފަހު އެރިއާނާގެ ފުރަތަމަ ކޮންސެޓް ޓުއާ ފަށައިފި