މަޝްހޫރު ޕޮޕް ތަރި ޑުއާ ލިޕާ އާއި އެކްޓަރު ކެލަމް ޓާނާގެ ކައިވެނީގެ ބޮޑު ހަފުލާ އިޓަލީގެ ސިސިލީގައި ބޭއްވުމާ ގުޅިގެން އެ ސަރަހައްދުގެ އާއްމު ރައްޔިތުން ހިތްހަމަނުޖެހި މުޒާހަރާ ކުރަން ފަށައިފި އެވެ.

ލަންޑަނުގައި ބޭއްވި ކުރު މަދަނީ ކައިވެންޏަކަށްފަހު މި ދެތަރިން ވަނީ ސިސިލީގެ ޕަލާމޯގައި ތިން ދުވަހުގެ މުއްދަތަށް ދެމިގެންދިޔަ ބޮޑު އަގުބޮޑު ޕާޓީއެއް ބާއްވާފަ އެވެ. މި ހަފުލާތަކަށް ގާތްގަނޑަކަށް 1.7 މިލިއަން ޑޮލަރު ހަރަދު ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ކައިވެނީގެ ޕްރައިވެސީ ހިފެހެއްޓުމަށްޓަކައި، އެ ސިޓީގެ ކައުންސިލުންނާއި ސެކިއުރިޓީން ވަނީ ތާރީހީ ގިނަ ސަރަހައްދުތަކެއް ބަންދުކޮށް އާއްމު މަގުތަކާއި މައި މައިދާންތަކަށް މީހުން ވަނުން މަނާކޮށްފަ އެވެ. އަދި ޑްރޯން އެރުވުން މަނާކޮށް، ވަރުގަދަ ސެކިއުރިޓީ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.

މިކަމުގެ ސަބަބުން ޕަލާމޯގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވި އެވެ. ރައްޔިތުންނާއި އެކްޓިވިސްޓުން ވަނީ ނުރުހުން ފާޅުކޮށް ސިޓީގެ އެކި ސަރަހައްދުތަކުގައި ބޯޑުތަކާއި ކުރެހުންތައް ހަރުކުރަން ފަށާފަ އެވެ.

އޭގެ ތެރޭގައި "ޕަލާމޯއަކީ ކުއްޔަށްދޭ ތަނެއް ނޫން" އަދި "މި މައިދާނަކީ ކަލޭމެންގެ އަމިއްލަ ސިޓިން ރޫމެއް ނޫން" ފަދަ ޝިއާރުތައް ލިޔެފައިވެ އެވެ.

ބައެއް އާއްމުން ބުނި ގޮތުގައި ލަވަކިޔުންތެރިއެއްގެ ކައިވެންޏަށް މުޅި ސިޓީ ތިން ދުވަހަށް ބަންދުކޮށް، މީހުންނަށް ވަޒީފާއަށް ދިއުމަށާއި ޕާކު ކުރުމަށް އުނދަގޫވާ ގޮތަށް ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މި ހަމަނުޖެހުންތަކާއި ނުރުހުންތައް ކުޑަ ކުރުމުގެ ގޮތުން ޑުއާ ލިޕާއާއި ކެލަމްގެ ފަރާތުން ވަނީ އޭގެ ސަބަބުން ދަތިތަކާ ކުރިމަތިވި އާންމު ރައްޔިތުންނަށް ފައިސާގެ ބަދަލެއް ހުށަހަޅާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕާކިންގް މައްސަލަތަކާއި މަގުތައް ބަންދުވުމުގެ ސަބަބުން އަސަރުކުރި ކައިރި އެޕާޓްމަންޓްތަކުގެ ރައްޔިތުންނަށް ޖުމްލަ 5,000 އިނގިރޭސި ޕައުންޑް (ގާތްގަނޑަކަށް 6,500 ޑޮލަރު) ބަދަލުގެ ގޮތުގައި ވަނީ ބަހާފަ އެވެ. އަދި ބައެއް ލޯކަލް ވިޔަފާރިތައް ބަންދުކޮށްފައި ބެހެއްޓުމަށްވެސް ފައިސާ ދީފައިވާ ކަމަށްވެ އެވެ.

މުޒާހަރާތަކާއި ހިތްހަމަ ނުޖެހުން ތަކާއެކު ވެސް ކައިވެނީގެ ޕާޓީ ވަނީ ރޭވުނު ގޮތަށް ކުރިއަށް ގޮސްފަ އެވެ. މިއުޒިކް، ފިލްމް އަދި ފެޝަން ދާއިރާގެ 200 އަށްވުރެ ގިނަ މަޝްހޫރު ތަރިން މި ހަފުލާއަށް ސިސިލީއަށް ދިޔަ އެވެ. އޭގެ ތެރޭގައި ޗާލީ އެކްސްސީއެކްސް، ހެރީ ސްޓައިލްސް، ޑޮނަޓެއްލާ ވާސާޗޭ އަދި މާކް ރޮންސަން ހިމެނެ އެވެ.

މި ޝަރަފުވެރި ހަފުލާގެ އެންމެ ހާއްސަ ބަޔަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އެލްޓަން ޖޯން، އާ ކައިވެނިކުރި ދެމަފިރިންނަށް ޚާއްޞަކޮށްގެން އޭނާގެ މަގުބޫލު ލަވަ "ޔޯ ސޯންގް" ލައިވްކޮށް ހުށަހަޅައިދިނުމެވެ.