މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މިއަދުވެސް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ އަންނަ ހުކުރު ދުވަހާ ހަމައަށް އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ބޮޑުބަޔަކަށް ކަނޑުގަދަވި ނަމަވެސް މާދަމާއިން ފެށިގެން ވާރޭވެހޭ މިންވަރު މަދުވާނެ ކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ.
އެ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުލަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރަކަށް ވުމާއެކު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން އިލްތިމާސްކުރެ އެވެ. ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ދުޅަހެޔޮ ހިތަކަށް އުފުލަންވީ ބަރު: އާ ދިރާސާއަކުން ހޯދުންތަކެއް!
ހިތަދޫ އެކްސިޑެންޓް: 3 ކުދިންގެ ބައްޕަ މަރާ ހަނގުރާމަކުރަނީ