ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ސުޕަސްޓާ އާމިރު ހާން އުމުރުން 61 އަހަރުގައި އަނެއްކާވެސް ކައިވެންޏެއް ކުރަން އުޅޭ ކަމުގެ އަޑުތައް މީޑިއާގައި ގަދަވެއްޖެ އެވެ.
ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުގައި، އާމިރުގެ ތިންވަނަ ކައިވެނީގެ ބައިވެރިއަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ޕްރޮފެޝަނަލް މީޑިއާ އެގްޒެކެޓިވް އަދި ޑިވެލޮޕްމަންޓް ކޮންސަލްޓަންޓެއް ކަމަށްވާ ގޯރީ ސްޕްރެޓް އެވެ.
މި ކައިވެނި ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު މިއީ ވަރަށް ސިއްރުވެރި އަދި އާއިލާގެ ގާތް ބަޔަކަށް އެކަނި ބާއްވާ ހަފްލާއެއް ކަމަށްވެ އެވެ.
އާމިރުގެ އާ ބައިވެރިޔާ ގޯރީއަކީ ފިލްމީ ދާއިރާގެ ކުރިމަތިން ފެންނަ ތަރިއެއް ނޫނެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ލަންޑަންގައި ދިރިއުޅޭ މީޑިއާ އުފެއްދުންތަކާއި ސްޓްރެޓެޖީގެ ދާއިރާގައި ފާހަގަކޮށްލެވޭ ހުނަރުވެރި އެކެވެ.
މީޑިއާތަކުން ބުނާގޮތުގައި އާމިރުއާއި ގޯރީ ދިމާވީ މީގެ ދެ އަހަރު ކުރިން ބައިނަލްއަގުވާމީ ފިލްމީ ޕްރޮޖެކްޓެއްގެ މަސައްކަތުގެ ތެރެއިންނެވެ. ގާތް ފަރާތްތަކުން ބުނާ ގޮތުގައި ދެމީހުންގެ މެދުގައި އޮތް ގާތް އެކުވެރިކަން ލޯބީގެ ގުޅުމަކަށް ބަދަލުވެ ދެ ފަރާތުގެ އާއިލާގެ ރުހުމާއެކު މިހާރު ވަނީ ކައިވެނި ކުރުމަށް ނިންމާފަ އެވެ.
އާމިރުގެ ފުރަތަމަ ކައިވެނި ކުރީ ރީނާ ދައްތާާއާ އެވެ. އެ ކައިވެނި 2002 ގައި ރޫޅުނުއިރު ދެ ކުދިން (ޖުނައިދު އަދި އިރާ) ލިބިފައިވެ އެވެ. އޭގެ ފަހުން 2005 ގައި ކިރަން ރާއޯއާ ކައިވެނިކޮށް، އެ ކައިވެންޏަށް ދަރިއަކު (އާޒާދު) ލިބުނު ފަހުން 2021 ވަނަ އަހަރު ދެމީހުން ވެސް ވަނީ ވަރިވެފަ އެވެ.
އާމިރުގެ ގާތް ރަހުމަތްތެރިއަކު މީޑިއާއަށް ބުނިގޮތުގައި އާމިރުގެ ކުރީގެ ދެ އަނބިން ކަމަށްވާ ރީނާ އަދި ކިރަންގެ އިތުރުން ދަރިންވެސް ތިބީ އާމިރުގެ އާ ދިރިއުޅުމާ މެދު ވަރަށް އުފަލުންނެވެ. އާމިރުއަކީ އަބަދުވެސް އާއިލާއާ ގާތް ގުޅުމެއް ބާއްވާ މީހަކަށް ވުމުން އޭނާގެ މި ނިންމުމަށް އެންމެންވެސް އިހުތިރާމްކުރެ އެވެ.
މިކަމުގައި އާމިރުގެ ބަހެއް މިހާތަނަށް ލިބިފައި ނުވި ނަމަވެސް ކައިވެނީގެ ތައްޔާރީތައް މުމްބާއީގައާއި ލަންޑަންގައި ހިނގަމުންދާ ކަމަށް ހަބަރުތައް ބުނެ އެވެ.
ފިޗުން ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކޮށްފި
އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ފައިސާ ދެއްކުން ފަސޭހަކޮށްފި