ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ މިއަދު ވެސް އުތުރާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެ އެވެ. އަދި އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެ ތެރެއަށް ރާޅުގެ އުސްމިނުގައި 7-4 ފޫޓު އަދި ދެކުނުގެ އަތޮޅުތަކަށް ރާޅު އުސްމިނުގައި 5-2 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ބަންދު ދުވަސްތަކަކަށްފަހު މިއަދަކީ ސަރުކާރުގެ އޮފީސްތަކާއި، އިދާރާތަކާއި ސްކޫލްތައް ހުޅުވުނު ދުވަހަށް ވުމާއެކު ޗުއްޓީއަށް އެކި ތަންތަނަށް ދިޔަ ފަރާތްތަކުން މިހާރު ވަނީ އެނބުރި މާލެ އަންނަން ފަށައިފަ އެވެ. އަދި މާލެއަށް އައި މީހުން ވަނީ އެނބުރި ރަށްރަށަށް ވެސް ދާން ފަށައިފަ އެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަކުރަމުންދާ ދުވަސްވަރަށް ވުމާއެކު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ ވެކްސިން ޕްރޮގްރާމެއް
ބްރެޑްއަށް ހަމަ ޖެހުމެއް ނެތް: މުޅިން އާ ދަައުވާއަކާއެކު ކޯޓަށް!