ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވަކިކުރަން އެޖެންޑާކޮށްފައި ވަނިކޮށް، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ނާޒިމް އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ މަގާމުން ދުރުކުރުމަށް ހުށަހެޅި ގަރާރުގައި ބަޔާންކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެކަންކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ހިމަނާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެންނާއި މެންބަރެއްގެ ހައިސިއްޔަތުން ވެސް ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށެވެ. އަދި މަގާމުގެ ޒިންމާތައް އަދާކުރެއްވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ހުރިހާ މެންބަރުންގެ މެދުގައި ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކުރައްވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވާޖިބުތައް އަދާކުރުމުގައި އެއްވެސް މެންބަރަކަށް ހުރަސްއަޅާފައެއް ނުވާނެ. އޭގެ ބަދަލުގައި މެންބަރުންގެ މަސައްކަތްތަކަށް ވީ އެންމެ ފުޅާ ދާއިރާއެއްގައި މަގު ފަހިކޮށްދީފައިވާނެ،" ނާޒިމް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު އެއްވެސް ފައިދާއެއް ހޯދާފައި ނުވާނެ ކަމަށެވެ.
ނާޒިމް މަގާމުން އިސްތިއުފާ ދެއްވީ ވެރިކަން ކުރާ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުގެ ހުރިހާ މެންބަރުން ސޮއިކުރައްވައި އޭނާ މަގާމުން ވަކިކުރަން ހުށަހެޅުމާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ ގަރާރުގައިވާ ސަބަބުތަކަކީ ހަގީގަތެއް ނޫން ކަމުގައި ވީނަމަވެސް، މަގާމަށް ވޯޓުދިން ގިނަ ބަޔަކު އޭނާ މަގާމުން ދުރުވާން އެދުމުން، އެކަމަށް އިޖާބަދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުން އެންމެ ރީތި ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ދުނިޔެއިން ވަކިވެގެންދާނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި:ނަޝީދު