ހޮލީވުޑްގެ ކުރީގެ މަޝްހޫރު ޖޯޑު އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ އެންމެ ދޮށީ ދަރިފުޅު، މެޑޮކްސް ޖޯލީ ޕިޓް، އޭނާގެ ނަމުގެ ފަހަތަށް ކިޔާ "ޕިޓް" ރަސްމީކޮށް އުނި ކުރަން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މިހާރު އުމުރުން 24 އަހަރުގެ މެޑޮކްސް ވަނީ އޭނާގެ ބައްޕަ ބްރެޑް ޕިޓްގެ ނަން ކަނޑާލައި، ހަމައެކަނި މަންމަގެ ފަރާތުން ލިބިފައިވާ "ޖޯލީ" މި ނަން ބޭނުން ކުރުމަށް ގާނޫނީ ގޮތުން ޕެޓިޝަނެއް ހުށަހަޅާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މެޑޮކްސް މިހާރުވެސް ރަސްމީ ނޫން ލިޔެކިޔުން ތަކުގައި ބޭނުން ކުރަނީ ހަމައެކަނި "މެޑޮކްސް ޖޯލީ" އެވެ.

މެޑޮކްސްގެ މި ނިންމުމަކީ ބްރެޑް ޕިޓް އާއި އޭނާގެ ދަރިންނާ ދެމެދު އޮތް ގުޅުން މުޅިން ހަލާކު ވެފައިވާކަން ހާ މަކޮށްދޭ ބޮޑު ހެއްކެކެވެ.

މީގެ އަހަރުތަކެއް ކުރިން، 2016 ވަނަ އަހަރު، އާއިލީ ޕްރައިވެޓް ޖެޓެއްގެ ތެރޭގައި ބްރެޑް ޕިޓް އާއި މެޑޮކްސްއާ ދެމެދު ހިނގި ވަރުގަދަ ދެބަސްވުމަކަށްފަހު،އެންޖެލީނާ ވަނީ ބްރެޑް ޕިޓް ގާތުން ވަރިވާން ހުށަހަޅާފަ އެވެ. އެ ހާދިސާއަށްފަހު މެޑޮކްސް އާއި ބްރެޑް ޕިޓްއާ ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށްވެ އެވެ.

މެޑޮކްސް އަކީ 2002 ވަނަ އަހަރު ކެމްބޯޑިއާގެ ޔަތީމު ޚާނާއަކުން އެންޖެލީނާ ޖޯލީ ގާނޫނީ ބަލަދުވެރިކަމާ ހަވާލުވި ކުއްޖެކެވެ. ފަހުން ބްރެޑް ޕިޓް ވެސް ވަނީ ގާނޫނީ ގޮތުން މެޑޮކްސްގެ ބަޕަގެ މަގާމު ހޯދާފަ އެވެ.

މެޑޮކްސް އަކީ ދެކުނު ކޮރެއާގެ ޔޮންސެއި ޔުނިވާސިޓީން ބަޔޯކެމިސްޓްރީ ކިޔަވާފައިވ، އަދި ފިލްމީ ދާއިރާއަށްވެސް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ.

އެންޖެލީނާ އާއި ބްރެޑް ޕިޓްގެ ވަރީގެ މައްސަލަ އާއި ދަރިންގެ ބަލަދުވެރިކަމުގެ މައްސަލަ ކޯޓުގައި ދިގުލައިގެން ގޮސްފައި ވާއިރު، މެޑޮކްސްގެ މި ފިޔަވަޅަކީ ބްރެޑް ޕިޓަށް ލިބުނު ވަރަށް ބޮޑު ހިތާމަ އެކެވެ.

މެޑޮކްސްގެ އިތުރުން އެންޖެލީނާގެ އެހެން ބައެއް ދަރިންވެސް "ޕިޓް" ނަން ބޭނުންކުރުން ހުއްޓާލަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ. އެގޮތުން އެ ދެމީހުންގެ ދަރިފުޅު ޝިލޮހް ވެސް ވަނީ އެ ފިޔަވަޅު އަޅާފަ އެވެ.