"ޑޮނަލްޑް ޓްރަމްޕް" ގެ ނަމުން މަޝްހޫރުވި ބަންގްލަދޭޝްގެ މީގޮނު (ބަފަލޯ)، އޭގެ ހާއްސަ ސިފަތަކުގެ ސަބަބުން ކަތިލުމުން ސަލާމަތްކޮށް، އެ ގައުމުގެ ގައުމީ ސޫލޮޖިކަލް ގާޑަން (ޒޫ) އަށް ގެންގޮސްފި އެވެ.

އާބާދީގައި 170 މިލިއަން މީހުން ހިމެނޭ މުސްލިމް ގައުމެއް ކަމަށްވާ ބަންގްލަދޭޝްގައި އަޟްހާ އީދު ފާހަގަކުރަމުންދާއިރު، ގާތްގަނޑަކަށް 700 ކިލޯ ހުންނަ މި މީގޮނަކީ އާދަޔާހިލާފު ހުދު ކުލައެއް (އަލްބީނޯ) ހުންނަ އެއްޗެކެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްތަށިގަނޑާ ވައްތަރު ގޮތަކަށް އޮންނަ ރަންކުލައިގެ ދިގު އިސްތަށިތަކެއް އޭގެ ބޯމަތީގައި ހުރެއެވެ.

މިއީ އީދުގައި ކަތިލުމަށް ތައްޔާރުކޮށްފައި އޮތް އެއްޗެއް ނަމަވެސް، މީސްމީޑިއާގައި މި މީގޮނު ވަރަށް ބޮޑަށް މަޝްހޫރުވުމާ ގުޅިގެން، ސަރުކާރުން ވަނީ އެ ޖަނަވާރު ކަތިލުމުން ސަލާމަތްކޮށް ހިމާޔަތް ދިނުމަށް ނިންމާފަ އެވެ.

ބަންގްލަދޭޝްގެ ގައުމީ ސޫލޮޖިކަލް ގާޑަންގެ ކިއުރޭޓާ އަތީގުއްރަހްމާން ވިދާޅުވީ، މި މީގޮނަށް ހާއްސަ އިސްކަމެއް ދީގެން ބަލަހައްޓާނެ ކަމަށެވެ. އެގޮތުން، އެ ޖަނަވާރު ބެލެހެއްޓުމަށް ވަކި ހިޔާވަހިކަމެއް ކަނޑައަޅައި، ހާއްސަ މީހަކު އައްޔަންކޮށްފައިވާ ކަމަށާއި، ފުރަތަމަ ދެ ހަފުތާގައި ކަރަންޓީނުގައި ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް މީގޮނުގެ ކުރީގެ ވެރިޔާ ޒިޔާއުއްދީން މުރިދާ ބުނި ގޮތުގައި، އޭގެ ބޯމަތީގައި ހުންނަ ތަފާތު އިސްތަށިގަނޑުގެ ސަބަބުން އޭނާގެ ކޮއްކޮ އެއަށް "ޓްރަމްޕް" ގެ ނަމުން ނަން ދިނީ އެވެ. މި އާދަޔާހިލާފު މީގޮނު ބަލާލުމަށްޓަކައި އެކި ފަރާތްތަކާއި، ކުޑަކުދިން އަދި ގިނަ އަދަދެއްގެ އާންމުން ޒިޔާރަތްކޮށް ފޮޓޯ ނަގާފައިވެއެވެ.

ނަމަވެސް، އީދުގެ ކުރިން ޒިޔާއުއްދީން ވަނީ ޓްރަމްޕް ވިއްކާލާފަ އެވެ. އެހެންނަމަވެސް، ސަރުކާރުގެ އެންގުމަކަށް ފުލުހުން ވަނީ އެ މީގޮނު ސަލާމަތްކޮށްފަ އެވެ. ޑާކާގެ ކެރަނިގަންޖް ޕޮލިސް ސްޓޭޝަންގެ އޮފިސަރު އިންޗާޖް މުހައްމަދު ރޫހުލް ގުއްދޫސް ވިދާޅުވީ، މިއީ ވަރަށް މަދު ނޫނީ ނުފެންނަ ޒާތުގެ ޖަނަވާރަކަށް ވެފައި، އެ މީގޮނު އަދި ކުޑަކަމުން، އިތުރު އަހަރުތަކަކަށް ދިރުވައި އާލާކުރުމުގެ ފުރުސަތު އޮތުމުން، ލައިވްސްޓޮކް ޑިޕާޓްމަންޓުން އެ އެއްޗަށް ހިމާޔަތް ދިނުމަށް އެދުނީ ކަމަށެވެ.