ލ. ގަމުގައި އީދަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ކަރަންޓުގައި ޖެހި ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖާއަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.

އުމުރުން 14 އަހަރުގެ މި ފިރިހެން ކުއްޖާގެ ގައިގައި ކަރަންޓު ޖެހުނީ މަގުމަތީގައި ހުރި ކަރަންޓު ހޮޅިދަނޑިއަކުން އެ ރަށު އަތިރިމަތީގައި ހުރި ތަނަކަށް ކަރަންޓު ގުޅުމަށް މަސައްކަތް ކުރަމުން ދިޔަ ވަގުތެއްގަ އެވެ.

މި ހާދިސާއާ ގުޅިގެން އެ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، މާލެ ގެނައުމުގެ ކުރިން ކުއްޖާއަށް ފަރުވާދީފައި ވަނީ ލ. ގަމު ހޮސްޕިޓަލުގައި ވެންޓިލޭޓަރުގަ އެވެ.

އެ ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، ކުއްޖާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ.

އެނގިފައިވާ ގޮތުގައި ކަރަންޓުގައި ޖެހުމުގެ ސަބަބުން މާލެ ގެނައިރު ވެސް އެ ކުއްޖާ ހޭނާރަ އެވެ. އަދި ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފަ އެވެ.