އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި އޮމާނާ މެދު އެމެރިކާގެ ސަރުކާރުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އޮމާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވައިފި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީއެއް ނެގުމަށް އީރާނާއެކު އޮމާނުން މަސައްކަތް ކުރަން އެއްބަސްވެއްޖެ ނަމަ، އޮމާން "ގޮއްވާލާނެ" ކަމަށެވެ.
"ކަނޑުއޮޅި އޮންނާނީ އެންމެންނަށް ހުޅުވާލެވިފައި. އެތަން އެކަކަށްވެސް ކޮންޓްރޯލެއް ނުކުރެވޭނެ. އެއީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއް،" ޓްރަމްޕް ވިދާޅުވި އެވެ.
"އޮމާން ޖެހޭނީ އެހެން އެންމެންނެކޭ އެއްގޮތަށް އުޅެން، ނޫންނަމަ އަހަރެމެންނަށް ޖެހޭނީ އެމީހުން ގޮއްވާލަން،" ޓްރަމްޕް ވިދާޅުވި އެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކުލަވާލާ އެއްބަސްވުމެއްގެ ނަތީޖާއެއްގެ ގޮތުން ހޮރްމޫޒް ކަނޑުއޮޅިން ޓޯލް ފީއެއް ނެގުމުގެ ހައްގު ހޯދުމަށް އީރާނުން ދަނީ ބާރުއަޅަމުންނެވެ. ހޮރްމޫޒް ކަނޑުއޮޅީގައި އޮމާންގެ ދައުރު މުހިންމުވަނީ، އީރާނާ އެކު އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދީ ރަސްމީ އިމެއް އޮތް ހަމައެކަނި ގައުމަކީ އޮމާން ކަމަށްވާތީ އެވެ.
އީރާނުގެ ޓޯލް ފީ ނެގުމުގެ އުންމީދުގައި އޮމާން މުހިންމުވާ ސަބަބު
އދ. ގެ ކަނޑުގެ ގާނޫނާ ބެހޭ މުއާހަދާ ގައިވާ ގޮތުން، ގައުމުތަކަށް އެ ގައުމެއްގެ އައްސޭރިން ފެށިގެން 12 ނޯޓިކަލް މޭލާ ހަމައަށް ކަނޑުގެ ސަރަހައްދުގެ މިލްކުވެރިކަން ދައުވާ ކުރެވިދާނެއެވެ. ހޮރްމޫޒް ކަނޑުއޮޅީގެ އެންމެ ހަނި ހިސާބުގައި ހުންނަނީ އެންމެ 21 ނޯޓިކަލް މޭލެވެ.
ބައިނަލްއަގުވާމީ ކަނޑުއޮޅިތަކުގެ އައްސޭރިފަށުގައިވާ ގައުމުތަކުން، އެމީހުންގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރުން ހުރަސްއެޅުމަކީ ނުވަތަ ޓޯލް ފީ ނެގުމަކީ މަނާކަމެކެވެ. ނަމަވެސް ގާނޫނީ މާހިރުން 'މިޑްލް އީސްޓް އައި' އަށް މައުލޫމާތު ދެއްވި ގޮތުގައި، އޮމާނުން އެއްބާރުލުން ދީފިނަމަ، އުޅަނދުފަހަރުގެ އަތުން ފީ ނެގުމަށް އީރާނަށް ބޭނުންކުރެވިދާނެ ގިނަ ގޮތްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "ޕައިލެޓިން ފީ" ނުވަތަ "ޚިދުމަތުގެ ފީ" ފަދަ ނަންނަމުގައި ފީ ނެގުން ހިމެނެއެވެ.
އީރާނުން ފަރަންސޭސިވިލާތަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު އަމީން-ނެޖާދު މިމަހުގެ ކުރީކޮޅު ބްލޫމްބާގަށް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް މަގުފަހިވާނެ ރޭވުމެއް ތަންފީޒު ކުރުމަށް ދެ ގައުމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހަނގުރާމައާ ގުޅޭގޮތުން އޮމާނުން ދެއްކި ވާހަކަތަކަށް އެމެރިކާގެ ނުރުހުން
އޮމާނަކީ ޒަމާނުއްސުރެ ސަރަހައްދީ މައްސަލަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމެކެވެ. ޖޫން 2025 ގައި އެމެރިކާއާ ގުޅިގެން އިޒްރޭލުން އީރާނަށް ހަމަލާދިނުމުގެ ކުރިން، އެމެރިކާއާއި އީރާނާ ދެމެދު މުއާމަލާތްކުރި މައިގަނޑު ފަރާތަކީ އޮމާނެވެ. އެ ހަމަލާ ދީފައިވަނީ އޮމާނުގައި އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާތައް ބޭއްވުމަށް ތާވަލުކޮށްފައި ވަނިކޮށެވެ.
މީގެ އިތުރުން، ފެބްރުއަރީ 28 ގައި އެމެރިކާ-އިޒްރޭލު އީރާނަށް ދިން ހަމަލާއާ ހަމައަށްވެސް އޮމާނުން ދިޔައީ ދެ ފަރާތުގެ މެދުގައި ސުލްހަ ގާއިމުކުރަން މަސައްކަތް ކުރަމުންނެވެ. އޮމާނަކީ އާންމުކޮށް އަވަށްޓެރި ގަތަރާއި، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީއާ ހިލާފަށް ހިމޭން ދައުރެއް އަދާކުރާ ގައުމެކެވެ. ނަމަވެސް، ހަމަލާދިނުމުގެ ކުރީ ރޭ، އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު އަލްބޫސައިދީ ވަނީ ސީބީއެސް ނިއުސް މެދުވެރިކޮށް، މަޝްވަރާތަކަށް އިތުރު ވަގުތު ދިނުމަށް އާދޭހާއެކު އެދިވަޑައިގެންފައެވެ.
ހަނގުރާމައާ ގުޅޭގޮތުން އޮމާނުން ފޮނުވާ މެސެޖުތަކާ މެދު ޓްރަމްޕްގެ ސަރުކާރު އޮތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.
1790 އިން ފެށިގެން އޮމާން އާއި އެމެރިކާގެ ގުޅުން
ގަތަރު، ބަހްރޭން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާގައި އެމެރިކާގެ ދާއިމީ އަސްކަރީ މަރުކަޒުތައް ހުރި ނަމަވެސް، އޮމާނުގައި އެފަދަ މަރުކަޒެއް ނުހުރެއެވެ. ނަމަވެސް، އޮމާންގެ ދެކުނު އައްސޭރީގައިވާ ދުގުމް ބަނދަރު ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ނޭވީއަށް އޮވެއެވެ.
މިހާރު އޮމާން ފެންނަނީ މަޝްވަރާތަކުގައި ފަހަތަށް ޖެހިފައިވާ ތަނެވެ. ގަތަރާއި ޕާކިސްތާނާ ހިލާފަށް، އޮމާނަކީ މާލީ ގޮތުންނާއި އަސްކަރީ ގޮތުން އެހާ ބާރުގަދަ ގައުމެއް ނޫނެވެ. ނަމަވެސް، އެތައް އަހަރެއް ވަންދެން އޮމާނުން ވަނީ އެމެރިކާއާ އެކު ވަރަށް ބަދަހި ގުޅުމެއް ބާއްވައި، ހަމައެއާއެކު އީރާނާ އެކު ހާރިޖީ ގުޅުންތައް ދަމަހައްޓާފަ އެވެ.
އޮމާންގެ މި ހާއްސަ މަގާމަކީ އެތައް ގަރުނެއްވީ ތާރީހެއް އޮތް ކަމެކެވެ. އޮމާންގެ ސަލްތަނަތަކީ އިންޑިއާ ކަނޑުން ފެށިގެން އެފްރިކާގެ އިރުމަތީ އައްސޭރިއާ ހަމައަށް ފެތުރިފައި އޮތް އެމްޕަޔަރެކެވެ. މިއީ 1971 ވަނަ އަހަރު މިނިވަން ދައުލަތްތަކެއްގެ ގޮތުގައި އުފެދުނު ޔޫއޭއީ އާއި ގަތަރު ފަދަ އަވަށްޓެރި ގައުމުތަކާ އަޅާބަލާއިރު ވަރަށް ދިގު ތާރީހެއް އޮތް ގައުމެކެވެ. އެމެރިކާއާ އެކު އެންމެ ދުވަސްވީ ހާރިޖީ އަދި ވިޔަފާރީގެ ގުޅުން އޮތް ގަލްފް ގައުމަކީ ވެސް އޮމާނެވެ. އެ ގުޅުން ފެށިފައިވަނީ 1790 ގައެވެ.
އެހެން ގަލްފް ގައުމުތަކެކޭ އެއްފަދައިން، އޮމާނުން ވެސް ވަނީ ޓްރަމްޕްގެ އާއިލާއާ ގާތް ގުޅުމެއް ބާއްވާފައެވެ. ރައީސްގެ ދަރިން ހިންގާ 'ޓްރަމްޕް އޯގަނައިޒޭޝަން' އިން ދަނީ އޮމާނުގައި ލަގްޒަރީ ހޮޓަލަކާއި ގޮލްފް ކޯހެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫއަކީ ފްރެންޗައިޒް އެއްބަސްވުމެއްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
ދަރްމެންދްރާއަށް އިންޑިއާގެ ދެވަނައަށް އެންމެ ޝަރަފުވެރި އެވޯޑް!
ވަރުންގެ "ޗުނަރި ޗުނަރި" ބެލުންތެރިންނަށް ކަމަކު ނުދިޔަ!