ބޮޑު އީދު ދުވަސްވަރާ ދިމާކޮށް މޫސުން ގޯސްވެ، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވެ، އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް މިއަދު ވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ތިން ދުވަހުވެސް އުތުރުގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މެދު ރާއްޖޭގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރި ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭ އިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އަދި އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.

އެ އިދާރާއިން ބުނީ، މެދު ރާއްޖެތެރެއާއި އުތުރަށް ރާޅުގެ އުސްމިނުގައި 7-4 ފޫޓު އަދި ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 4-2 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައި ވަނީ އދ. މާމިގިއްޔަށެވެ. އެރަށަށް 36 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.