މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ދެން ގަލްފުގެ ގައުމުތަކަށް ރައްކާތެރިކޮށް ނުދެވޭނެ ކަމަށް ވިދާޅުވެ އީރާނުގެ ސްޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ އިންޒާރު ދެއްވައިފި އެވެ. އެ ސަރަހައްދުގައި އެމެރިކާއަށް ދެން އަމާންވެއްޓެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ޒަމާން ބަދަލުވެއްޖެ. މި ސަރަހައްދުގެ ގައުމުތަކާއި ބިންތަކަކީ ދެން އެމެރިކާގެ މަރުކަޒުތައް ހިމާޔަތްކޮށްދޭނެ ތަންތަނެއް ނޫން. ނުބައިކަން ފެތުރުމަށާއި އަސްކަރީ މަރުކަޒުތައް ގާއިމުކުރުމަށް އެމެރިކާއަށް މި ސަރަހައްދުން ދެން ރައްކާތެރިކަމެއް ނުލިބޭނެ،" ޚާމަނާއީގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި އާންމުކުރި ބަޔާނެއްގައިވެ އެވެ.
މި މޭރުމުން އޭނާ ވާހަކަދައްކަވާފައި މިވަނީ، އީރާނާއި އެމެރިކާއާ ދެމެދު ތިން މަސް ދުވަހަށް ދެމިގެންދިޔަ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދަނިކޮށް އެމެރިކާއިން އާ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާއިން މިއަދު އީރާނަށް ހަމަލާތަކެއް ދިނުމާއި ގުޅިގެން ޚާމަނާއީ ވަނީ ބަދަލުގައި ހަމަލާތަކެއް ދެއްވާނެ ކަމުގެ އިންތިޒާރު ދެއްވާފަ އެވެ. އަދި ވިދާޅުވީ މެދު އިރުމަތީގެ ސަރަހައްދީ ބާރުތަކަށް ދެން އެ ގައުމުތަކުގައި އެމެރިކާއިން ގާއިމްކޮށްފައިވާ ބޭސްތައް ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އަދި ގަލްފުގެ ބާރުތަކަކީ އެމެރިކާއަށް ރައްކާތެރިކަމުގެ ހަތިޔާރަކަށް ދެން ނުހެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޖުތަބާ ޚާމަނާއީ އީރާނުގެ ލީޑަރުކަމާ ހަވާލުވެވަޑައިގަތީ، އެމެރިކާ އާއި އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގައި އޭނާގެ ބައްޕާފުޅު، އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން މިދިޔަ މާޗު މަހު އެވެ. މަގާމާ ހަވާލުވެވަޑައިގަތް ފަހުން އޭނާ އަދި އާންމުންގެ ކުރިމައްޗަށް ފެނިވަޑައިގެންފައެއް ނުވެ އެވެ.
ހަމަލާތައް އަލުން ފަށައިފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު
އީރާނުގެ އަސްކަރިއްޔާގެ އިސް ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވީ އެމެރިކާ ނުވަތަ އިޒްރޭލުން އީރާނަށް އަލުން އެއްވެސް ހަމަލާއެއް ދީފިނަމަ، އޭގެ ރައްދު ކުރިއަށް ވުރެ މާ ވަރުގަދަވާނެ ކަމަށެވެ.
"މި ސަރަހައްދުގައި އަލުން ހަނގުރާމައެއް ފެށިއްޖެނަމަ، އީރާނުގެ ރައްދު ހަމަލާތައް ސަރަހައްދީ އިމުން ބޭރަށް ފޯރާނެ. އަދި އެ ހަމަލާތައް މާ ނުރައްކާތެރިވެފައި ވަރުގަދަވާނެ،" އީރާނުގެ އަސްކަރީ ތަރުޖަމާނު އަބުލްފަޟްލް ޝެކަރްޗީ ވިދާޅުވި ކަމަށް ފާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވެ އެވެ.
އަންގާރަ ދުވަހުގެ ކުރީކޮޅު ފާސް އެޖެންސީން ބުނިގޮތުގައި، ހޮރްމުޒް ކަނޑުއޮޅި ކައިރީގައި އޮންނަ ލާރަކް ރަށުގެ ދެކުނުން އީރާނުގެ އުޅަނދުތަކަކަށް އެމެރިކާ އާއި އިޒްރޭލުގެ ބޯޓުތަކުން ހަމަލާދީ، އީރާނުގެ ބައެއް ރައްޔިތުން ވަނީ މަރާލާފަ އެވެ.
މި ހަމަނުޖެހުންތައް ފެށުނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އޭގެ ފަހުން އޭޕްރީލް 8 ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނެވެ.
ޖޭމްސް ބޮންޑްގެ ރޯލުން އިދްރިސް އެލްބާ ފެނިދާނެތަ؟
ދިވެހި ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގައި
ހިމަބިއްސަށް އިތުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެ