އެއްވެސް ސަރަޙައްދަކުން ކަރަންޓު ކަނޑާނުލައި ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދަށް ނިމިއްޖެ ކަމަށް ބުނެފައި ވަނިކޮށް ކުއްލިއަކަށް މާލެ އާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑިއްޖެ އެވެ.
މާލެ އާއި ހުޅުމާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ މެންދުރު 12 ޖަހާކަން ހާއިރު އެވެ.
ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވާ ސިސްޓަމް އަގްރޭޑްކޮށްފައި ވަނީ އިންޖީނުގެ ނިއްވާލައިގެންނެވެ. އިންޖީނުގެ ނިއްވާލާފައި ވަނީ ރޭ މެންދަމުން އަލިވެ 3:00 އިން ފެށިގެން ހެނދުނު 8:00 އާ ހަމައަށެވެ.
ސްޓެލްކޯ އިން ބުނީ އެ ވަގުތު މާލޭގެ ލޯޑް ހުރީ 76 މެގަވޮޓްގައި ކަމަށެވެ. މި ވަގުތުތަކުގައި އިންޖީނުގެ ނިއްވާލި ނަމަވެސް މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކޮށްފައި ވަނީ ހުޅުމާލޭގައި ހުރި ހައިސްޕީޑް އިންޖީނުތަކުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ސްޓެލްކޯއިން ބުނީ މި އަޕްގްރޭޑަކީ އިންޖީނުގެއަށް އިތުރު ޖެނެރޭޝަން ފީޑް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ހިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލާފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަށްފަހު ދުރާލާ އެކަން ކަސްޓަމަރުންނަށް އަންގާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ސްޓެލްކޯއިން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުނުކެނޑި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވާ ސިސްޓަމަށް ގެންނަން ޖެހޭ އަޕްގްރޭޑާއެކު އިންޖީނުގެއަށް އިތުރު ޖެނެރޭޝަން ފީޑް ކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.
1.2 ބިލިއަން މީހުން ނަފްސާނީ ބަލިތަކާ ހަނގުރާމަ ކުރަނީ!
ރޭގެ މުޒާހަރާއިން ބަންދުކުރި ސިޔާސީ ހައްޔަރީން ދޫކޮށްލައިފި
ބަންގްލަދޭޝްގައި ހިމަބިހި ފެތުރި 500 ކުދިން މަރުވެއްޖެ