ވ. އަތޮޅު ދެކުނު ކަނޑު ނުވަތަ ތިންވަނަ ކަނޑުގައި އޮންނަ ކަނޑުއަޑީގެ ބޮޑު ހޮހަޅައަށް، އެކަށީގެންވާ ތަމުރީނާއި ހާއްސަ އާލާތްތަކާ ނުލައި އެއްވެސް ބަޔަކު ނުވަނުމަށް ރެސްކިއު ޓީމުން ނެރުނު ރިޕޯޓުގައި އިލްތިމާސްކޮށްފި އެވެ.
މި އިލްތިމާސަކީ އިޓަލީގެ ފަސް ފަތުރުވެރިންނާއި ދިވެހި ސިފައިންގެ ޑައިވަރެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާއަށްފަހު، ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ ޓީމަކުން އެ ސަރަހައްދު ދިރާސާކުރުމަށްފަހު ނެރުނު ސީރިއަސް އިންޒާރެކެވެ.
ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) ޔޫރަޕުން ހާމަކޮށްފައިވާ ގޮތުގައި، މި ހޮހަޅައިގެ އެތެރެއަކީ އިންސާނަކު ހާސްކޮށްލާ ފަދަ އޮޅުންބޮޅުން ބޮޑު ތަނެކެވެ. ހޮހަޅައިގެ ދެވަނަ ޗެމްބަރުގެ ފުލުގައި އޮންނަ ވެލިގަނޑަކީ ކުޑަ ހަރަކާތަކުން ވެސް މުޅި ފެންގަނޑު ކަޅުކޮށްލާ ފަދަ ނާޒުކު ތަނެކެވެ. ހޮހަޅައިގެ ދޮރުމަތީގައި އޮންނަ ވެލި ފުންޏެއްގެ ސަބަބުން، ބޭރަށް ނުކުންނަން އަންނަ ޑައިވަރުންނަށް އަސްލު މަގު ފެންނަނީ ބަންދުވެފައިވާ ފާރެއްގެ ގޮތުގަ އެވެ. މީގެ ސަބަބުން އޭގެ އަރިމަތިން އޮތް، ނުކުމެވޭނެ އެއްވެސް ގޮތެއް ނެތް ހަނި ކޮރިޑޯއަކަށް ޑައިވަރުންނަށް ވަދެވުނީ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ޑޭން އިން ބުންޏެވެ.
މި ހާދިސާގައި މަރުވި ޑައިވަރުންނަކީ އިލްމީ ގޮތުން މަތީ ފެންވަރުގެ ބަޔަކަށް ވީ ނަމަވެސް، ކޭވް ޑައިވިންގެ އަސާސީ ސަލާމަތީ ފިޔަވަޅުތައް އެމީހުންނަށް އެޅިފައި ނެތްކަން ރިޕޯޓުން ހާމަވެ އެވެ.
ގާތްގަނޑަކަށް 12 ލީޓަރުގެ އާދައިގެ ސިލިންޑަރު ބޭނުންކުރުމުން، އެ ފުންމިނުގައި ހޭދަކުރަން ލިބެނީ އެންމެ 10 މިނެޓުކަން ޑޭން އިން ފާހަގަކުރި އެވެ. އެހެންކަމުން އެ ޑައިވަރުންނަށް މަގު އޮޅުމުން ކުރިމަތިވި ހާސްކަމުގައި ނޭވާލާ މިންވަރު އަވަސްވެ، ވައި ހުސްވީ އެވެ.
ހަމައެއާއެކު ކޭވް ޑައިވިންގައި ކޮންމެހެން ބޭނުންކުރަންޖެހޭ 'އެރިއަޑްނީސް ތްރެޑް' ނުވަތަ މަގުދައްކާ ވާ ބޭނުންކޮށްފައި ނުވާއިރު ފަތުރުވެރިންނަށް ކަނޑައަޅާފައިވާ 30 މީޓަރުގެ ހުއްދައަށްވުރެ މާ ފުނަށް ފީނާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ. އަދި ކަމާބެހޭ ފަރާތްތަކަށް ނާންގާ އެހާ ފުނަށް ފީނުމަކީ ހާދިސާގެ ނުރައްކާ ބޮޑުވި ސަބަބެއްކަން ވެސް ފާހަގަކުރި އެވެ.
މި ހޮހަޅައިގެ ނުރައްކާތެރިކަން ހުރި މިންވަރުން، ހަށިގަނޑުތައް ނެގުމަށް ބޭނުންކުރަން ޖެހުނީ އެންމެ ޒަމާނީ 'ސީސީއާރް' ރީބްރީތާ އާއި 'ޑީޕީވީ' ފަދަ ހާއްސަ އާލާތްތަކެވެ. އެހެންކަމުން މިއީ އެއްވެސް ހާލެއްގައި އާދައިގެ ޑައިވަރުންނަށް ވަދެވޭނެ ފަދަ ތަނެއް ނޫން ކަމަށް ޑޭން އިން ފާހަގަކުރި އެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 18 އިން 21 އަށެވެ. މި އޮޕަރޭޝަންގައި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)، ދިވެހި ފުލުހުންގެ ޚިދުމަތް، ޑައިވާޒް އެލާޓް ނެޓްވާކް (ޑޭން) ޔޫރަޕް، ނަކައި ރިސޯޓް އަލިމަތާ، ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް، ފޯސައިޓް ސާވޭޔާސް ޕްރައިވެޓް ލިމިޓެޑް، ފިންލޭންޑުގެ ޓެކްނިކަލް ޑައިވިން ޓީމެއްގެ އިތުރުން އިޓަލީވިލާތުގެ ޚާރިޖީ ވުޒާރާއިން ވަނީ ގުޅިގެން މަސައްކަތްކޮށްފަ އެވެ.
އެމެރިކާގެ އިންޓެލިޖެންސް ވެރިޔާ އިސްތުއުފާ ދީފި
މަޝްހޫރު ކޭޕޮޕް ބޭންޑް ބީޓީއެސްއަށް ދުނިޔޭގެ ރެކޯޑެއް!