ސިޔާސީ މަޝްވަރާތައް ކުރިއަށްދާ މިދަނޑިވަޅުގައި ވެސް، އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތަކުގެ އާ ބުރެއް ފެށުމަށް ރައީސް ޓްރަމްޕްގެ ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް، ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ނަމަވެސް އަދި އެ ހަމަލާތައް ދިނުމާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އީރާނަށް ދީފާނެ ހަމަލާތަކަށް ތައްޔާރުވުމުގެ ގޮތުން، އެމެރިކާގެ އަސްކަރިއްޔާ އާއި އިންޓެލިޖެންސް އިދާރާތަކުގެ ބައެއް މުވައްޒަފުން ވަނީ އެބޭފުޅުންގެ ބަންދު ދުވަސްތަކުގެ ރޭވުންތައް ކެންސަލްކޮށްފައިވާ ކަމަށް ބައެއް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން ރައީސް ޓްރަމްޕްވެސް ވަނީ ސަރުކާރުގެ ކަންކަން ހުރިގޮތުން މި ހަފުތާ ބަންދުގައި ބާއްވާ ދަރިފުޅު ޑޮނަލްޑް ޓްރަމްޕް ޖޫނިއާގެ ކައިވެނީގެ ހަފުލާގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެފަ އެވެ. މެމޯރިއަލް ޑޭ ބަންދުގައި ނިއު ޖާޒީގައި ހުންނަ އެމަނިކުފާނުގެ ގޮލްފް ރިސޯޓަށް ވަޑައިގަތުމަށް ކުރިން ރާވާފައި އޮތް ނަމަވެސް، ޓްރަމްޕް ވަނީ މިއަދު ކުއްލިގޮތަކަށް އަނބުރާ ވައިޓް ހައުސްއަށް ވަޑައިގަތުމަށް ނިންމަވާފަ އެވެ.
އީރާނުން ދީފާނެ ބަދަލު ހިފުމުގެ ހަމަލާއަކަށް ސަމާލުވެ، މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ޤައުމުން ބޭރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އެލާޓް ލިސްޓުތައް ޑިފެންސް އަދި އިންޓެލިޖެންސް އޮފިޝަލުން ވަނީ އަޕްޑޭޓް ކުރަން ފަށާފަ އެވެ.
އޭޕްރީލް މަހުގެ ކުރީކޮޅު ފެށުނު ވަގުތީ ސުލްހައާ އެކު، ދިގު މުއްދަތުގެ އެއްބަސްވުމަކަށް ކުރެވޭ ނުރަސްމީ މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން، އެމެރިކާ އާއި އީރާނުން ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލާފަ އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު އޭނާ ކެލީ ސީބީއެސް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ޓްރަމްޕް ކަނޑައަޅުއްވާފައިވާ ޝަރުތުތައް ވަރަށް ސާފު ކަމަށެވެ. އެއީ އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ފުރުސަތު ނުދިނުމާއި، މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެގައުމުގައި ބެހެއްޓުމަށް ފުރުސަތު ނުދިނުމެވެ.
އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސްއިން ބުދަ ދުވަހު އިންޒާރު ދީފައިވަނީ، އެމެރިކާ ނުވަތަ އިޒްރޭލުން އެގައުމަށް އިތުރު ހަމަލާއެއް ދީފިނަމަ، މުޅި މެދުއިރުމަތީގެ މަސްލަހަތު ގެއްލި، ހަނގުރާމަ ފުޅާވެގެންދާނެ ކަމަށެވެ. އަދި ހީވެސް ނުކުރާ ފަދަ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ތެހެރާނުން މިހާރު ދަނީ، ހަކަތައިގެ ބާޒާރަށް ލޮޅުން އަރުވާލައި ތެލުގެ އަގު އުފުލިގެން ދިޔަ ތިން މަސްދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުން ދިރާސާ ކުރަމުންނެވެ. ސީ.ބީ.އެސް އިން އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކުރި ގޮތުގައި ބުދަ ދުވަހު އީރާނަށް ފޮނުވި މި ހުށަހެޅުމަކީ އެންމެ ފަހުގެ ހުށަހެޅުން ކަމަށާއި، މިއަށް އިންކާރުކޮށްފިނަމަ އަސްކަރީ ހަމަލާތައް އަލުން ފަށާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވީ އީރާނުން އޮތީ އެއްބަސްވުމަކަށް އަންނަން ކެތްމަދުވެފައި ކަމަށެވެ.
ބުދަ ދުވަހު ޓްރަމްޕް ވަނީ އެންމެ ފަހުގެ ހުށަހެޅުމަށް ޖަވާބު ދިނުމަށް ތެހެރާނަށް ދެތިން ދުވަސް ދޭން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. އަދި އީރާނުގެ މަންދޫބުންގެ މަސައްކަތާ މެދު ޓީމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ވިދާޅުވި ނަމަވެސް، އަލުން ހަނގުރާމައެއް ނުފެށޭނެ ފަދަ ވަރުގަދަ ޔަގީންކަމެއް ސަރުކާރަށް ބޭނުންވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މިކަމުގެ ޖަވާބު ވަރަށް އަވަހަށް ޕާކިސްތާނު މެދުވެރިކޮށް ލިބޭނެ ކަމަށް ބެލެވެއެވެ.
އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ނޫސްވެރިންނަށް ވިދާޅުވީ، ޓްރަމްޕް ސަރުކާރުގެ ފަރާތުން އީރާނާ އެކު މުއާމަލާތް ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ ފީލްޑް މާޝަލް މެދުވެރިކޮށް ޖަވާބެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ރޫބިއޯ ވިދާޅުވީ ހަމަލާ ދިނުމުގެ ބަދަލުގައި ރައީސް ޓްރަމްޕް އިސްކަންދެއްވަނީ ސިޔާސީ ހައްލަކަށް ކަމަށާއި، ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް އަދި ކުރަންޖެހޭ މަސައްކަތް އެބަހުރި ކަމަށެވެ.
މީގެ އިތުރުން، އީރާނުން އަމިއްލައަށް ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލަން އެއްބަސްނުވެއްޖެނަމަ، އަސްކަރީ ބާރުގެ ބޭނުންކޮށްގެން އެތަން ހުޅުވުމަށް ނޭޓޯގެ މެންބަރުންނާ އެކު ސްވިޑަންގައި ބޭއްވި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވުނު "ޕްލޭން ބީ" އަށް ވެސް ރޫބިއޯ އިޝާރާތް ކުރެއްވި އެވެ.
ވޮޝިންޓަންގައި، އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާ ދިނުމަށް ރައީސް ޓްރަމްޕަށް އޮތް ބާރު ހަނިކުރުމަށް ހައުސް ރިޕަބްލިކަނުން ކުރި މަސައްކަތް ބުރާސްފަތި ދުވަހު ވަނީ ހުއްޓާލާފަ އެވެ. އެއީ އެ ގަރާރު ކުރިއަށް ގެންދިއުން ހުއްޓުވުމަށް ބޭނުންވާ އަދަދަށް ވޯޓު ނުލިބޭނެކަން ކަށަވަރުވުމާ ގުޅިގެންނެވެ.
ހުރިހާ އާރްޓީއައިތަކަށް ޖަވާބުވާނީ ދީފައި: މުންދު
ގިނަގިނައިން "ސަޕްރައިޒް" ދޭން ޖެހޭ ސަބަބު މިއޮތީ!