އޭނާއަށް ދިވެހި ސަރުކާރުން ހިތްވަރު ދިނުމުގެ އެވޯޑް ދީފައިވޭ. ހަކީމީ ބޭސްވެރިކަމަށް ނުކުތީ ގިނަ ތަޖުރިބާތަކަކަށް ފަހު އަދި ފުންނާބު އުސް ބޭސްވެރިން ކައިރިން އިލްމު އުނގެނިގެން. އޭނާ މަސައްކަތް ކުރަނީ އަމިއްލަ ގޭގައި. އެހެން ނަމަވެސް، މީހުން މޫދަށް އެރުވައިގެން ވެސް ފަރުވާގެ ބައެއް ކަންކަން ކުރިއަށް ގެންދޭ. އޭނާ އަމިއްލައަށް ބޭސް ހަދާ، ބޭނުންވާ މީހުންނަށް ބޭސް ފޯރު ވެސް ކޮށްދޭ. އޭނާގެ ފަރުވާއާ ދޭތެރޭ ގިނަ ބަޔަކު ހިތްހަމަޖެހޭ.

އަވަދިނެތި އުޅެން ޖެހުމަކުން އޭނާ ކުރާ ދިވެހި ބޭސްވެރިކަމަށް ހުއްޓުމެއް ނެތެވެ. އެ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަމަލާ ބަހުން އޭނަ ދައްކަދީފި އެވެ. މިއީ އެތައް ދިވެހިންނަކަށް ފަރުވާ ދީ ފަސޭހަކޮށްދީފައިވާ މޮޅު ތަޖުރިބާކާރު ބޭސްވެރިއެކެވެ. ހަކީމީ ބޭސްވެރިކަމުގެ ދާއިރާއިން މުޖްތަމައުއަށް ފައިދާހުރި މަސައްކަތެއް ކޮށްދީފައިވާތީ އެކަމުގެ އަގުވަޒަން ކުރައްވައި، ދިވެހި ސަރުކާރުން 2016 ވަނަ އަހަރު ހަނދާނީ ފިލައެއް ދީފައިވާ ހަކީމީ ބޭސްވެރިއެކެވެ.

ހދ. މަކުނުދޫއަށް އުފަން އަހުމަދު ވާފިރު (ވާފިރު) ނިސްބަތް ވަނީ ބޭސްވެރި އާއިލާއަކަށެވެ. އޭނާގެ ކާފައަކީ ރަށުގެ ފުންނާބު އުސް ދިވެހި ބޭސްވެރިއެކެވެ. ކާފަގެ ފަހަތުން އޭނާގެ ބައްޕަ ވެސް ހަމަ އެ ހިދުމަތުގައި އުމުރުގެ އެންމެ ފަހު ވަގުތާ ޖެހެންދެން ދެމިހުއްޓެވެ. ވާފިރު ވަނީ އޭނާގެ ބައްޕަގެ ކައިރިންނާއި މަޝްހޫރު ދިވެހި ބޭސްވެރިޔާ އަލްމަރްހޫމް މާވާގޭ ތުއްތުމަނިކުގެ ކައިރިން ވެސް ބޭސްވެރިކަން ދަސްކޮށްފަ އެވެ.

ވާފިރު ބަލިމީހަކަށް ފަރުވާ ކުރަނީ: އޭނާ ކައިރިއަށް ބޭސްކުރަން ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އާދޭ

"ބައްޕަ ވެސް ކާފަ ވެސް ކުރި މަސައްކަތް އެއީ. އަޅުގަނޑު ބޭސްވެރިކަން ދަސްކުރީ ބައްޕަ ކައިރިންނާއި މާވާގޭ ތުއްތުމަނިކުގެ ކައިރިން. ބައްޕަ ނިޔާވުމުން އަޅުގަނޑުގެ ބޭސްވެރިކަމަށް ނުކުތީ. އޭރު އަޅުގަނޑުގެ އުމުރުންވީ 28 އަހަރު،" އެތައް ބަޔަކަށް ދިވެހި ބޭހުގެ ފަރުވާ ކޮށްފައިވާ ވާފިރު ކިޔައިދިނެވެ.

ވާފިރު ފަރުވާ ކުރާ ބަލިތަކުގެ ތެރޭގައި ވާގިނެތޭ ބަލި، މައިބައިގެ މައްސަލަތައް، އެކި ރިހުންތައް، ވައި އަދި ބަނޑުގެ ބަލިތައް ހިމެނެ އެވެ. އެ ބަލިތަކަށް ބޭނުންކުރާ ބޭހާއި ތެޔޮ ވެސް ތައްޔާރު ކުރަނީ ވާފިރު އަމިއްލައަށެވެ. ބޭސް ތައްޔާރު ކުރުމަށް ތަފާތު ފަތްޕިލާވެލި އޭނާ ބޭނުންކުރެ އެވެ. ވާފިރު ތައްޔާރުކުރާ ތެލަކީ 5 ބާވަތެއްގެ ގުދުރަތީ ބާވަތްތައް ހިމަނައިގެން އުފައްދާ ތެލެކެވެ.

ދިވެހި ސަރުކާރުން އަރުވާފައިވާ ހަނދާނީ ފިލާ: އޭނާ ބޭސް ވެރިކަން ދަސްކުރީ ރާއްޖޭގެ ބައެއް ފުންނާބު އުސް ބޭސްވެރިންގެ ކައިރިން

"ގާތްގަނޑަކަށް ބުނާނަމަ، ޕެރެލައިޒް ވެގެން ނުވަތަ ވާގިނެތިގެން އަންނަ މީހުންގެ 90 ޕަސެންޓް އެކަނި ހާލަށް އުޅެވޭ ވަރަށް އަޅުގަނޑު ރަނގަޅު ކޮށްދެން. އެ ބަލީގައި ދޭ ފަރުވާގެ ތެރޭގައި ހިމެނެނީ ގައިގައި ފަތްމޮޑުމާއި ކަސްރަތު ކުރުވުމާއި އަދި ތެޔޮދެމުން،" ވާފިރު ބުންޏެވެ.

ވާގިނެތޭ ބަލީގެ ފަރުވާއަށް އެކަނި ވެސް ރާއްޖޭގެ އެކި ހިސާބުތަކުން މަކުނުދޫއަށް، އޭނާގެގެ ފަރުވާ ހޯދުމަށް ބަލި މީހުން އަންނަކަން އޭނާ ފާހަގަކުރި އެވެ. ބޭސްކުރުމުގެ ހުރިހާ ކަމެއްގައި ވެސް ވާފިރުގެ އިރުޝާދުގެ ދަށުން ބަލި މީހުން މަސައްކަތް ކުރެ އެވެ. ގިނަ މީހުން އެއްފަހަރާ ހާޒިރުވެފައިވާ ނަމަ، ވީ އެންމެ އަވަހަށް ފަރުވާ ދެވޭނެ އިންތިޒާމެއް އޭނާ ރާވާލަ އެވެ.

"ބަލިމީހާގެ އެހީތެރިންގެ މަދަދު ހޯދަން ބައެއް ފަހަރު. މޫދަށްލާއިރު ކަންތައް ކުރާ ގޮތް ދައްކާދީފައި އެހީތެރިޔާ ލައްވާ އެގޮތަށް ކަންތައް ކުރުވަނީ އަޅުގަނޑުގެ ހާޒިރުގައި. އެއީ ހުރިހާ ބަލި މީހުންނަށް ވެސް އެމީހެއްގެ ފަރުވާ އަވަސް ކުރުމަށް،" ވާފިރު ބުންޏެވެ.

އޭނާ ތައްޔާކުރާ ބޭސް ތެޔޮ އޭނާގެ އަމިއްލަ ބޭސް ފިހާރަ ކަމަށްވާ "އަނބިހި" ބޭސް ފިހާރައިން ލިބެން ހުރެ އެވެ. އެކި ބަލިތަކަށް އެކި ތެލެވެ. ވާގިނެތޭ ބަލީގައި ބޭނުންކުރާ ބައްޔަށް އޭނާ ދީފައިވާ ނަމަކީ "އައްސި ކެޔޮ" އެވެ. އެކި ބަލިތަކަށް ބޭނުންވާ ތެޔޮ ބޭނުން ވެގެން ރައްރަށުން މީހުން ގުޅުމުން، ޑެލިވަރީ ކޮށްދިނުމުގެ އަވަސް ހިދުމަތް ވެސް އޭނާ ދެ އެވެ. ބޭސް އަބަދުވެސް ތައްޔާރު ކޮށްފައި ހުރުމުގެ ފައިދާއަކީ ފަރުވާގެ ކަންކަން އަވަސްވުން ކަމަށް އޭނާ ބުންޏެވެ.

ވާފިރުގެ ކައިރިން ބޭސްކުރާ ބަލިމީއެއް: އޭނާގެ ފަރުވާ އަވަސް ވެފައި ރަނގަޅު

"ފަތްޕިލާވެލިން ތައްޔާރު ކުރާ ބޭސް މި ހަދަނީ. ކޮންމެ ބައްޔަކަށް ދެވޭ ބޭސް ތަފާތުވާނެ. އެފަދަ ބޭސްތަކަކީ އެބޭފުޅަކު އައިމަ ތައްޔާރު ކޮށްދެވޭ ބޭސް. ދެން އަޅުގަނޑު ތައްޔާރުކުރާ ތެޔޮ، ބޭސް ފިހާރައިން ލިބެން ހުންނާނެ. ވަރަށް ގިނައިން މީހުން އެތެޔޮ ގަނެގެން ގެންދާނެ،" ވާފިރު އިތުރަށް ކިޔައިދިނެވެ.

ވާފިރު ފަރުވާ ދެނީ އަމިއްލަ ގޭގަ އެވެ. އޭގެ އިތުރުން ބައެއް ހާލަތްތަކުގައި ގޮނޑުދޮށުގައި ވެސް ފަރުވާ ދެ އެވެ. ވާފިރު ދޭ ހިދުމަތަކަށް އޭނާ އެއްވެސް އުޖޫރައެއް މިހާތަނަކަށް ނަގައިފައެއް ނުވެ އެވެ. އެއީ އޭނާގެ ބައްޕަ ވެސް އެފަދައިން ކަންތައް ކޮށްފައި ވާތީ އެވެ. ދެވުނު ޚިދުމަތް ރަނގަޅުވެގެން "ޝުކުރިއްޔާ" ބުނެލުމުން ވެސް ފުދޭ ކަމަށް އޭނާ ބުންޏެވެ.

ވާފިރު ބަލިމީހުންނަށް ފަރުވާ ކުރުމަށް މޫދު ކައިރީގައި: ހިދުމަތަށް އުޖޫރައެއް ނުނަގާ

މިހާތަނަށް ފަރުވާއަށް އައި ފަރާތްތަކުން، ފަރުވާގެ އެންމެހާ ކަންކަން ނިމިގެން އަނބުރާ ރަށަށް ދާއިރު، އޭނާއާ ވަރަށް ގާތް ގުޅުމެއް އުފެދިފައި އޮންނަ ކަމަށް ވާފިރު އުފަލާއެކު ފާހަގަކުރި އެވެ. ފަރުވާއާ ދޭތެރޭ މީހުން ހިތްހަމަޖެހޭ ކަން ލިބޭ ރަނގަޅު ކޮމެންޓްތަކުންނާއި އޭނާގެ ފަރުވާއަށް ބޭނުންވެގެން އަންނަ މީހުންގެ އަދަދުން ގިނަވަމުން ދިއުމުން އެނގޭ ކަމަށް ވެސް އޭނާ ބުންޏެވެ. ވީމާ އެއްވެސް ވަރަކަށް އޭނާގެ މަސައްކަތް އިޝްތިހާރު ނުކުރަނީ މި ސަބަބަށްޓަކަ އެވެ.

"އިންސާނިއްޔަތަށްޓަކައި މިކަން ހެޔޮގޮތުގައި ކޮށްދިނުން އަޅުގަނޑުގެ އެންމެ ބޮޑު މަގްސަދަކީ. މީހަކު ކަމަކަށް ބޭނުން ވެއްޖެނަމަ، އަޅުގަނޑުގެ އަތުން ނުލިބޭނެ އެއްޗެއް ނޯންނާނެ. ފޮރުވާނެ އެއްޗެއް ނޯންނާނެ. ކިތަންމެ ބިޒީވިއަސް އަޅުގަނޑުގެ ޚިދުމަތް އިރާދަކުރެއްވިއްޔާ މެދު ކެނޑުމެއް ނެތި ލިބޭނެ،" ވާފިރު ބުންޏެވެ.

ބޭސްވެރިކަމުގެ އިތުރުން ރަށްރަށުގެ ރައްޔިތުން ކޮށް އުޅޭ ބައެއް މަސައްކަތް ވެސް އޭނާ ކުރެ އެވެ. އޭގެ ތެރޭގައި ވިޔަފާރި ކުރުން ހިމެނެ އެވެ. އެހެން ނަމަވެސް ބަލި މީހެއްގެ ފަރުވާއަށް ގޮވާލައިފިނަމަ އޭނާ އަބަދު ވެސް ހުންނަނީ ތައްޔާރަށެވެ.