ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުالله ޔާމީނާއި އިބްރާހީމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތްކުރެއްވުމަށް ނިންމެވި ނިންމެވުމަށް ތާއީދުކޮށް، އެކަމަށް ފުރިހަމަ އެއްބާރުލުންދިނުމަށް، ޕީއެންއެފްގެ ސެނެޓުން ގަރާރެއް ފާސްކޮށްފި އެވެ.
ޕީއެންއެފްގެ ގަރާރުގައިވަނީ، ރައްޔިތުން އިންތިހާބުކޮށްފައިވާ މަޖިލީހުގެ މެންބަރުންގެ މައްޗަށް ސަރުކާރުން ނުފޫޒު ފޯރުވައި އެ މަޖިލީހުގެ ބާރު ކަނޑުވާލައި، އަދި ފަނޑިޔާރުގެއާއި ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލައި، "ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމަކަށް" ރާއްޖޭގެ މިސްރާބު ބަދަލުކޮށްލައިފައިވަނީ ސަރުކާރުން ރާވައިގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި ދިވެހީންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ފާޅުގައި އަރައިގަނެ، އާންމުންނަށް ލިބިދީފައިވާ ރައްކާތެރިކަން ގެއްލުވައިލައިފައިވާ ކަމަށް ވެސް އެ ގަރާރުގައި ވެ އެވެ.
ރާއްޖޭގެ އިގުތިސާދު ހީނަރުވެ، އަމިއްލަ ވިޔަފާރިތަކާއި އިގުތިޞާދީ މަސައްކަތްތައް ދަށަށް ގޮސް، ތަކެތީގެ އަގު އުފުލި، އާންމު ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް، ސަރުކާރު ތެރޭ އިސްރާފު އިތުރުވެ، މަޝްރޫއުތައްވެސް ހުއްޓިފައިވާ ކަމަށް، ގަރާރުގައިވެ އެވެ.
މި ސަރުކާރު ވުޖޫދުވިފަހުން ދައުލަތުގެ އެކި މުއައްސަސާތަކުގައި ކޮރަޕްޝަނާއި ވައްކަން އިތުރުވެ، އެއިން އެއްވެސް ކަމެއް ކަމާބެހޭ އިދާރާތަކަށް ނުބެލޭ ކަމަށާއި، އެއްވެސް ކަމެއް ނުބެލި ގާނޫނުގެ ބާރު ކަނޑުވައިލައިފައިވާ ކަމަށްވެސް، އެ ގަރާރުގައި ބުނެފައިވެ އެވެ.
އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލުވައިލައި، ރައްޔިތުންގެ ބާރު ކެނޑި، އެތައް ޒަމާނެއް ވަންދެން، ކުރި ބުރަ މަސައްކަތުން ދިވެހީން ހޯދި ޑިމޮކްރަސީގެ ހަމަތައް ފުހެވިފައިވާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން މި ސަރުކާރަށް ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލި، ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
ޕީއެންއެފްގެ ސެނެޓުގެ މިއަދުގެ ބައްދަލުވުމަށް އެ ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ސެނެޓަރު އަދި ގާނޫނީ ވަކީލު އަލީ ޝާހެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސެނެޓަރުންގެ އިއްތިފާހުން އެ ގަރާރު ވަނީ ފާސްކޮށްފަ އެވެ.
ގަވައިދާ ހިލާފަށް ރުއްގަސް ކެންޑުމުން 550،000 ގެ ޖޫރިމަނާއެއް
މާރުކޭޓުގެ ބިން ހަވާލު ނުކުރެވެނީ މުއިއްޒުއާ ހެދިކަން ހާމަވެއްޖެ
