އެމެރިކާ އިން ބޭނުންވަނީ އަލުން ހަނގުރާމަ ފަށައި، އީރާނުން އަމާންދީ ބޯލެނބުމަށް ކަމަށް އީރާނުގެ އިސް މަންދޫބު މުހައްމަދު ބާގިރު ގާލީބާފް ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.
ގާލީބާފްގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ އޯޑިއޯ މެސެޖެއްގައި ވިދާޅުވީ، އިގްތިސާދީ އަދި ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވި ނަމަވެސް، ދުޝްމަނުންގެ ފާޅުކަން ބޮޑު އަދި ސިއްރު ހަރަކާތްތަކުން ފެންނަނީ އެމީހުންގެ އަސްކަރީ މަގްސަދުތައް ދޫކޮށްނުލާ ކަމާއި، އާ ހަނގުރާމައެއް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމެވެ.
ގާލީބާފް މިހެން ވިދާޅުވީ، ފެބުރުއަރީ 28 ގައި ފެށުނު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ތެހެރާނާއި ވޮޝިންޓަނުން ހުށަހެޅުންތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އޭޕްރީލް 8 އިން ފެށިގެން މިހާރު އޮތީ ހަމަލާ ބަދަލުކުރުން ހުއްޓާލާފަ އެވެ.
ބުދަ ދުވަހު އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އިންޒާރު ދީފައިވަނީ، އީރާނުން ސުލްހައިގެ އެއްބަސްވުމަކަށް ނައިސްފިނަމަ އަލުން ހަމަލާދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެމެރިކާ އާއި އިޒްރޭލުން އަލުން ހަމަލާދީފިނަމަ ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރިގެންދާނެ ކަމަށެވެ.
ގާލީބާފް ވިދާޅުވީ، އޭޕްރީލް 13 އިން ފެށިގެން ދެމުންދާ އިގްތިސާދީ ފިއްތުންތަކާއި ކަނޑުގެ މަގުން ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓައިގެން، އެމެރިކާ އިން އަދިވެސް އުންމީދު ކުރަނީ އީރާނުން ބޯލަނބައި އެމެރިކާގެ "ބޮޑާ" ހުށަހެޅުންތަކަށް އެއްބަސްވާނެ ކަމަށެވެ.
"ކުރިމަތިވެދާނެ ކޮންމެ ހަމަލާއަކަށް ވަރުގަދަ އަދި ނަތީޖާ ނެރެވޭފަދަ ރައްދެއް ދިނުމަށް އަހަރެމެންގެ ތައްޔާރީތައް އިތުރަށް ވަރުގަދަ ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ. އަދި އެއްވެސް ހާލަތެއްގައި ބިރުދެއްކުމުގެ ކުރިމަތީގައި އީރާނުން ކުޑަކަކޫ ނުޖަހާނެ ކަމަށްވެސް ވިދާޅުވި އެވެ.
އީރާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކަށް އިއުތިރާފުވަމުން، އޭނާ ވަނީ "ގައުމީ އެއްބައިވަންތަކަމަށް" އިލްތިމާސް ކުރައްވާފަ އެވެ.
"މިއަދު މިއީ އަޒުމް ވަރުގަދަކަމުގެ ހަނގުރާމައެއްކަން ކުރިއަށްވުރެ ބޮޑަށް ސާފުވެއްޖެ. މި ހަނގުރާމައިން މޮޅުވާ ބަޔަކު އީރާނުގެ ތާރީޚު ލިޔެ، ގައުމުގެ މުސްތަގުބަލު ކަނޑައަޅާނެ،" އޭނާ ވިދާޅުވި އެވެ.
ހަނގުރާމަ ހުއްޓާާލުމުގެ އެއްބަސްވުމަށް އީރާނުން ހުށަހެޅި އިސްލާހުތައް ޕާކިސްތާނުން ވަނީ މި ހަފްތާގައި އެމެރިކާއާ ހިއްސާކޮށްފަ އެވެ. މިކަމަށް އެމެރިކާއިން ވަކި ޖަވާބެއް މިހާތަނަށް ދީފައިނުވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް އީރާނަށް ހަމަލާދޭނެކަމުގެ އިންޒާރު ދެއްވަމުންނެވެ.
ޓްރަމްޕަށް ލިބޭ ހަނގުރާމައިގެ ބާރު ހަނިކުރާ ގަރާރު ފާސްކުރަނީ
ހިޔާ ރޯދީގައި އަލިފާން ރޯކޮށްލި މީހާ ފިލައިފި