ޑައިވިން ސިނާއަތް ރެގިއުލޭޓް ކުރުމުގެ ޒިންމާ އުފުލަން ޖެހޭ ޓޫރިޒަމް މިނިސްޓްރީން ޑައިވިން ސެންޓަރުތަކުގެ އިންސްޕެކްޝަންތަކާއި އުސޫލުތައް ތަންފީޒުކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް މޯލްޑިވްސް ޑައިވާޒް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވ. އަތޮޅުގައި ހިނގި ދިސާއެއްގައި ޑައިވިންއަށް ދިޔަ އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން އެކަކު މަރުވެ، ހަތަރު މީހަކު ވަނީ ގެއްލިފަ އެވެ.
އެ ހާދިސާއާ ގުޅިގެން ޑައިވާޒް އެސޯސިއޭޝަންގެ ވަގުތީ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ މަސްއޫލިއްޔަތު އަދާކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އަދި މި ދާއިރާގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އެ އެސޯސިއޭޝަނުން ދިނެވެ.
އެ ހިތާމަވެރި ހާދިސާގެ ހަގީގަތް ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އާންމުންނާއި ޑައިވިން ދާއިރާގެ މީހުންނަށް އެސޯސިއޭޝަނުން އިލްތިމާސްކުރެ އެވެ.
ގެއްލުނު ފަތުރުވެރިން ހޯދުމަށް ގިނަ ގޮންޖެހުންތަކަކާއެކު ވެސް މަސައްކަތްކުރަމުންދާ ފަރާތްތަކަށް އެ އެސޯސިއޭޝަނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މި ހިތާމަވެރި ހާދިސާއަކީ ޑައިވިންގެ ރައްކާތެރިކަމުގެ މިންގަނޑުތަކާއި، ތަމްރީނާއި، އަދި ކުއްލި ހާލަތްތަކަށް ތައްޔާރުވެފައި އޮތުމުގެ މުހިންމުކަން ހަނދާންކޮށްދޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ އެސޯސިއޭޝަނުން ބުނީ ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޑައިވިން މަންޒިލަކަށް ވެފައިވަނީ މި ދާއިރާގައި އޮތް ހަރުދަނާ އުސޫލުތަކުގެ ސަބަބުން ކަމަށާއި، އެ މިންގަނޑުތައް ދެމެހެއްޓުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.
ފަލާހުގެ މައްޗަށް އަބުރުގެ ދައުވާ ކުރަން އައްބާސް ނިންމައިފި
ދުންފަތަށް ވުރެ އެކަނިވެރިކަން މާނުރައްކާ؟
ސާޖިދާ ޔޫކޭއަށް ވަޑައިގަތީ ކުރިން ހަމަޖެހިފައި އޮތް ދަތުރެއްގައި
