އެމެރިކާއަށް އެއްވެސް އިތުބާރެއް ނެތް ކަމަށާއި، މަޝްވަރާ ކުރާނީ އެމެރިކާއިން އެކަމުގައި ސީރިއަސްވާ ނަމަ އެކަނި ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ.

ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތައް މެދުކެނޑިފައިވާ ދަނޑިވަޅެއްގައި، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ހުކުރު ދުވަހު ވިދާޅުވީ، ތެހެރާނުން އެމެރިކާއަށް އެއްވެސް އިތުބާރެއް ނުކުރާ ކަމަށެވެ. އަދި އެމެރިކާއާ އެކު މަޝްވަރާ ކުރުމުގެ ޝައުގުވެރިކަން އީރާނުން ގެންގުޅެނީ އެމެރިކާއިން އެކަމުގައި ސީރިއަސްވާ ނަމަ އެކަނި ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އިންޑިއާގެ ނިއުދިއްލީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އަރާގްޗީ ވިދާޅުވީ، އީރާނުގެ ކަނޑުގެ ސިފައިންނާ ގުޅިގެން މަސައްކަތް ކުރާ ނަމަ، އީރާނާ އެކު ހަނގުރާމައިގައި އުޅޭ ގައުމުތަކުގެ އުޅަނދުތައް ފިޔަވައި އެހެން ހުރިހާ އުޅަނދަކަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރެވޭނެ ކަމަށެވެ. ނަމަވެސް، ދުނިޔޭގެ ހަކަތައާއި މުދަލުގެ ބާޒާރަށް ނުހަނު މުހިންމު މި ކަނޑުއޮޅީގެ މަސްރަހު މިހާރު އޮތީ ވަރަށް ބޮޑަށް ނުތަނަވަސްވެފައި ކަމަށް، ބްރިކްސްގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި އޭނާ ވިދާޅުވި އެވެ.

ފެބްރުއަރީ މަހު އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން އީރާނުން ވަނީ، ދުނިޔޭގެ ކަނޑުމަގުން އުފުލާ ތެލާއި ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު ކަނޑުއޮޅި، ގިނަ އުޅަނދުފަހަރަށް ބަންދުކޮށްފަ އެވެ.

ޕާކިސްތާނު މެދުވެރިވެގެން ކުރިއަށްދިޔަ އެމެރިކާ-އީރާނު މަޝްވަރާތައް ވަނީ ހުއްޓިފައި

އެމެރިކާއާއި އީރާނުން މިދިޔަ މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އިއުލާނުކުރި ނަމަވެސް، ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ދަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވަމުންނެވެ. ޕާކިސްތާނު މެދުވެރިވެގެން ކުރިއަށްދިޔަ މި މަޝްވަރާތައް މެދުކެނޑުނީ، މިދިޔަ ހަފުތާގައި ދެގައުމުން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުންތަކަށް ދެފަރާތުންވެސް އިންކާރު ކުރުމާ ގުޅިގެންނެވެ.

އަރާގްޗީ ވިދާޅުވީ، އެމެރިކާއިން ފޮނުވަމުންދާ އިދިކޮޅު މެސެޖުތަކުގެ ސަބަބުން، އެމެރިކާގެ އަސްލު މަގުސަދާ މެދު އީރާނުގެ ހިތުގައި ޝައްކު އުފެދިފައިވާ ކަމަށެވެ. އަދި ޕާކިސްތާނު މެދުވެރިވެގެން ކުރިއަށްދާ މަޝްވަރާތައް ނާކާމިޔާބު ނުވާ ކަމަށާއި، ނަމަވެސް އެ މަސައްކަތް މިވަގުތު އޮތީ ދަތި ހާލަތެއްގައި ކަމަށް އޭނާ އިތުރަށް ފާހަގަކުރެއްވި އެވެ.

ވޭތުވެދިޔަ 13 މަސްދުވަހުގެ ތެރޭގައި، އީރާނަށް ވައިގެ މަގުން ހަމަލާތައްދީ، އެމެރިކާއާއި އިޒްރޭލުން ވަނީ ތެހެރާނާ އެކު ކުރިއަށްދިޔަ ދެ ބުރެއްގެ މަޝްވަރާތައް މެދުކަނޑާލާފަ އެވެ.

ޑިޕްލޮމެސީއަށް ފުރުސަތެއް ދިނުމުގެ ގޮތުން އީރާނުން މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް އަލުން ހަނގުރާމައަށް އެނބުރި ދިއުމަށްވެސް އީރާނު އޮތީ ތައްޔާރަށް ކަމަށް އަރާގްޗީ ވިދާޅުވި އެވެ.

ދެފަރާތުގެ މެދުގައި މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އީރާނުގެ ނިއުކްލިއާ މަޝްރޫއާއި ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އީރާނުން ބާރު ފޯރުވާ މައްސަލަ ހިމެނެ އެވެ.

އަރާގްޗީ މިހެން ވިދާޅުވުމުގެ ކުޑަވަގުތުކޮޅެއް ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނާ މެދު ބާއްވާ ކެތްތެރިކަން ކޮޅުންލަމުންދާ ކަމަށެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ބޭއްވި މަޝްވަރާތަކުގައި، އީރާނުން އެ ކަނޑުއޮޅި އަލުން ހުޅުވަންޖެހޭނެ ކަމަށް އެއްބަސްވެފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޗައިނާ މެދުވެރިވެގެން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އީރާނުން ތައްޔާރުތޯ ސުވާލުކުރުމުން އަރާގްޗީ ވިދާޅުވީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި ކޮންމެ ގައުމެއްގެ މަސައްކަތްވެސް އީރާނުން ބަލައިގަންނަ ކަމަށެވެ.

"ޗައިނާއާ އެކު އަޅުގަނޑުމެންގެ ވަރަށް ރަނގަޅު ގުޅުމެއް އޮވޭ،" އޭނާ ވިދާޅުވި އެވެ.

އުއްމީދު ކުރަނީ މަޝްވަރާތައް ކުރިއަށް ގޮސް، ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލުވެވޭނެ ކަމަށާއި. އޭރުން ކަނޑުއޮޅީގެ ސަލާމަތްތެރިކަން ފުރިހަމައަށް ކަށަވަރު ކުރެވި، އެތަނުން އުޅަނދުފަހަރު ދަތުރުފަތުރު ކުރުން އަވަހަށް އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް އަރަގްޗީ ވިދާޅުވި އެވެ.