މަސް ގަންނަ އަމިއްލަ ކުންފުނިތަކުން ބޮޑުކަންނެލި ގަންނަ އަގު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.
ބޮޑު ކަންނެލި ގަނެ، އެކްސްޕޯޓްކުރާ އެ ކުންފުނިތަކާ ހަވާލާދީ މަސްވެރިން ބުނެފައި ވަނީ ކުރިން 70ރ. އަށް ގަންނަމުންދިޔަ 30 ކިލޯއިން ފެށިގެން މަތީ ކަންނެލި ކިލޯއެއްގެ އަގު މިހާރު 50ރ. އަށް ދަށްކޮށްފައިވާ ކަމަށެވެ. އަދި ކުރިން 50ރ. އަށް ގަންނަމުން ދިޔަ 18-30 ދެމެދުގެ ކަންނެލި ކިލޯއެއްގެ އަގު މިހާރު 40ރ. އަށް ދަށްކޮށްފައިވާ ކަމަށް ވެސް މަސްވެރިން ބުނެފައިވެ އެވެ.
މަސް ގަންނަ ކުންފުނިތަކުން ކަންނެލި ގަންނަ އަގު ދަށްކުރީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރަނީ މިފްކޯގެ އިތުރުން އެންސިސް ފިޝަރީޒް އާއި ހިންމަފުށީގައި ހުންނަ ބިގް ފިޝް އަދި ސީޕްރިއާ މެރިން ފުޑްސް (ސީއެމްއެފް) އިންނެވެ. މިފްކޯ އިން ގަންނަނީ ކަޅުބިލަ މަހާއި ކަންނެލި އެއް އަގެއްގަ އެވެ. އެއީ 1.5 ކިލޯއިން މަތި އައިސް އަޅައިގެން ނަމަ 18ރ. އަށް އަދި އައިސް ނާޅާ ނަމަ 16ރ. އަަށެވެ.
މަސްވެރިން ބުނީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ކަންނެލި މަސްވެރިކަން ދަށްވުމުގެ ސަބަބުން އަގު އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ކަމަށެވެ. އަދި މިދުވަސްކޮޅު ބާނާ ކަންނެލީގެ ސައިޒުތައް ވެސް އެވްރެޖުކޮށް ކުދި ކަމަށް އެ މީހުން ބުނެ އެވެ.