އެކަނިވެރިވުމަކީ ނުރައްކާތެރި ކަމެކެވެ. އެއީ އޭގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ބަލިތަކަށް މަގުފަހިވެ އެވެ. ދިރާސާތަކުން ވެސް މިކަމަށް ބާރުދެ އެވެ. ފަހުގެ ދިރާސާއަކުން ހާމަވި ގޮތުގައި އެކަނިވެރިކަމަކީ ސިނގިރޭޓް ބުއިން އަދި ފަލަ ބައްޔަށް ވުރެ ވެސް ނުރައްކާތެރިކަމެކެވެ.
އެކަނިވެރިކަން ނުވަތަ "ލޯންލިނަސް" އެކި އުމުރުގެ މީހުން ތަހައްމަލް ކުރެ އެވެ. އެހެން ނަމަވެސް އެމައްސަލަ އެންމެ ބޮޑަށް ދިމާވަނީ މުސްކުޅި އުމުރުގެ މީހުންނަށެވެ. އެމެރިކާގެ "ޖާނަލް އޮފް ޖީރިއަޓްރިކްސް"ގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގެ ހުލާސާ ލިޔުމެއްގައި ވާގޮތުން، އެކަނިވެރި މީހުން އަމިއްލަ ހަށިގަނޑަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ތަފާތު ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ. ނަތީޖާއަކަށް ވަނީ އެފަދަ އެކަނިވެރިން އެކިބަލީގައި މަރުވާ މިންވަރު އިތުރުވެފައި ވުމެވެ. މިއީ ދުވާލަކު 15 ސިނގިރެޓް ބުއިމަށް ވުރެ ވެސް ނުރައްކާތެރި ކަމެއް ކަމަށް އެ ލިޔުމުގައި ވެ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ހިތުގެ ބަލިތަކަށް މަގުފަހިވެ އެވެ. އަދި ސްޓްރޯކެއް ޖެހުމުގެ ޗާންސް އޮވެ އެވެ. ހަމަ އެފަދައިން އެކަނިވެރި ދިރިއުޅުމެއް އުޅުމުގެ ސަބަބުން މިބުނެވިދިޔަ ބަލިތަކުގެ ޝިކާރައަކަށް ވުމުގެ އިތުރުން ނަފްސާނީ ބަލިމަޑުކަމަށް މީހާ ހުށަހެޅިދެ އެވެ. އޭގެ ތެރޭގައި ޑިޕްރެޝަން އަދި އެންޒައިޓީ ހިމެނެ އެވެ.
އެކަނިވެރި މީހާ އަށް ކަމެއް ދިމާވުމުން އޭނާގެ އިހްސާސްތަކަށް އަސަރުކުރާ މިންވަރު އަވަހެވެ. އޭގެ ސަބަބުން ޖިސްމާނީ މަސައްކަތްތަކަށް ބުރޫ އަރަ އެވެ. ސިއްހަތަށް އަޅާލެވޭ މިންވަރު ކުޑަވެ އެވެ. ނުވަތަ އެއްވެސް ވަރަކަށް އަޅާނުލެވެ އެވެ.
ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި އެކަނިވެރިވުމުން ހަށިގަނޑުގެ ސްޓްރެސް ހުންނަ މިންވަރު އިތުރުވުމަކީ ދާއިމީކޮށް ހަށިގަނޑު "އިންފްލެމޭޝަން" ނުވަތަ ދުޅަވެފައި ހުރުމަށް މަގުފަހިވާނެ ކަމެކެވެ. ދާއިމީކޮށް ދުޅަ ހުންނަ ނަމަ ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހިވާނެ އެވެ. އޭގެ ތެރޭގައި ކެންސަރު ބަލި، ހިތުގެ ބަލިތައް އަދި ވިސްނުމުގެ ބާރު ދަށްވުން ހިމެނެ އެވެ.
ސިއްހީ ގޮތުން ނުރަނގަޅު އާދަތައް އަށަގަތުމަކީ ވެސް އެކަނިވެރި ދިރުއުޅުމެއް އުޅޭ މީހަކަށް ކުރިމަތިވުން ގާތް ކަމެކެވެ. ހާއްސަކޮށް ނިދި މަދުވުން، ކަސްރަތު ނުކުރެވުން، އަދި މިންހެޔޮ ދުޅަހެޔޮ ކާނާ ކެއުމާ ދުރުހެލިވެ އެވެ. މިއިން ކޮންމެ ކަމަކީ ވެސް ސިއްހީ ގޮތުން ނުރަނގަޅު އާދަތަކެވެ. މިބުނެވިދިޔަ ކޮންމެ އާދައެއް ޖިސްމާނީ ބަލިތަކަށް މަގުފަހިކުރުވަ އެވެ. އޭގެ ތެރޭގައި ފަލަބަލި ވެސް ހިމެނެ އެވެ.
އެކަނިވެރިވެ އުމުރުން ދުވަސްވެފައިވާ މީހެއްނަމަ، ވިސްނުމުގެ ބާރުދަށްވެ، ހަނދާން ނެތޭ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެ އެވެ. ހަނދާން ނެތޭ ބަލި ދިގުދެމިގެންދާ ނަމަ ދިރިއުޅުމަށް އުނދަގޫވެ އެވެ. ހަނދާން ބަލިވުމުގެ ސަބަބުން އެކަނި އުޅުން އުނދަގޫވެ އާދައިގެ ކަންކަން ފުރިހަމަ ކުރުމަށް ވެސް މީހެއްގެ އެހީތެރިކަމަށް ބޭނުންޖެހިދެ އެވެ.
ބޮޑެތި މީހުން އެކަނިވެރި މީހުންނަށް ވުމަށް މެދުވެރިވާ ބައެއް ސަބަބުތަކުގެ ތެރޭގައި ބައިވެރިޔާ ވަކިވެ ދިޔުން ނުވަތަ މަރުވުން، ގާތް މީހުންނާ އޮންނަ ގުޅުން ކުޑަވުން، އަދި ރައްޓެހި ރަހުމަތްތެރިން މަދުވަމުން ދިޔުން ހިމެނެ އެވެ.
އެކަނިވެރި ދިރިއުޅުމެއް ވޭތުކުރާ މީހާ އަށް ސިއްހީ ގިނަ މައްސަލަތައް ދިމާވެ އެވެ. ތިމާއަކީ އެފަދަ މީހެއް ނަމަ ފަރުވާކުރުން އަވަސް ކުރާށެވެ. އެކަނިވެރިކަން ތަހައްމަލް ކުރަމުންދާ މީހެއް އެނގޭނަމަ، އެހީތެރިވެދޭށެވެ.