ކަރުދާހުން މާހެދުމަކީ އޭނާ އަބަދުވެސް ކުރާހިތްވާ ކަމެއް. ޕައިޕް ކްލީނާއިން މާ ހަދަން ދަސްވީ ޔޫޓިއުބް ބަލައިގެން. އެ މަސައްކަތަށް ބޮޑު ޑިމާންޑެއް އޮތް ނަމަވެސް އޭނާ އެކަން ކުރަނީ ލިބޭ ހުސް ވަގުތުގައި. އޭނާ ހަދާ މާތަކަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުން. ދާދި ފަހުން ބޭއްވި ރާއްޖޭގެ ރީތީގެ ރާނީ ހޮވުމުގެ ހަފްލާގައި ވެސް އޭނާގެ މާތަކަށް ސްރީލަންކާގެ ރީތީގެ ރާނީ ވަނީ ތައުރީފު ކޮށްފައި. މި މަސައްކަތުގައި ދެމިހުރުމަށް ކުރާ މަސައްކަތަކީ އޭނާގެ ކާމިޔާބީގެ އަސްލު.

ކަރުދާހުން ނުވަތަ ފޮތިން ނަމަވެސް މަލެއް އަމިއްލަ ދެއަތުން ހެދުމަކީ ސްޓްރެސްވުން ކުޑަކުރުވާ ކަމެއްކަން ދިރާސާތަކުން ހާމަވެ އެވެ. މާމެލާމެއްޔަށް ބަލާލުމުން މޫޑް ރަނގަޅު ކޮށްދޭކަން އަމިއްލައަށް ވެސް ފާހަގަވެ އެވެ. ހަމަ އެފަދައިން މަލުން ލިބޭ އިތުރު ސިއްހީ ފައިދާތަކުގެ ތެރޭގައި ވިސްނުން ތަރައްގީ ކޮށްދިނުމާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ކޮށްދިނުން ހިމެނެ އެވެ. މާހެދުމަކީ ހިތުގެ ޝުއޫރުތަށް ބޭރު ކޮށްލުމަށް ވެސް ކުރެވޭ މަސައްކަތެކެވެ. އޭގެ އިތުރުން މަލުން ޒީނަތްތެރިވެފައިވާ ކޮޓަރިއަކީ ލޯތްބާއި، އުފާވެރިކަމާއި ހިތްހަމަޖެހުން އެތަނެއްގައި ވާކަން ދައްކުވާއިދޭ ތަނެކެވެ. މިހަފްތާގެ ހުނަރުވެރިޔާއަށް މަލެއް ހަދައިނުލާ ހުރުމަކީ އުނދަގޫ ކަމެކެވެ.

ހއ. މާރަންދުއަށް އުފަން އެ ރަށު ޝިފާނީ މަންޒިލް، ފަތުމަތު ޝިފާނާ (ޝިފާނާ) އާ މާމެލާމެއްޔާ ވަނީ ޚާއްސަ ގުޅުމެކެވެ. އޭނާއަށް ކަރުދާހުން ނަމަވެސް މަލެއް ހަދާލުމަކީ ލިބޭ ބޮޑު އުފަލެކެވެ. ޝިފާނާ ހަދާ މާތައް ކޮޓަރީގައި އަދި އޭނާ މަސައްކަތް ކުރި އޮފީސް މޭޒުގައި ވެސް ބަހައްޓާލެވެނީ ވަރަށް ތަފާތު އިހުސާސެއް ކުރެވޭތީ އެވެ.

ޝިފާނާ ހަދާފައިވާ މާބޮކޭއެއް ދައްކާލަނީ: މާހެދުމަކީ ހޮބީއެއް

"މާ ހެދުމަކީ އަޅުގަނޑު ވަރަށް ކުރިން ވެސް ޝައުގުވެރިވާ މަސައްކަތެއް. އެކި ތަންތާ ބަހައްޓަން މާ ހަދަމުން ގޮސް އަސްލު މި މަސައްކަތުގެ ތެރެއަށް ވަދެވުނީ،" ޝިފާނާ ބުންޏެވެ.

މަސައްކަތްތެރި އާއިލާއަކަށް އުފަންވި ޝިފާނާ ތައުލީމު ހާސިލްކުރީ މާރަންދޫ ސްކޫލުންނާއި ހއ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އޯލެވެލް ނިންމުމަށް ފަހު މާރަންދޫ ކައުންސިލްގައި އާއި އެ ރަށު ހެލްތް ސެންޓަރުގައި ވެސް އޭނާ ވަޒީފާ އަދާކުރި އެވެ. ރަސްމީ ވަޒީފާ އަދާކުރަމުން ވެސް އޭނާ އޭރު މާހަދަ އެވެ. ނަމަވެސް އޭރު އާންމުކޮށް ހަދާ އުޅުނީ ކަރުދާސް މަލެވެ. ފަހުން އެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަން ފެށުނީ، ޒަވާޖީ ހަޔާތެއް ފެށުމަށް ފަހު މާލެއަށް ބަދަލުވެ، އޭގެ އަހަރުތަކަކަށް ފަހު އެވެ.

ޝިފާނާ ހަދާފައިވާ މާބޮކޭއެއް: އެންމެ ފުރަތަމަ ހެދީ ކަރުދާސް މާ

"އާއިލާގަ މާހަދާ މީހެއް ނުހުންނާނެ. ކޭކު މަސައްކަތް ކުރޭ އަޅުގަނޑުގެ ދައްތަ. އެނޫން އެންމެން ވެސް ސަރުކާރު ވަޒީފާގައި އުޅެނީ. އަޅުގަނޑު އެކަނި މިމަސައްކަތް ކުރަނީ. އެންމެ ކުރިން އަޅުގަނޑު ހެދީ ކަރުދާސް މާ. މިހާރު މިހަދާ ޕައިޕް ކްލީނާ ބޭނުންކޮށްގެން ހަދާ މާތައް ހަދަން ދަސްކުރީ ޔޫޓިއުބް ވީޑިއޯ ބަލައިގެން. ވީޑިއޯ ބަލަމުން ޓްރައިކުރަމުން ގޮސް މިކަހަލަ މާހަދަން ދަސްވީ،" ޝިފާނާ މާހަދަން ދަސްކުރި ގޮތް ކިޔައިދިނެވެ.

ޝިފާނާގެ ރީތި މާތައް ވިއްކުމަށް "ރެޑް-ޗެރީ" ކިޔާ އޭނާގެ އަމިއްލަ ޕޭޖެއް އިންސްޓާގްރާމް، ޓިކްޓޮކް އަދި އެފްބީގައި ހުރެ އެވެ. ރެޑް-ޗެރީއަށް ވަނީ މިއަހަރުގެ މާޗް މަހު ބޭއްވި މިސް މޯލްޑިވްސް ޔުނިވާސް އިވެންޓްގައި 7 ޖަޖުންނަށް މަރުހަބާ ކިޔަން މާބޮކޭ ހެދުމާއި އަދި ޖަޖުންގެ 6 ފޫޓު ދިގު މޭޒުމަތީގައި ބެހެއްޓުމަށް 3 ފޫޓުގެ މާބޮނޑިއެއް ހަދަން ސްޕޮންސާ ލިބުމުން ހަދައިދީފަ އެވެ. އެއިވެންޓްގައި ޝިފާނާގެ ހުނަރަށް 2025 ގެ ދުނިޔޭގެ ރީތީގެ ރާނީ މިސް ޔުނިވާސް ސްރީލަންކާ ލިހާޝާ ލިންޑްސޭ ވައިޓް ވަނީ ވަރަށް ތައުރީފް ވެސް ކޮށްފަ އެވެ.

https://m.facebook.com/story.php?story_fbid=pfbid02HfwwDc6s8ymxXZ59Q36KHMJYm3vL8nGDpnGG9QjxWCfYF7ZuZxbFohDVgvK9bvrfl&id=100070884815314

މާ އަދި މާޓޫކުރި: ތަފާތު މަސައްކަތެއް

އާންމުކޮށް މީހުން ހަދަނީ ބޮކޭ ނުވަތަ މާކޮޅެ އެކަންޏެވެ. ނަމަވެސް ޝިފާނާގެ މަލާއެކު މާ ޓުކުރި ވެސް ހަދަ އެވެ. އެއީ ވަރަށް މުހިންމު މަގަސަދެއްގައި ކަން އޭނާ ފާހަގަކުރި އެވެ.

"މާގަނޑާ އެއްކޮށް ބާސްކެޓް ހަދަން ވިސްނީ ބޮކޭ ގަނެގެން ގެންގޮސް މާތައް ރީތިކޮށް ބެހެއްޓޭނެ ގޮތެއް ހަދައިދިނުމަށް. ހިތަށް އެރީ މާގަނޑު ޕޮޓެއްގަ އިނީމަ، ޝެލްފެއްގައި ވެސް ބައިންދާލަން ފަސޭހަ ވާނެޔޭ،" ޝީފާނާ ބުންޏެވެ.

ޝިފާނާ ހަދާފައިވާ މާ އަދި މާޓުކުރިތަކެއް: މާޓުކުރި ހެދީ މީހުންނަށް ފަސޭހަ ކުރުމަށް

އޭނާ ހަދާމާތައް ރީތިވުމުން އެއަށް އޮންނަ ޑިމާންޑް ވެސް ބޮޑެވެ. އެހެން ނަމަވެސް މިވަގުތު އޭނާ އެ މަސައްކަތް ކުރަނީ ދަރިންގެ ކަންކަން ނިންމުމަށް ފަހު ލިބޭ ހުސް ވަގުތުތަކުގަ އެވެ. ވީމާ ގިނައިން އޯޑަރު ލިބުނަސް، އޯޑަރު ނަގަނީ ހެދޭނެކަން ޔަގީންވާ މިންވަރަށް ކަން އޭނާ ފާހަގަކުރި އެވެ.

ޝިފާނާ ދެކޭ ގޮތުގައި މާހެދުމަކީ އާމްދަނީއެއް ހޯދުމަށް ރަނގަޅު މަސައްކަތެކެވެ. އެއީ އެމަސައްކަތް ގިނަކުރި މިންވަރަކުން ލިބޭ އާމްދަނީ އިތުރު ކުރެވޭތީ އެވެ. ވީމާ ވަގުތު ލިބޭނަމަ އެ މަސައްކަތުން އާމްދަނީ އިތުރު ކުރެވިދާނެ އެވެ. މި މަސައްކަތުގައި ހުރި ހަމައެކަނި އުނދަގޫ ކަމަކަށް އޭނާ ފާހަގަ ކުރަނީ، ކުއްލިއަކަށް މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުމުގެ ދަތިކަމެވެ.

"މިއީ ގޭގައި ހުރެގެން ރަނގަޅު އާމްދަނީއެއް ހޯދުމަށް ކުރަން ވަރަށް ރަނގަޅު މަސައްކަތެއް. ކޮންމެ މަސައްކަތެއް ވިއަސް ހިތްވަރު ކޮށްލައިގެން، ހުއްޓާނުލާ ކުރިއަށް ގެން ދިއުން ވަރަށް މުހިންމު،" ޝިފާނާ ބުންޏެވެ.

އޭނާ މިމަސައްކަތް ފެށީ އާއިލާގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންނެވެ. ހާއްސަކޮށް އޭނާގެ ދޮންތަގެ ނަން ފާހަގަކޮށްލި އެވެ. އޭގެ އިތުރުން އެ މަސައްކަތް ކުރުމުގައި ދެމިހުރުމަށް ފިރިމީހާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށާއި، ޚާއްސަ ދުވަހަކާއި ދިމާކޮށް ގިނަ އޯޑަރުތަކެއް ލިބިއްޖެ ނަމަ، ޝިފާނާ ކުރަން ހުންނަ މަސައްކަތާއި ފިރިމީހާ ހަވާލުވާ ކަމަށެވެ. އޭގެ އިތުރުން ޑެލިވަރީ ކޮށްދިނުމުގައި ވެސް ފިރިމީހާ ވަރަށް ބޮޑަށް އެހީތެރި ވެދޭ ކަމަށް އޭނާ ބުންޏެވެ.

ޝިފާނާ މާހަދަނީ: ރަނގަޅު އާމްދަނީއެއް މިމަސައްކަތަށް ލިބޭ

އުފަލާއި ހިތްހަމަޖެހުމަކީ އަމިއްލައަށް ހޯދިދާނެ އެއްޗެއްކަން ޝިފާނާ ދައްކަދީފި އެވެ. އޭނާ ގެންގުޅޭ އުސޫލަކީ މަސައްކަތެއް ކުރަން ފައްޓައިފި ނަމަ، އެކަމުގައި އިޚްލާސްތެރިކަމާއި މުރާލިކަމާ އެކު ދެމިހުރުމެވެ. އެއީ އެއްވެސް ކަމަކުން ކުރިއަރައި ދިއުން ބިނާވަނީ އެކަމެއްގައި ދެމިހުރުމުގެ މައްޗަށް ކަމުގައި ވާތީ އެވެ.