މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރަނީ ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު ނަގާލުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާތީކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފި އެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މި ގަރާރުގައި ބުނެފައިވަނީ، ނާޒިމް މަގާމުން ވަކިކުރަން ނިންމީ މަޖިލީހުގެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް އަމަލުކުރައްވަމުން ގެންދަވާތީ އާއި، މަގާމުގެ ޒިންމާތަކުން ބަރީއަވެފައިވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

މި ގާރުރު މިއަދު މަޖިލީހަށް ހުށަހެޅިއިރު ނާޒިމް ވަނީ ރޭގެ ވަގުތެއްގައި މެލޭޝިޔާއަށް ފުރާފަ އެވެ.

ގަރާރުގައި ނާޒިމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، މަޖިލީހުގެ ތެރޭގައި ފިތުނަ އުފެއްދުމާއި، ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވެފައި ހުރެ މަސައްކަތް ކުރުން ހިމެނެ އެވެ. އަދި މަޖިލީހުގެ އެންމެހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި އޭނާ ފުޅާ ދާއިރާއެއްގައި އިހުމާލުވެފައިވާ ކަމަށްވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، މެންބަރުންގެ ވާޖިބުތައް އަދާކުރުމުގައި ނާޒިމް "ހުރަހަކަށް ވެފައިވާ" ކަމަށްވެސް ޕީއެންސީގެ މެންބަރުން ތުހުމަތު ކުރެ އެވެ.

ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން ނިންމީ އިއްޔެ ބޭއްވި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގަ އެވެ. މި ނިންމުމާއެކު، އިއްޔެ ހެނދުނުގެ ވަގުތެއްގައި އޭނާ ވަނީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްލާފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކުގަ އެވެ. އަދި މަގާމުން ވަކިކުރެވޭނީ ޖަލްސާގައި ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 76 މެންބަރުންނަކީ ޕީއެންސީގެ މެންބަރުން ކަމަށްވާތީ، ނާޒިމް މަގާމުން ވަކިކުރުމަށް ބޭނުންވާ އަޣުލަބިއްޔަތު އެ ޕާޓީއަށް މަޖިލީހުގެ ތެރެއިން ލިބޭނެ އެވެ.