ވަގަށް އެތެރެކޮށް ވިއްކަމުންދިޔަ 18 ކޭސް ދުންފަތާއި 75 ކާޓޫން ސިނގިރޭޓު ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން ބުނި ގޮތުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ސިނގިރޭޓްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، އެކި ބުރޭންޑްތަކުގެ ސިނގިރޭޓް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މި މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި މާލެ، ގަލޮޅުގައި ހުރި ގެއަކާއި ހުޅުމާލެ ފޭސް 2 އަމާން ދޯދި އެޕާޓްމަންޓަކާއި، ވޭންއެއް ބަލައިފާސްކޮށް 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހިމެނޭ ވޭން ވަނީ ޓޯ ކޮށްފަ އެވެ. އަދި މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.