މިިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓަކަށް ދީފައިވާ ވޯޓުތަކެއް ބާތިލްކޮށް, އެ އިންތިހާބުގެ ނަތީޖާ އަލުން އިއުލާންކުރަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކައުންސިލް އިންތިހާބުގައި ވޭވަށު ކައުންސިލްގެ ތިން މެމްބަރުންގެ ތެރެއިން ޕީއެންސީއަށް ކުރިން ލިބުނީ އެންމެ ގޮނޑި އެކެވެ. އަދި ރައީސްކަމާއި މެމްބަރުކަމުގެ މަގާމު އެމްޑީޕީއަށް ކުރިން އޮތީ ކާމިޔާބުވި ކަމަށް އިއުލާންކޮށްފަ އެވެ.
އެ ކައުންސިލަށް ޕީއެންސީ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް, ބަލިވީ ދެ ވޯޓުގެ ތަފާތަކުންނެވެ. އެހެންވެ, ނަޒީހުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ އެމްޑީޕީގެ ކެންޑިޑޭޓް ހޮވުނީ ބާތިލް ތިން ވޯޓެއް ހިމަނައިގެން ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ވޯޓު ކަރުދާހުގައި ހެޔޮ ފާހަގަ ފިޔަވައި އިތުރު ކުރެހުމެއް ނުވަތަ ނިޝާނެއް ހުރެއްޖެނަމަ އެ ވޯޓެއް ބާތިލްވާނެ ކަމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
ހުކުމުގައިވަނީ އެ ތިން ވޯޓު ކަރުދާހުގައި އިތުރު ނިޝާނެއް ފެންނަން ހުރީ ޕްރިންޓް ކުރުމުގައި ދިމާވި ކަމެއްގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވީ ނަމަވެސް އެކަން ސާބިތުވާނެ ހެއްކެއް ނެތް ކަމަށެވެ.
އެހެންވެ, އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު އެ ތިން ވޯޓު ކަރުދާސް ބާތިލްކޮށް, އެ ވޯޓު އަލުން ގުނުމަށްފަހު ނަތީޖާ އިއުލާންކުރަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.
އެގޮތަށް ރައުޔު ނެރުއްވީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުالله އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ނަމަވެސް އެ ބެންޗްގައި ދެން އިންނެވި ފަނޑިޔާރު އިބްރާހިމް މާހިރުގެ ރައުޔަކީ ނަތީޖާ އަލުން ގުނަން ނުޖެހޭނެ ކަމަށެވެ.
އެހެންކަމުން އެ ތިން ވޯޓު ނުހިމެނޭ ގޮތަށް ވޯޓު ގުނައިފިނަމަ ޕީއެންސީގެ ކެންޑިޑޭޓް ހޮވި, އެ ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް ލިބޭނެ އެވެ.
ހަރަދު ކުޑަކުރުމަށް މޯދީގެ މޮޓޯކޭޑް ކުޑަކޮށްފި
މަޖިލިސް މެމްބަރުންތަކެއްގެ ގޮނޑީގެ މައްސަލަ ކޯޓަށް
ބާ ކައުންސިލުން ނޫސްވެރިންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދެނީ