މާލެ ސަރަހައްދުން ދެ މީހަކު ހިމަބިއްސަށް (މީސްލްސް) ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހަފުތާގެ ތެރޭގައި ފެނުނު މި ދެ ކޭސްއާ ގުޅިގެން ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ އިދާރާއިން މިހާރު ވަނީ ފަށާފައެވެ. އެގޮތުން، ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ބަލިމީހުންނާ ކޮންޓެކްޓުވި ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ރާއްޖެއިން ޖުމްލަ ފަސް މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ދެ ކޭސްއަކީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި މީހުން ކަމަށް އެޗްޕީއޭ އިން ފާހަގަކުރެ އެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ގައުމަކަށް ވީނަމަވެސް، ދޭތެރެ ދޭތެރެއިން ބަލި ފެންނަމުންދާތީ މިއީ އާންމު ސިއްހަތަށް ސަމާލުވާންޖެހޭ ހާލަތެއް ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.
މި ބަލިން ރައްކާތެރިވުމަށް ސަމާލުވުމަށް އިރުޝާދު ދެމުން އެޗްޕީއޭ އިން ބުނީ، ގަދަޔަށް ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވާތީ، ވެކްސިން ފުރިހަމަކުރުމަށް އެ އިދާރާއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
ދުޅަހެޔޮ ސިއްހަތަކަށް "ވަރުގަދަ" ކަސްރަތުތައް މުހިއްމު!
ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްފި
ލޮރެއަލްގެ އާ ރީލްގައި އައިޝްވާރްޔާ ނެތުމުން ސަޕޯޓަރުން ރަތަށް!