ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުގައި ކުޑަކަމުދާ ތަކެތީގައި އެއްވެސް ކުލައެއް ނެތި ސާފުކޮށް ހުރުމަކީ ސިއްހަތު ރަނގަޅުކަން އަންގައިދޭ ނިޝާނެކެވެ.
އެހެން ނަމަވެސް ދާދި ފަހުން އެމެރިކާގެ ޑޮކްޓަރަކު ވަނީ އެއީ ގިނަ މީހުންނަށް ކުރެވޭ ކުށްހީއެއް ކަމަށާއި އެއީ މާ މޮޅު ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
ޑރ ކަރަން ރާޖް ވިދާޅުވާ ގޮތުގައި ކުޑަކަމުދާ ތަކެތި މާ ބޮޑަށް ސާފުކޮށް ހުރުމުން ދޭހަވަނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ފެން ބޮވޭ ކަމެވެ. މީގެ ސަބަބުން ހަށިގަނޑުގައި ހުންނަ މުހިންމު މިނަރަލްތަކާއި އިލެކްޓްރޯލައިޓްސް ހަށިގަނޑުން ބޭރުވެ އެވެ.
ކުޑަކަމުދާ ތަކެތީގެ ކުލަ ހުންނަންވީ ކިހިނެއް؟
ޑޮކްޓަރު އިރުޝާދު ދެއްވާ ގޮތުގައި، ހަށިގަނޑުގައި ފެން ހުރި މިންވަރު އެންމެ ރަނގަޅުކަން އަންގައިދޭ ކުލައަކީ "ފަނޑު ރީނދޫ" ކުލަ އެވެ. މުޅިން ސާފުކޮށް ހުރުމަކީ ހަށިގަނޑުން ފެން ބޭރުވުން މާ އަވަސްކަން އަންގައިދޭ ކަމެކެވެ.
ހަށިގަނޑުގައި ފެން ހުރި މިންވަރު ދެނެގަންނާނެ އިތުރު 4 ގޮތް
ކުޑަކަމުދާ ތަކެތީގެ ކުލައިގެ އިތުރުން، ހަށިގަނޑަށް ފެން ބޭނުންވާކަން ދެނެގަތުމަށް ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް ޑޮކްޓަރު ލަފާދެ އެވެ:
- ކަރުހިއްކުން: މިއީ ހަށިގަނޑަށް ފެން ބޭނުންވާކަން އަންގައިދޭ އެންމެ ފުރަތަމަ އަދި އެންމެ ސާފު ނިޝާނެވެ. ކަރުހިއްކަންދެން މަޑުނުކޮށް ފެން ބުއިން މުހިންމެވެ.
- ހަންގަނޑުގެ އިލާސްޓިސިޓީ: އަތުގެ ނުފުށުން ހަންގަނޑު ކުޑަކޮށް ހިފާފައި ދޫކޮށްލުމުން، ވަގުތުން އޭގެ އަސްލު ގޮތަށް ހަންގަނޑު ނުދާނަމަ، އެއީ ހަށިގަނޑުން ފެން މަދުވެފައިވާ ކަމުގެ ނިޝާނެކެވެ.
- ލޮލުގެ ތެތްކަން: ލޯ މާ ބޮޑަށް ހިކޭނަމަ ނުވަތަ ލޮލުން ކަރުނަ އައުން މަދުވާނަމަ، އެއީ ހަށިގަނޑު "ޑީހައިޑްރޭޓް" ވަމުންދާ ކަމުގެ ނިޝާނެކެވެ.
- ކުޅު ހުންނަ މިންވަރު: އަނގަ ހިކުމާއި ކުޅު ބޯވުމަކީވެސް ފެން މަދުވުމުގެ އަލާމާތެކެވެ.
ކޮންމެ ކަމެއްގައިވެސް މެދު މިންގަނޑެއް ގެންގުޅުން މުހިއްމެވެ. މާ މަދުން ފެން ބުއިން ގެއްލުން ހުރި ފަދައިން، ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ މާ ބޮޑަށް ފެން ބުއިމަކީވެސް ކިޑްނީއަށް ބާރުބޮޑުވެ، ހަށިގަނޑުގެ ބެލެންސް ގެއްލޭ ކަމެކެވެ. އެހެންކަމުން، ކުޑަކަމުދާ ތަކެތީގެ ކުލަ މުޅިން ހުދުކޮށް ހުރުމަކީ "ހެލްތު ފްލެކްސް" އެއްގެ ގޮތުގައި ނުދެކޭށެވެ.
"އެސްއެމްއީ 360" އިފްތިތާހުކޮށްފި
މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަނީ
އަމީތާބަށް ނުނިދެނީ މަސައްކަތުގެ ފޯރީގައި!