ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާ ޖަލުން މިނިވަންކޮށްފި އެވެ. މިއީ އެގައުމުގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ މި ޝަހްސިއްޔަތު އަލުން ސިޔާސީ މަސްރަހަށް އެނބުރި އަތުވެދާނެ ކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ.
ކޮރަޕްޝަނުގެ މައްސަލައެއްގައި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ތަކްސިން، ހޯމަ ދުވަހު މިނިވަންވުމަށްފަހު، ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އިލެކްޓްރޯނިކް މޮނިޓަރިން އެލެމެންޓެއް ނުވަތަ ޓެގް އެޅުއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ތައިލެންޑުގެ ގަޑިން ހެނދުނު 7:40 ހާއިރު ޖަލުން ނުކުމެވަޑައިގަތްއިރު، އޭނާ ހުންނެވީ އާދައިގެ ހުދު ގަމީހެއްގަ އެވެ. ޖަލުން ނުކުމެވަޑައިގަތުމާއެކު އޭނާގެ އާއިލީ ބޭފުޅުންނާއި، ދަރިކަނބަލުން އަދި ކުރީގެ ބޮޑުވަޒީރު ޕައެޓޮންގްޓާން ޝިނަވަޓްރާ އޭނާއާ ބައްދަލުކުރެއްވި އެވެ. ތަކްސިން ޖަލުން ނުކުމެވަޑައިގަތް ވަގުތު، އޭނާއަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު ރަތް ކުލައިގެ ހެދުމުގައި ޖަލު ސަރަހައްދަށް އެއްވެ، އުފާފާޅުކޮށް އަޑުގަދަކުރަމުން ދިޔަ އެވެ.
އުމުރުން 76 އަހަރުގެ ތަކްސިންގެ މައްޗަށް އަދިވެސް އިތުރު ޖިނާއީ މައްސަލަތަކެއް ހުރުމާއެކު، އޭނާ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގައި ބައެއް ހުރަސްތައް ހުރެދާނެ ކަމަށް ބެލެވެއެވެ. ޖަލުން މިނިވަންވުމަށްފަހު ކާރުގައި ގެއަށް ވަޑައިގަންނަވަމުން ތަކްސިން ވިދާޅުވީ، އަށް މަސް ދުވަހަށްފަހު މިނިވަންވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ވޭތުވެދިޔަ ވިހި އަހަރު ދުވަހުގެ ތެރޭގައި ތަކްސިންގެ ސިޔާސީ ފިކުރަކީ ތައިލެންޑުގެ އަސްކަރިއްޔާއަށާއި ޝާހީ އާއިލާއަށް ތާއީދުކުރާ ފަރާތްތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އޭނާގެ ޕީއު ތައި ޕާޓީއަކީ 21 ވަނަ ގަރުނުގައި އެގައުމުގައި އެންމެ ކާމިޔާބު ސިޔާސީ ޕާޓީ އެވެ. އެ އާއިލާއިން މިހާތަނަށް ހަތަރު ބޭފުޅަކު ވަނީ އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފަ އެވެ.
ތަކްސިން ޖަލުން މިނިވަންވުމަކީ ޕީއު ތައި ޕާޓީއަށް ލިބޭނެ ކުރިއެރުމެއް ކަމަށް ބެލެވުނު ނަމަވެސް، އޭނާގެ އިދިކޮޅު ފަރާތްތަކުން އޭނާގެ ދެން އޮތް ފިޔަވަޅުތަކަށް ވަރަށް ފާރަވެރިވާނެ އެވެ.
ޕެރޯލްގެ ދަށުން މިނިވަންވުން
ތަކްސިން ޕެރޯލްގެ ދަށުން މިނިވަންކުރުމަށް ނިންމީ އޭނާގެ އުމުރަށާއި ސިއްހީ ހާލަތަށް ރިއާޔަތްކޮށް، ހުކުމުގެ ބާކީ އޮތް މުއްދަތު ކުޑަވުމުންނެވެ. ތަކްސިންއަކީ 2001 އަދި 2005 ވަނަ އަހަރު ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އަސްކަރީ ބަޣާވާތަކުން އޭނާ މަގާމުން ދުރުކުރުމުން ގައުމުން ބޭރުގައި ގިނަ ދުވަސްތަކަކު އުޅުއްވި އެވެ.
2023 ވަނަ އަހަރު އަލުން އެނބުރި ގައުމަށް ވަޑައިގަތުމާއެކު، ކޮރަޕްޝަނުގެ މައްސަލައިގައި އަށް އަހަރުގެ ޖަލު ހުކުމެއް އިއްވުނެވެ. އެހެންނަމަވެސް، ޝާހީ މައާފެއްގެ ދަށުން އެ ހުކުމް އެއް އަހަރަށް ކުޑަކުރެވި، އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ހާއްސަ ލުޔެއްގެ ދަށުން އޭނާ މިހާރު މިވަނީ މިނިވަންވެފަ އެވެ.
ތަކްސިން މިނިވަންވުމާއި، އޭނާގެ ޕާޓީން ސަރުކާރު އެކުލަވާލުމާ ދިމާވުމުން، މިއީ ސިޔާސީ އެއްބަސްވުމެއްގެ ދަށުން ހިނގި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް އޭނާގެ ދަރިކަނބަލުން ވިދާޅުވީ ޖަލުގައި ތަކްސިންއާ ބައްދަލުކުރެއްވިއިރު ސިޔާސީ އެއްވެސް ވާހަކައެއް ދެކެވިފައި ނުވާ ކަމަށާއި، ދެކެވުނީ ހަމައެކަނި އާއިލީ ވާހަކަތައް ކަމަށެވެ.
އަދަދު ނޫހުގެ ވެރިންނަށް ކުރި ދައުވާ އަނބުރާ ގެންދަން ގޮވާލައިފި
ފަތުރުވެރިކަމަށް ލިބުނު ގެއްލުންތަކަށް ފިޔަވަޅު އަޅަން ގޮވާލައިފި
ޕީއެންއެފް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި