ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ކިޔައިދިން ވާހަކަތަކެއް ހިމަނައިގެން އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ތަބާވާން މީޑިއާ ކޮންޓްރޯލް ކޮމިޝަނުން އަންގައިފި އެވެ.

އެ ކޮމިޝަނުން މީޑިއާތަކަށް ފޮނުވި ސިޓީއެއްގައި ވަނީ އެ އެންގުން އެންގީ މީޑިއާގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ކަމަށެވެ.

އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން އެއްވެސް ވާހަކައެއް އެއްވެސް މީހަކު ދެއްކުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ މ. ދިމްޔާތު، މުހައްމަދު މުއިއްޒަށް ގަޒުފުކޮށްފައިވާ ކަމުގެ ދައުވާ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދަށް އުފުލާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ މި އަމުރާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ މިއީ ސަރުކާރުގެ ނުފޫޒު އޮވެގެން ނެރެފައިވާ އަމުރެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކުރި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފް ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލް ކިޔައިދޭން އެދުމުން ފުލުހުން ވަނީ އެ ފުރުސަތު ދެވެން ނެތް ކަމަށް އަންގާފަ އެވެ.

ގިނަ ބަޔަކު ތުހުމަތު ކުރަނީ އެއީ ރައީސް މުއިއްޒާ ގުޅޭ އިތުރު ކަންތައްތަކެއް ހާމަވެދާނެތީ، ފުލުހުން ނިންމި ނިންމުމެއް ކަމަށެވެ.

އައިޝާ ޑޮކިއުމެންޓްރީގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު ކުރި ތުހުމަތުތަކަށް ރައީސް މުއިއްޒު ވަނީ އިންކާރުކުރައްވާފަ އެވެ.