އެމްޑީޕީގެ އާންމު މެންބަރުން އެންމެ ބޮޑަށް އެދޭ އެއްކަމަކީ ބަހުގެ އިތުބާރު އޮންނަ ޗެއާޕާސަނެއް މި މަގާމަށް އައުން ކަމަށް، އެ ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް މީކާއީލް އަހްމަދުނަސީމް ވިދާޅުވެއްޖެ އެވެ.

'އިތުބާރު' ކެމްޕެއިންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، ޕާޓީގެ އާންމު މެންބަރުން މިއަދު އެންމެ ބޮޑަށް ބޭނުންވަނީ އެއްގޮތެއްގައި ސާބިތުވެ ހުންނާނެ އަދި ދައްކާ ވާހަކައާއި އަމަލާ ދިމާވާނެ އިތުބާރު ހުރި ފަރާތަކާ ޕާޓީގެ ހިންގުން ހަވާލުކުރުމަށް ކަމަށެވެ.

މި ބައްދަލުވުމުގައި އޭނާ ވަނީ ރ. އަދި ބ. އަތޮޅަށް ކުރެއްވި ދަތުރުގެ މައުލޫމާތު ހިއްސާކުރައްވައި، މެންބަރުންގެ ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވާފަ އެވެ.

ވާދަވެރި ފަރާތްތަކުގެ ކެމްޕެއިނަށް ފާޑުވިދާޅުވަމުން މީކާއީލް ވިދާޅުވީ، އެބޭފުޅުން ހުށަހަޅުއްވަނީ ޗެއާޕާސަންގެ ދައުރާ ގުޅޭ ކަންކަމުގެ ބަދަލުގައި، ރިޔާސީ ޕްރައިމަރީއެއްގެ މެނިފެސްޓޯއެއް ކަމަށެވެ. ދައުލަތަށް ގެންނަންޖެހޭ ބަދަލުތަކުގެ ވާހަކައަކީ ޕާޓީގެ ގައުމީ މަޖިލީހުން މަޝްވަރާކޮށް 2028 ގެ ރިޔާސީ މެނިފެސްޓޯގައި ހިމަނަންޖެހޭ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމު މެންބަރުންނަށް މެޓާ ވަނީ ބޮޑުވަޒީރެއް ނޫން. ހަމަ އެއްކަލަ ފޮތް ފަންސޫރު، ޕާޓީގެ ވަކިލާރި. ޕާޓީގެ ސިޔާސަތު އަދި ޕާޓީގައި ދެމިހުންނާނެ ކަމުގެ ޔަގީންކަމެއް އޮތް ބައެއް ޕާޓީއާ ހަވާލުވުން. އެހެންމަ އެވާހަކަ އަޅުގަނޑުމެން ތަކުރާރުކޮށް ދައްކާނަން، އަދި ތަކުރާރުކޮށް ހަމަ އަޅުގަނޑު ދަންނަވާލަން މިހާރު ހިނގަމުން މިދަނީ އެމްޑީޕީ ޗެއާޕާސަނެއްގެ އިންތިޚާބު، މީކީއެއް ރިޔާސީ ޕްރައިމަރީއެއް ނޫން.،" މީކާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުން އެންމެ ގިނައިން ކުރިމަތިވި ސުވާލަކީ އިންތިހާބުގެ ނަތީޖާއަށްފަހު ޕާޓީގައި ދެމިތިބޭނެތޯ ކުރާ ސުވާލު ކަމަށެވެ. 2023 ގެ ރިޔާސީ ޕްރައިމަރީއަށްފަހު ބަޔަކު ޕާޓީ ދޫކޮށް ދިއުމުން، މެންބަރުންގެ މެދުގައި އިތުބާރު ކުޑަވެފައިވާ މާހައުލެއް އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ޕާޓީ ދޫކޮށް ނުދާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މީކާއީލް ވިދާޅުވީ، 2023 ގައި އެމްޑީޕީގެ ސަރުކާރު ގެއްލުވާލައި، ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ބައިވެރިވާން އިއުލާންކުރީ އޭނާއާ ވާދަކުރައްވާ ފަރާތްތަކުން ކަމަށެވެ. އަދި އޭރުވެސް ރައީސް މުއިއްޒަކީ "އިންޑިއާ އައުޓް" ކެމްޕެއިންގެ އިސް ފަރާތެއްކަން އެނގިތިބެ، ޒާތީ މަސްލަހަތު އިސްކޮށް އެމަނިކުފާނަށް ވާގިވެރިވީ އެބޭފުޅުންކަން މީކާއީލް ފާހަގަކުރެއްވި އެވެ.

"ސަރުކާރު ޖަވާބުދާރީ ކުރެވޭނީވެސް، އެކައުންޓަބަލް ކުރެވޭނީވެސް އެއް ގޮތަކަށް އެއްގޮތެއްގައި ހުންނަ މީހަކަށް، އަދި ބަސްބުނާއިރުވެސް އެއްގޮތެއްގައި އެ ބަސް ހިފަހައްޓާ ބަހުގެ އިތުބާރު އޮތް ފަރާތަކަށް،" ޗާގޯސް މައްސަލައާއި އިންތިހާބު އެއްކުރާ ވޯޓާ ގުޅިގެން ވާދަވެރިން ސްޓޭންޑް ބަދަލުކުރެއްވިކަން ފާހަގަކުރައްވަމުން މީކާއީލް ވިދާޅުވި އެވެ.

އެމްޑީޕީ އުފެދުމުގައި ގިނަ ބައެއްގެ ގުރުބާނީ އޮތްކަން ފާހަގަކުރައްވަމުން މީކާއީލް ވިދާޅުވީ، ޕާޓީއަކީ އެންމެ ފަރުދެއްގެ ގުރުބާނީއަކުން އުފެދުނު އެއްޗެއްގެ ގޮތުގައި ސިފަކުރުމަކީ އަލްމަރްހޫމް ގޯގޯ ލަތީފް ފަދަ ބޭފުޅުންނާއި، އީވާން ނަސީމްގެ އާއިލާ ފަދަ ގިނަ ބައެއްގެ ގުރުބާނީއަށް ކުރެވޭ ކުޑައިމީސް ކުރުމެއް ކަމަށެވެ.

މީކާއީލް ވަނީ "އިތުބާރު" ކެމްޕެއިންގެ މެނިފެސްޓޯ ލޯންޗުކުރުން، 14 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި އޮންނާނެކަން އިއުލާންކުރައްވައި، ވީހާވެސް ގިނަ އާންމު މެންބަރުން އެ ޖަލްސާގައި ބައިވެރިވުމަށް ދައުވަތު އަރުވާފަ އެވެ.