ކަސްރަތު ކުރަން ފެށުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް އެކަން ދާއިމީ ގޮތެއްގައި، ފޫހިވުމެއް ނެތި ކުރިއަށް ގެންދިއުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
އެހެން ނަމަވެސް ދިރިއުޅުމަށާއި އަމިއްލަ ވިސްނުމަށް ގެނެވޭ ވަރަށް އާދައިގެ ބަދަލުތަކަކުން މި ގޮންޖަހުމުން އަރައިގަނެ ދިގު މުއްދަތަކަށް ކަސްރަތު ކުރުން ކުރިއަށް ގެންދެވޭނެ އެވެ.
ޝައުގުވެރިކަމަށްވުރެ "އާދަ" މުހިއްމު
މާހިރުން ބުނާގޮތުގައި، ހިތްވަރަކީ އަބަދު އެއްވަރެއްގައި ހުންނާނެ އިހުސާސެއް ނޫނެވެ. ބައެއް ދުވަސްދުވަހު ވަރަށް ފޯރީގައި ހުރެދާނެ އެވެ. އަނެއްބައި ދުވަސްތަކުގައި އެއްވެސް ވަރަކަށް ކަސްރަތު ކުރާހިތް ނުވެދާނެ އެވެ. އެހެންކަމުން، ކަސްރަތު ކުރުމަކީ ހަމައެކަނި ޝައުގުވެރިކަމާއި ހިތްވަރަށް ބިނާކޮށް ކުރާ ކަމަކަށް ނުހަދައި، އެއީ ދަތް އުނގުޅުން ފަދަ ދިރިއުޅުމުގެ "އާދައަކަށް" ހެދުމަށް މާހިރުން ލަފާދެ އެވެ.
ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުކުރާނެ 4 ގޮތެއް
- ކުޑަކޮށް ފެށުން: ފުރަތަމަ ދުވަހުވެސް ގަޑިއިރަކު ބުރަ ކަސްރަތު ކުރުމުގެ ބަދަލުގައި، 10 ނުވަތަ 15 މިނެޓުގެ ހިނގާލުމަކުން ފަށާށެވެ. މިއީ ސިކުނޑިއަށް އެކަން ބަލައިގަންނަން ފަސޭހަވާނެ ގޮތެކެވެ.
- ހިތްހަމަޖެހޭ ކަމެއް އިޚްތިޔާރުކުރުން: ޖިމަށް ދިއުމަކީ ފޫހިކަމެއް ނަމަ، ފުޓުބޯޅަ ކުޅުން، ފަތުން، ނުވަތަ ނެށުން ފަދަ ތިމާ ކުރާހިތްވާ ކަމެއް ކަސްރަތެއްގެ ގޮތުގައި ކުރިއަށް ގެންދާށެވެ.
- ބައިވެރިޔަކު ހޯދުން: އެކަނި ކަސްރަތު ކުރުމުގެ ބަދަލުގައި އެކުވެރިއަކާއެކު ކުރުމުން، އެކަކު އަނެކަކަށް ހިތްވަރުދީ، އެކަން ހުއްޓާލުމުގެ ފުރުސަތު ކުޑަވެއެވެ.
- އަމިއްލަ ނަފްސަށް އިނާމު ދިނުން: ހަފްތާއަކު ކަނޑައެޅި ވަކި އަދަދަކަށް ކަސްރަތު ކުރެވިއްޖެނަމަ، ތިމާ ގަޔާވާ ކަމެއް ކޮށްލައިގެން ނުވަތަ މީރު އެއްޗެއް ކައިލައިގެން އަމިއްލަ ނަފްސަށް އުފާވެރިކަން ހޯދައިދޭށެވެ.
ނަތީޖާއަށްވުރެ ބޮޑަށް ސަމާލުކަން ދޭންވީ ދަތުރަށް!
ގިނަ މީހުން ކަސްރަތު ކުރަން ފަށަނީ ހަށިގަނޑުގެ ބަރުދަން ލުއިކުރުން ފަދަ ވަކި ލަނޑުދަނޑިއެއް ހާސިލު ކުރުމަށެވެ. ނަމަވެސް، ނަތީޖާ ފެންނަން ލަސްވުމުން ހިތްވަރު އެލެ އެވެ.
މާހިރުން ބުނަނީ ނަތީޖާއަށްވުރެ ބޮޑަށް، ކަސްރަތު ކުރުމުން ލިބޭ ނަފްސާނީ ހަމަޖެހުމާއި، ތާޒާކަމަށް ސަމާލުކަން ދިނުމުން އެކަން ދާއިމީ ގޮތެއްގައި ކުރިއަށް ގެންދަން ފަސޭހަވާނެ ކަމަށެވެ.
ކަސްރަތަކީ ހަމައެކަނި ރީތި ހަށިގަނޑެއް ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި ނުބަލައި، އެއީ އުފާވެރި އަދި ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ކޮންމެހެން ކުރަންޖެހޭ "މަޖާ" ކަމެއްގެ ގޮތުގައި ދެކެން ފަށާށެވެ!
ބޭނުންވަނީ ބަހުގެ އިތުބާރު އޮންނަ ޗެއާޕާސަނެއް: މީކާއީލް
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާގުގައި އަސްކަރީ މަރުކަޒެއް
އާއިލާގެ ދުޅަހެޔޮ ކަމަށްޓަކައި ނިދި ވަރަށް މުހިއްމު!