މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާ ލިޕާ، ދުނިޔޭގެ މަޝްހޫރު އިލެކްޓްރޯނިކްސް ކުންފުނި "ސެމްސަންގް"އާ ދެކޮޅަށް 15 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ދައުވާއެއް ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލަ އުފެދުނީ ސެމްސަންގް ކުންފުނިން އުފައްދާ ޓީވީތަކުގެ ފޮށީގައި (ޕެކޭޖިންގްގައި)، ދުއާ ލިޕާގެ ފޮޓޯއެއް އޭނާގެ އެއްވެސް ހުއްދައެއް ނެތި އިޝްތިހާރު ކުރުމުގެ ބޭނުމުގައި ބޭނުންކޮށްފައިވާތީ އެވެ. މި ފޮޓޯއަކީ 2024 ވަނަ އަހަރު އޮތް "އޮސްޓިން ސިޓީ ލިމިޓްސް ފެސްޓިވަލް"ގެ ބެކްސްޓޭޖުގައި ނަގާފައިވާ ފޮޓޯއެކެވެ.
ދުއާ ލިޕާގެ ގާނޫނީ ޓީމުން ބުނާގޮތުގައި ސެމްސަންގުން މި ފޮޓޯ ބޭނުންކުރީ އެއްވެސް އެއްބަސްވުމެއް ނުވަތަ ހުއްދައެއް ހޯދުމަކާ ނުލަ އެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދުއާ ލިޕާއަކީ ސެމްސަންގް ޓީވީގެ އެންޑޯޒްމަންޓް މޮޑެލްއެއް ކަމަށް ހީވެ، އޮޅުން އަރާފައިވާ ކަމަށާއި މި ފޮޓޯގެ ކޮޕީރައިޓް އޮންނަނީ ދުއާ ލިޕާގެ އަތުގައި ކަމަށް ވުމާއެކު، އޭނާގެ މަޝްހޫރުކަން ބޭނުންކޮށްގެން ކުންފުނިން ނުހައްގު މަންފާ ހޯދާފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި ދުއާ ލިޕާގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު މިކަން ފާހަގަވުމުން އެ ފޮޓޯ ބޭނުންކުރުން ހުއްޓާލުމަށް އެދުމުންވެސް ސެމްސަންގުން އެކަމަށް އެދެވޭ އިޖާބަ ދީފައެއް ނުވެ އެވެ.
ބައެއް ކަސްޓަމަރުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި، އެމީހުން ޓީވީ ގަތުމަށް ނިންމީވެސް ފޮށީގައި ޑުއާ ލިޕާގެ ފޮޓޯ ހުރުމުންނެވެ.
ކެލިފޯނިއާގެ ކޯޓަކަށް ހުށަހެޅި މި ދައުވާގައި ދުއާ ލިޕާ އެދިފައިވަނީ ބަދަލުގެ ގޮތުގައި މަދުވެގެން 15 މިލިއަން ޑޮލަރު ހޯދައި ދިނުމަށެވެ.
މިއީ ފަންނާނުންގެ "ރައިޓް އޮފް ޕަބްލިސިޓީ" ނުވަތަ އަމިއްލަ ސޫރަ ބޭނުންކުރުމުގެ ހައްގު ހިމާޔަތްކުރުމަށް ކުރެވޭ ވަރަށް ވަރުގަދަ ގާނޫނީ ހަނގުރާމައެއްގެ ގޮތުގައި ވާނެ ކަމަށް ބެލެވެ އެވެ.
އީރާނުގެ ޖަވާބާމެދު ޓްރަމްޕް ހިތްހަމަނުޖެހިއްޖެ
އިއުލާންކޮށްގެން ނޫނީ ވަޒީފާ ނުދޭން ރައީސް އަންގަވައިފި
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!