އިއުލާނުކޮށްގެން ނޫނީ ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކުން މީހުން ވަޒީފާއަށް ނުނެގުމަށާއި ވަޒީފާ ދިނުމާއި ޕްރޮމޯޝަން ދިނުމުގައި މެރިޓަށް ބަލަން ކަމާބެހޭ ފަރާތްތަކަށް އަންގަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް ވިދާޅުވީ ވަޒީފާ އާއި ޕްރޮމޯޝަނަކީ ވަކި މީހަކު ކައިރީ ބުނެގެން ލިބޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ.

"އިއުލާނު ނުކޮށް އެއްވެސް މީހަކު ވަޒީފާއަށް ނުނެގުމަށާއި އިއުލާނުކޮށްގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މެރިޓް ބޭސިސް އިން ނޫން ގޮތަކަށް ވަޒީފާ ދިނުމާއި ޕްރޮމޯޝަން ނުދިނުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަކަށް ދަންނަވައިފިން،" ރައީސްގެ މެސެޖުގައި ވެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކައުންސިލް އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ވަނީ ކެންޑިޑޭޓުން އެންގި މުވައްޒަފުންނަށް ޕްރޮމޯޝަން ދީފަ އެވެ.

ދެ އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކަށް ވަނީ ވަޒީފާ ވެސް ދީފަ އެވެ. ވަޒީފާ ދިނީ އެ މީހުންގެ އާއިލާގެ ވޯޓު ޕީއެންސީގެ ކެންޑިޑޭޓުންނަށް ދިނުމަށް ޝަރުތުކޮށެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައި ވަނީ ސިޔާސީގޮތުން ވަޒީފާދިނުން މި ގައުމުގައި ނިމުމަކަށް އައީ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. އެއީ އިންތިހާބުގައި ރައްޔިތުން ބޭނުންވިގޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް މިހާރު ވަނީ އަންގައިފަ އެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނީ ސަރުކާރުގެ ކުންފުނިތަކުގައި 42،000 މުވައްޒަފުން ތިބި ކަމަށް ލަފާކުރެވޭ ކަމަށެވެ.