ރާއްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވާ މޮރިޝަސް އިން ދިވެހި ސަރުކާރާ ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ކޮންފަރެންސްއެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ ދަތުރުގެ ތެރެއިން މޮރިޝަސްގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށް މަޝްވަރާ ކުރެވުނު ކަމަށެވެ.
ނަޝީދު ވިދާޅުވީ މޮރިޝަސް އާއި ރާއްޖެއާ ދެމެދު ޖެހިފައިވާ މައްސަލައާ ގުޅޭގޮތުން ދިވެހި ސަރުކާރާ ވާހަކަ ދެއްކުމަށް މޮރިޝަސްގެ ފޮރިން މިނިސްޓަރު އަރިހުން އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށެވެ. އަދި އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ދެން އަޅުގަނޑު ވަރަށް ބޮޑަށް މިނިސްޓަރު [މޮރިޝަސްގެ ފޮރިން މިނިސްޓަރު] އަރިހުގައިވެސް ދެންނެވިން ދިވެހިރާއްޖެއާ މިކަމުގައި ވާހަކަދައްކާ ދެ ގައުމަށް ސުލްހަވެރި ގޮތުގައި ކަންކަން ނިންމޭނެ ގޮތް ހޯދުން. ދެން އެއްވެސް ހާލެއްގައި އަވަށްޓެރި ގައުމުތަކާއި އެހެން ޑިޕްލޮމެޓިކް ގުޅުން ނެތުމަކީ ރަނގަޅު ކަމެއް ނޫން. ދެން އެބޭފުޅުން ތިއްބެވީ ތައްޔާރަށް،" ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން އެ މައްސަލައާ ގުޅޭގޮތުން ދިވެހި ސަރުކާރުން މޮރިޝަސްއާ ވާހަކަ ދައްކާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބޭ ކަމަށް ބައިނަލްއަގްވާމީ ކޯޓުތަކުން ކަނޑައަޅާފައި އޮއްވައި އަދި މޮރިޝަސް އާއި ރާއްޖެއާދެމެެދު ކަނޑުގެ ބޯޑަރު ބަހާފައި އޮއްވައި، އެކަންކަމަށް އަމަލު ނުކުރައްވާނެކަން މިދިޔަ ފެބްރުއަރީ މަހު މޮރިޝަސް އިން އިއުލާންކުރުމުން އެ ގައުމުން ވަނީ ރާއްޖެއާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފަ އެވެ.
އީރާނުން އެމެރިކާގެ މަނަވަރުތަކަށް ރައްދު ހަމަލާތަކެއް ދީފި
އީރާނުން ދުވަހަކު ވެސް ފިއްތުންތަަކަށް ބޯނުލަނބާނެ: އަރަގްޗީ
ގުޅިފަޅު ކައިރީއޮތް ދޯންޏެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ
