ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިލް ސުމިތާ ދެކޮޅަށް ހުށަހަޅާފައިވާ ޖިންސީ ގޯނާގެ ދައުވާއެއް، އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ކޯޓުން ބޭރުކޮށްލައިފި އެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމެވީ ދައުވާކުރި ފަރާތުން ހުށަހަޅާފައިވާ ވާހަކަތަކަކީ ގާނޫނީ ގޮތުން މައްސަލައެއް ކުރިއަށް ގެންދެވޭނެ ފަދަ ވަރުގަދަ އަސާސެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ.
ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ދައުވާކުރި ފަރާތުން ހުށަހެޅި އިލްޒާމްތަކަކީ "އިންސުފިޝަންޓް" ނުވަތަ ފުދޭވަރަށްވުރެ ބަލިކަށި އިލްޒާމްތަކެއް ކަމަށެވެ.
ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި، ހުށަހަޅާފައިވާ ޝަކުވާތަކުގައި ގާނޫނީ ގޮތުން ކުށެއް ސާބިތުކުރެވޭނެ ފަދަ ހަގީގީ ހެކިތަކެއް ބަޔާންކޮށްފައެއް ނުވެ އެވެ.
މި މައްސަލައަކީ މީގެ ދުވަސްތަކެއް ކުރިން ހިނގާފައިވާ ކަމަށް ބުނާ ހާދިސާއަކާ ގުޅިގެން ހުށަހެޅި މައްސަލަ އެކެވެ. ވިލްގެ ގާނޫނީ ޓީމުން ފެށުނީއްސުރެ ބުނަމުން އައީ މިއީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
މި ނިންމުމާއެކު ވިލްއަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ. ފާއިތުވި އަހަރުތަކުގައި އެކި ކަހަލަ މައްސަލަތަކުގެ ސަބަބުން އޭނާގެ އަބުރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ކޯޓުން މި މައްސަލަ ބޭރުކޮށްލުމަކީ އޭނާގެ ކެރިއަރަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ބެލެވެ އެވެ.
ދައުވާކުރި ފަރާތަށް އިތުރު އިސްލާހުތަކާއެކު މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮތްތޯ ނުވަތަ ނޫންތޯ ކޯޓުގެ ރިޕޯޓުތަކުގައި ސީދާ ބަޔާންކޮށްފައެއް ނުވެ އެވެ. ނަމަވެސް، މިވަގުތަށް މި މައްސަލަ ވަނީ މުޅިން ނިމުމަކަށް އައިސްފަ އެވެ.
އީ- ޕާސްޕޯޓް ދޫކުރުން މެދުކަނޑާލައިފި
ވޯލްޑް ކަޕް 2026ގެ ރަސްމީ ލަވަ: ޝަކީރާއަށް ހެޓްރިކެއް!