ހަންޓާވައިރަސް އިތުރަށް ފެތުރިދާނެ ކަމުގެ ބިރު އޮތް ނަމަވެސް، މިއީ ކޮވިޑް ފަދަ ބަލިމަޑުކަމެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
އެ ޖަމިއްޔާއިން ބުނާ ގޮތުގައި ހެންޓާވައިރަސް ފެތުރޭ ގޮތް ކޮވިޑާ ވަރަށް ބޮޑަށް ތަފާތެވެ. މި ބަލި އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ އެއްޗަކާ ގާތް ކޮންޓެކްޓެއްގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުންނެވެ.
އިނގިރޭސިވިލާތުގެ ކްރޫޒް ލައިނާއަކުން ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ އަށް މީހުންގެ ތެރެއިން ފަސް މީހަކަށް ބަލިޖެހިފައިވާކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. މި އަށް މީހުންނަކީ ވެސް އެ ބޯޓުން ދަތުރުކުރި މީހުންނެވެ. ބަލީގެ އަލާމާތްތައް ފެނުމަށް ހަ ހަފުތާ ނަގާތީ، ކުރިއަށް އޮތް ތަނުގައި އިތުރު ކޭސްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޮސް ވިދާޅުވި ގޮތުގައި، މި ބަލީގެ ސަބަބުން އާންމު ސިއްހަތަށް އޮތް ނުރައްކާ ކުޑަ އެވެ. އަދި ބޯޓު މިހާރު ދަތުރުކުރަމުންދާ ކެނަރީ އައިލެންޑްސްއަށް ވެސް މީގެ ސަބަބުން ބޮޑު ނުރައްކަލެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ބަލިމަޑުކަން ފެތުރެން މެދުވެރިވި ސަބަބު މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އެންމެ ފުރަތަމަ މި ބަލި ޖެހުނު ދެމަފިރިންނަކީ މި ވައިރަސް އުފުލާ މީދާ އުޅޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށްފައިވާ ބައެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ.
ޑރ. ޓެޑްރޮސް ވިދާޅުވި ގޮތުގައި މި ދެމަފިރިން ވަނީ އާޖެންޓީނާ، ޗިލީ އަދި އުރުގުއޭގައި ދޫނި ބަލަން ކުރި ދަތުރެއްގައި މި ވައިރަސް ހުންނަ މީދާ އުޅޭ ސަރަހައްދުތަކަށް ގޮސްފަ އެވެ.
މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ދަނީ އާޖެންޓީނާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ދެމަފިރިން ދަތުރުކުރި ތަންތަން ބަލަމުންނެވެ. އަދި ބޯޓުގެ ކެޕްޓަނާ ވާހަކަ ދައްކަވާފައިވާ ކަމަށާއި، ބޯޓު އަލުން ދަތުރު ފެށުމާއެކު ބޯޓުގައި ތިބި މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވަމުން އަންނަ ކަމަށް ކެޕްޓަން ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ޓެޑްރޮސް ވިދާޅުވި އެވެ.
މީގެ އިތުރުން، ބަލީގެ އަލާމާތްތައް ހުރި އެހެން ބައެއް މީހުންގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ ފަރާތްތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރަމުންދާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ. ބަލީގެ ނުރައްކާ ކުޑަކަމަށް ބެލެވުނު ނަމަވެސް، މިއީ ސީރިއަސް ބައްޔެއްގެ ގޮތުގައި އެ ޖަމްއިއްޔާ އިން ސިފަކުރެ އެވެ.
އިނގިރޭސިވިލާތުން ވަނީ ބޯޓުގައި ތިބި ބަޔަކަށް ނޭވާލާ ނިޒާމުގެ ބައްޔެއް ޖެހިފައިވާ ކަމުގެ މައުލޫމާތު މިދިޔަ ހޮނިހިރު ދުވަހު ޑަބްލިއުއެޗްއޯ އަށް ހިއްސާކޮށްފަ އެވެ. މިހާތަނަށް އަށް ކޭސް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފަ އެވެ. ސިއްހީ މާހިރުން އަންނަނީ މި ހާލަތު ވަރަށް ގާތުން މޮނިޓާ ކުރަމުންނެވެ.
"މައިކަލް": ފާޑުކިޔުންތެރިންނާއި ސަޕޯޓަރުން ބައިބައި ވެފައި!
އެސްޓީއޯ އިން ހަނޑޫ ހުސްވާން ކައިރިވުމުން ކޮންޓްރޯލް ކޮށްފި