ރާއްޖެއަށް ވައިގެމަގުން ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށް ހިންގި އޮޕަރޭޝަނެއްގައި އިތުރު 13 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ މި މަހުގެ ފަސް ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނަކީ އޭގެ ކުރީ ދުވަހު ރާއްޖެއައި ފުލައިޓަކުން ރާއްޖެ އެތެރެކުރި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން، އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލ. ކަލައިދޫ، ހިޔާވަހި، އަބްދުﷲ ރާއިފް،27 އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންކަމުގައިވާ އެމް ޑީ ޖޯޝިމް އުއްޑިން ،43 އާއި މަމުން ދަލި، 32 އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ ރާއިފް ތިން ދުވަހަށް އަދި ބަންގްލަދޭޝް ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
އެ އޮޕަރޭޝަންގައި މާލޭގެ ދެ އެޕާޓްމަންޓް ބަލައިފާސްކޮށް، 13 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކަސްޓަމްސް އިން ފުލުހުންނާ ހަވާކުކުރި ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މި އޮޕަރޭޝަންގައި، ޖުމުލަ 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އެސްޓީއޯ އިން ހަނޑޫ ހުސްވާން ކައިރިވުމުން ކޮންޓްރޯލް ކޮށްފި
"ސަރުކާރުން ޖަވާބުދޭނީ ސައްހަ ނިޔަތުގައި ހުށަހަޅާ އާރްޓީއިތަކަށް"
