މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބަޔޯޕިކް "މައިކަލް"އާ މެދު ފާޑުކިޔުންތެރިންނާއި ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.
ލަޔަންސްގޭޓްއިން އުފައްދާފައިވާ މި ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން ދިޔަ ނަމަވެސް، ފާޑުކިޔުންތެރިންގެ ފަރާތުން މި ފިލްމަށް އަމާޒުވަމުންދަނީ ނެގެޓިވް ރިވިއުތަކެކެވެ.
އޭގެ މައިގަނޑު ސަބަބަކީ މައިކަލް ޖެކްސަންގެ ހަޔާތުގައި ދިމާވި ބޮޑެތި މައްސަލަތަކާއި، ހާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ ތުހުމަތުތަކަށް މި ފިލްމުގައި އެކަށީގެންވާ ވަރަށް އަލިއަޅުވާލާފައި ނުވުމެވެ.
ފާޑުކިޔުންތެރިން ބުނާ ގޮތުގައި މި ފިލްމަކީ މައިކަލް ޖެކްސަންގެ ހަމައެކަނި ރަނގަޅު ސިފަތައް ދެއްކުމަށް އުފައްދާފައިވާ "ސާފުތާހިރު" ފިލްމެކެވެ.
ނަމަވެސް، މައިކަލްގެ ސަޕޯޓަރުން ދަނީ މި ފިލްމަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ. އެމީހުން ބުނާ ގޮތުގައި މިއީ މައިކަލްގެ ފަންނުވެރިކަމާއި އޭނާގެ އަސްލު ދިރިއުޅުން ވަރަށް ފުރިހަމައަށް ދައްކުވައިދޭ ފިލްމެކެވެ.
މި ފިލްމު ނިމޭއިރު "އޭނާގެ ވާހަކަ ކުރިއަށްދާނެ" (މިފަދަ މެސެޖެއް ފެނުމުން، މި ފިލްމުގެ ދެވަނަ ބައެއް ނުވަތަ ސީކުއަލްއެއް އުފައްދަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.
ލަޔަންސްގޭޓްގެ އިސްވެރިޔާ އެޑަމް ފޮގަލްސަން "ދަ ހޮލީވުޑް ރިޕޯޓާ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މައިކަލްގެ ހަޔާތަކީ އެއް ފިލްމަކުން ކިޔައިދެވޭނެ ވަރަށްވުރެ މާ ބޮޑު ވާހަކައެއް ކަމަށާއި، ދެވަނަ ފިލްމަކަށް ޖާގަ އެބައޮތް ކަމަށެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، ފުރަތަމަ ފިލްމުން އުނިކުރި ބައެއް ހައްސާސީ މައުލޫމާތުތަކާއި ތުހުމަތުތަކުގެ ވާހަކަ ދެވަނަ ފިލްމެއްގައި ހިމެނުމުގެ ފުރުސަތު އެބަ އޮތެވެ.
ނަމަވެސް، މައިކަލް ޖެކްސަންގެ އާއިލާއާއި އޭނާގެ އެސްޓޭޓުން މި ފިލްމު އުފެއްދުމުގައި ބައިވެރިވާތީ، ހަގީގީ މައްސަލަތައް ފިލްމުގައި ދައްކާނެ މިންވަރާ މެދު ފާޑުކިޔުންތެރިން ދަނީ ސުވާލު އުފައްދަމުންނެވެ.
މި ފިލްމުގައި މައިކަލް ޖެކްސަންގެ ރޯލު އަދާކުރަނީ އޭނާގެ ކޮއްކޮގެ ދަރިފުޅު ޖަފާރު ޖެކްސަންއެވެ. އޭނާގެ އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ މައްސަލަ ހައްލުކުރަނީ
މެޓް ގާލާ: ބައިވެރިންނަށް މަނާ ކުރެވިފައިވާ 8 ކަމެއް!
ބާއްޖަވެރި ދުވަހަކަށް ގެންގުޅެންޖެހޭ ހެނދުނުގެ 5 އާދައެއް!