އިންޑިއާގެ މަދްޔަޕްރަދޭޝްގެ ޖަބަލްޕޫރުގައި ހިނގި ނުރައްކާތެރި ބޯޓު ބަންޑުންޖަހާލުމުގެ ހާދިސާގައި، ނުވަ މީހުން މަރުވެފައިވާއިރު، މީހުން ސަލާމަތްކުރާ ފަރާތްތަކަށް ހުކުރު ދުވަހު ފެނުނު އެންމެ ހިތްދަތި މަންޒަރަކީ މަންމައަކާއި އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު، އެކަކު އަނެކަކުގެ ގައިގައި ބައްދައިގެން އޮއްވާ ފެނުނު މަންޒަރެވެ.

އެ އަންހެންމީހާއާއި ދަރިފުޅުގެ ހަށިގަނޑު ފެނުނުއިރު، އެމީހުން ތިބީ ލައިފް ޖެކެޓް އަޅައިގެންނެވެ.

މި ހިތްދަތި މަންޒަރު ފެނުމާއެކު، އެ ސަރަހައްދަށް އެއްވެފައި ތިބި އާއިލާގެ މެންބަރުންނަށް ކެތްނުކުރެވިގެން ރޮވުނެވެ. އެ ސަރަހައްދަށް ޒިޔާރަތްކުރެއްވި ސްޓޭޓް ކެބިނެޓް މިނިސްޓަރު ރާކޭޝް ސިންގްއަށް ވެސް މި މަންޒަރު ފެނިވަޑައިގަތުމުން ވަރަށް ބޮޑަށް އަސަރުކޮށް، ކަރުނަ ހިފަހައްޓަވަން އުނދަގޫފުޅުވި އެވެ.

ހާދިސާގައި މަންމަ އާއި ދަރިފުޅު އެކުގައި މަރުވެފައި ތިއްބާ މޫދުން ނަގަނީ --- ފޮޓޯ: އެންޑީޓީވީ

ބުރާސްފަތި ދުވަހު ކުއްލިއަކަށް އައި ކޮޅިގަނޑެއްގައި، ބާގީ ޑޭމް ރިޒަވޯއާގައި ދަތުރުކުރި ގާތްގަނޑަކަށް 30 މީހުން ތިބި ބޯޓެއް ބަންޑުންޖަހާލުމުގެ ސަބަބުން ނުވަ މީހުން މަރުވެ، ގިނަ ބަޔަކު ވަނީ ގެއްލިފަ އެވެ. މިހާތަނަށް 22 މީހަކު ވަނީ ސަލާމަތްކުރެވިފަ އެވެ.

މީހުން ހޯދުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާއިރު، ސްޓޭޓް ޑިޒާސްޓާ ރެސްޕޮންސް ފޯސް އާއި، ލޯކަލް ފުލުހުންނާއި އަދި އިދާރީ އިސް އޮފިޝަލުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދެ އެވެ.

ކަމާބެހޭ އޮފިޝަލުން ވިދާޅުވި ގޮތުގައި، ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6 ޖަހާކަންހާއިރު ޖެހުނު ބާރު ވަޔާއެކު ކަނޑުވަރަށް ގަދަވި އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި، ބޯޓުގައި ތިބި މީހުން ބިރުން ހަޅޭއްލަވައި، އައްސޭރިއަށް ބޯޓު އަނބުރާލުމަށް ފަޅުވެރިންގެ ކިބައިން އެދި އާދޭސްކުރި އެވެ. ނަމަވެސް، އެމީހުންގެ އަޑުނީވި ބޯޓު އޮޔާ ގޮސް ބަންޑުންޖަހާލީ އެވެ.

ކައިރީގައި ތިބި ބައެއް އާންމުން ވާ ބޭނުންކޮށްގެން ބައެއް މީހުން ސަލާމަތްކުރި އެވެ. އޭގެ ތެރޭގައި ގިނައީ ލައިފް ޖެކެޓް އަޅައިގެން ތިބި މީހުންނެވެ. ނަމަވެސް، ދެން ތިބި މީހުން ވަނީ ފެނު އަޑިއަށް ގޮސްފަ އެވެ.

މި ހާދިސާއިން ސަލާމަތްވި މީހަކު ތުހުމަތުކުރި ގޮތުގައި، ބޯޓުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ކުޑަ އެވެ. އަދި ހުރިހާ ދަތުރުވެރިންނަށް ލައިފް ޖެކެޓް ފޯރުކޮށްދީފައި ނުވާ ކަމަށްވެސް އޭނާ ބުންޏެވެ.

މިނިސްޓަރު ސިންގް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަން ހިނގާފައިވާ ގޮތް ވަރަށް އަވަހަށް ސާފުވާނެ ކަމަށާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ނިމުމުން، ލައިފް ޖެކެޓް އަޅައިގެން ތިބި މީހުން ސަލާމަތް ނުކުރެވުނު ސަބަބު ދެނެގަނެވޭނެ ކަމަށެވެ.

މަދްޔަޕްރަދޭޝްގެ ޗީފް މިނިސްޓަރު މޯހަން ޔާދަވް ވަނީ މި ހާދިސާގައި އަސަރުކުރި އާއިލާތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ސަރުކާރުން މިކަމުގައި ވަރަށް ބޮޑަށް އަޅާލާނެ ކަމަށާއި، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.