މަގުބޫލު ދެ ތަރިން ކަމަށްވާ ކަރަން ކުންދްރާ އާއި ތޭޖަސްވީ ޕްރަކާޝްގެ ކައިވެނީގެ ވާހަކަތަކަކީ ސޯޝަލް މީޑިއާގައި ވަރަށް ކުރީއްސުރެ ދެކެވެމުން އަންނަ ވާހަކަތަކެކެވެ. ކައިވެނި ކުރުމަށް އަވަސް އަރުވާނުލާ ކަމަށް އެ ދެމީހުން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް، ދާދި ފަހުން އާންމުވި ވީޑިއޯއަކާ އެކު ދެ ތަރިންގެ ފޭނުންގެ މެދުގައި ވަނީ ބޮޑު އުންމީދުތަކެއް އުފެދިފަ އެވެ. ގިނަ ބަޔަކު މިހާރު ސުވާލު އުފައްދަމުން ދަނީ ކައިވެނީގެ ރަސްމީ އިއުލާނެއް ވަރަށް އަވަހަށް ފެނިގެންދާނެތޯ އެވެ.

މި އަޑުތައް އަނެއްކާވެސް ގަދަވެފައިވަނީ މަގުބޫލު ޝޯ "ލާފްޓާ ޝެފްސް" ސީޒަން 3 ގެ ސެޓުން އާންމުވި ވީޑިއޯއަކާ ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ޝޯގެ ކުރޫ މެމްބަރުން ހިފަހައްޓައިގެން ތިބި ބޮޑު ބެނާއެއްގައި ވަނީ "ކަރަން އަދި ތޭޖާގެ ދިރިއުޅުމުގެ އާ ފެށުމަށް މަރުހަބާ" ކަމަށް ހިންދީ ބަހުން ލިޔެފަ އެވެ.

އިންސްޓަގްރާމްގައި "ސާސް ބަހޫ އައުރް ސާޒިޝް" އިން ފުރަތަމަ ހިއްސާކުރި މި ވީޑިއޯ، އާންމުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ޑިލީޓްކޮށްފަ އެވެ. ނަމަވެސް، ފޭނުންނަށް ފެނުނު އެ ކުޑަ މަންޒަރާއެކު، އެ ބުނާ "އާ ފެށުމަކީ" ކައިވެނިތޯ ނުވަތަ އެމީހުންގެ ގުޅުމުގެ އެހެން މުހިންމު ފިޔަވަޅެއްތޯ ބަހުސްކުރަން ވަނީ ފަށާފަ އެވެ.

މި ވީޑިއޯ އާންމުވުމުގެ ކުރިން، "އިންޑިއާ ފޯރަމްސް" އިން ވަނީ މި ދެ ތަރިން ސިއްރުން ކައިވެނިކޮށްފައިވާ ކަމަށް ބުނެ ރިޕޯޓްކޮށްފަ އެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި އެމީހުންނަށް މައުލޫމާތު ދިން މީހަކު ވަނީ ސިއްރު ކައިވެނީގެ ވާހަކަތަކީ ތެދެއްކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، ކަރަން ވަނީ ވަގުތުން އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އެއީ މީގެ މަސްތަކެއް ކުރިން ފެށިގެން ދައުރުވަމުންދާ ފޭކު ސްކްރީންޝޮޓްތަކެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ދޮގު ހަބަރުތަކެކެވެ.

ތޭޖަސްވީ ވެސް ވަނީ ކައިވެނީގެ ކަންކަމުގައި އޭނާގެ ދިރިއުޅުން މިވަގުތު އޮތް ގޮތް ސާފުކޮށްދީފަ އެވެ. "ބޮމްބޭ ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، ވަރަށް އަވަހަށް ކައިވެނި ކުރުމަކީ މިވަގުތަށް އޮތް އިސްކަމެއް ނޫން ކަމަށެވެ.

މިވަގުތު "ލާފްޓާ ޝެފްސް" ގައި ކަރަންއާ އެކު މަސައްކަތް ކުރަމުންދާ ތޭޖަސްވީ ބުނި ގޮތުގައި، އެކުގައި މަސައްކަތް ކުރުމަކީ ދެމީހުންގެ ކުރިއެރުމަށް ލިބޭ ފުރުސަތެކެވެ. ކަރަންއަކީ އޭނާގެ ސީނިއާއެއް ކަމުން، މަސައްކަތުގެ މައިދާނުގައި ކަރަންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވަމުންދާ ކަމަށް އޭނާ ފާހަގަކުރި އެވެ. ކަރަން އާއި ތޭޖަސްވީގެ ލޯބީގެ ގުޅުން ފެށުނީ "ބިގް ބޮސް" ގެ ގެއިންނެވެ. އެ ދެމީހުންގެ ކެމިސްޓްރީއަކީ އެ ސީޒަނުގެ އެންމެ ފާހަގަކޮށްލެވުނު ކަމެވެ. މިހާރު އެމީހުން އެކުގައި އުޅޭތާ 5 އަހަރު ވަނީ ވެފަ އެވެ.