މުސްކުޅިވުން ލަސްކޮށްދޭ، އެންޓި އޭޖިން ފައިދާތައް ހޯދުމަށްޓަކައި ޓޮމާޓޯ ކެއުމަށް އެންމެ ރަނގަޅު ގޮތް ސްޓެންފޯޑްގެ ދިރާސާވެރިއަކު ހާމަކޮށްފި އެވެ.

ޓޮމާޓޯއަކީ ކެލޮރީ މަދު ނަމަވެސް ގިނަގުނަ ފައިދާތަކުން މުއްސަނދިވެފައިވާ އެއްޗެކެވެ. ސިއްހަތަށް ބަލައިގެން އުޅޭ މީހުން އާންމުކޮށް ޓޮމާޓޯ ރޯކޮށް ކައި އުޅުނު ނަމަވެސް، އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ސްޓެންފޯޑް ޔުނިވާސިޓީގެ އެޕިޖެނެޓިކްސް ސައިންސްވެރިޔާ އަދި ނިއުޓްރިޝަން ރިސާޗާ ޑރ. ލޫސިއާ އެރޮނިކާ ވިދާޅުވެއެވެ.

އޭޕްރީލް 30 ގައި ދެއްކި "ދަ މެލް ރޮބިންސް ޕޮޑްކާސްޓް" ގެ އެޕިސޯޑެއްގައި އޭނާ ވަނީ ޓޮމާޓޯއިން ލިބޭ ސިއްހީ ފައިދާތައް ފުރިހަމައަށް ހޯދުމަށް ކުރެވިދާނެ ކަންތައްތައް ތަފްސީލުކޮށްދެއްވާފަ އެވެ.

ޓޮމާޓޯގައި ގިނަ އަދަދަކަށް 'ލައިކޯޕީން' އެކުލެވިގެންވޭ

ޑރ. އެރޮނިކާ ވިދާޅުވި ގޮތުގައި އޭނާ ޓޮމާޓޯއަށް ލޯބިކުރަނީ ހަމައެކަނި އޭނާއަކީ އިޓަލީ ދަރިކޮޅުގެ މީހަކަށް ވީތީއެއް ނޫނެވެ. އޭގެ ބަދަލުގައި، ޓޮމާޓޯގައި ހުންނަ ބާރުގަދަ އެންޓިއޮކްސިޑެންޓެއް ކަމަށްވާ 'ލައިކޯޕީން' ގެ ސަބަބުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދިރާސާތަކުން ދައްކާ ގޮތުގައި ލައިކޯޕީންގެ ސަބަބުން ހިތުގެ ސިއްހަތަށާއި ހަމުގެ ދުޅަހެޔޮކަމަށް ބޮޑެތި ފައިދާތަކެއް ލިބެ އެވެ. "ކްލިނިކަލް ޓްރަޔަލްތަކުން ދައްކާ ގޮތުގައި ލައިކޯޕީންގެ ސަބަބުން 'އެލްޑީއެލް' (ނުބައި ކޮލެސްޓްރޯލް) އޮކްސިޑައިޒްވުން ވަރަށް ބޮޑަށް ކުޑަކޮށްދެ އެވެ. މިއީ ކޮލެސްޓްރޯލްގެ ސަބަބުން ހަށިގަނޑަށް ނުރައްކާވާ މަރުހަލާ އެވެ.

ސްޓެންފޯޑްގެ މި ދިރާސާވެރިޔާ ހާމަކުރެއްވި ގޮތުގައި ޓޮމާޓޯގައި ހުންނަ ލައިކޯޕީންއަކީ ހަމުގެ ދުޅަހެޔޮކަމަށްވެސް ނުހަނު ބޭނުންތެރި އެއްޗެކެވެ. "މިއީ ހަށިގަނޑުގެ އެތެރެއިން ހަންގަނޑު ރައްކާތެރިކޮށްދޭ 'ސްކިން ކެއާ' އެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެ. މިއީ އިރުގެ ދޯދިތަކުން ހަންގަނޑު ރައްކާތެރިކޮށްދޭ މިންވަރު ނުވަތަ 'އެސްޕީއެފް' 40 އިންސައްތައަށް އިތުރުކޮށްދޭ އެއްޗެއް" ޑރ. އެރޮނިކާ ވިދާޅުވި އެވެ.

މިއީ ކިހިނެއްވާ ކަމެއްކަން ކިޔައިދެއްވަމުން ޑރ. އެރޮނިކާ ވިދާޅުވީ، ލައިކޯޕީންގެ ސަބަބުން ޑީއެންއޭ މަރާމާތުކޮށްދޭ މިންވަރު އިތުރުކޮށްދީ، ހަންގަނޑުގެ ކޮލަޖަން ހަލާކުވުން ހުއްޓުވައި، މުސްކުޅިވުމުގެ ސަބަބުން ހަމުގައި ޖަހާ ލައްތައް އުފެދުން މަދުކޮށްދޭ ކަމަށެވެ.

ޓޮމާޓޯގައި ހުންނަ ލައިކޯޕީންގެ ފައިދާ އެންމެ ފުރިހަމައަށް ހޯދާނީ ކިހިނެއް؟

ލައިކޯޕީންއިން މި ހުރިހާ ފައިދާއެއް ލިބުނު ނަމަވެސް، ވިސްނާލަންޖެހޭ މުހިންމު ކަމެއް އެބައޮތެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މި ފައިދާތައް ލިބެން ފަށަނީ ދުވާލަކު 10 މިލިގްރާމްގެ ލައިކޯޕީން ހަށިގަނޑަށް ލިބިގެންނެވެ. ރޯކޮށް ޓޮމާޓޯ ކާނަމަ، މިއީ ދުވާލަކު 20 ޕައުންޑް (ގާތްގަނޑަކަށް 9 ކިލޯ) ގެ ޓޮމާޓޯ ކެއުމާ އެއްވަރުގެ މިންވަރެއްކަމަށް ޑރ. އެރޮނިކާ ވިދާޅުވި އެވެ.

ނަމަވެސް މިކަމަށް އޮތް ހައްލަކީ ވަރަށް ފަސޭހަ ކަމެކެވެ. ސައިންސްވެރިޔާ ވިދާޅުވި ގޮތުގައި މީގައި އޮތް އުކުޅަކީ، އިޓަލީގެ ކާބަފައިން ކުރި ފަދައިން، ޒައިތޫނި ތެޔޮ ނުވަތަ އެހެންވެސް ތެލެއް ބޭނުންކޮށްގެން ޓޮމާޓޯ ކެއްކުމެވެ. އޭރުން ލައިކޯޕީން ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުވެގެންދާނެ އެވެ.

މިއީ ހަމައެކަނި ފުރަތަމަ ފިޔަވަޅެވެ. ޒައިތޫނި ތެޔޮ އެއްކުރުމުން، ލައިކޯޕީން ހަށިގަނޑަށް ބޭނުންކުރެވޭ މިންވަރު އިތުރު 70 އިންސައްތައަށް މަތިވެގެންދާކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

މިކަން މިހެން ވަނީ ލައިކޯޕީންއަކީ 'ލިޕޯސޮލިއުބަލް' ނުވަތަ ތެލަށް ގިރޭ އެއްޗަކަށް ވާތީ އެވެ. މާނައަކީ، ތެލާ ނުލައި އެ މާއްދާ ހަށިގަނޑަށް އެންމެ ފުރިހަމައަށް ބަލައެއް ނުގަނެ އެވެ.

އެހެންކަމުން، ޒައިތޫނި ތެޔޮ ބޭނުންކޮށްގެން ޓޮމާޓޯ ކައްކައިގެން ޕޭސްޓަކަށް ހަދާލުމުން، އެންމެ 3 މޭޒުމަތީ ސަމުސަލުގެ ޓޮމާޓޯ ޕޭސްޓުން ވެސް ބޭނުންވާ 10 މިލިގްރާމްގެ ލައިކޯޕީން ހަށިގަނޑަށް ލިބޭނެ އެވެ.

ކިޔުންތެރިންގެ ސަމާލުކަމަށް: މިއީ ހަމައެކަނި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. މިއީ ސިއްހީ މާހިރެއްގެ ލަފާގެ ބަދަލުގައި ބޭނުންކުރަންޖެހޭ މައުލޫމާތެއް ނޫނެވެ. ސިއްހީ އެއްވެސް މައްސަލައަކާ ގުޅިގެން ސުވާލެއް އުފެދޭނަމަ، އަބަދުވެސް ކަމާބެހޭ ޑޮކްޓަރެއްގެ އިރުޝާދު ހޯއްދެވުމަށް ސަމާލުކަން ދެއްވާށެވެ.