މަސައްކަތް ކުރުމަށް ޝައުގުވެރި ވާނަމަ، ރާއްޖޭގައި ކުރިއަށް ދެވޭނެ ދާއިރާތައް ގިނަ އެވެ. ދިވެހިންގެ ތެރޭގައި އާންމުކޮށް ކޭކު މަސައްކަތް ކުރަނީ އަންހެނުން ކަމުގައި ބުނެވިދާނެ އެވެ. އެހެން ނަމަވެސް އެ މަސައްކަތަކީ ވަކި ޖިންސަކަށް ހާއްސަ މަސައްކަތެއް ނޫންކަން މި ޒުވާނާ ދައްކައިދީފި އެވެ. އޭނާ ކޭކު އެޅުމަށް ޝައުގުވެރި ވާން ފެށީ ސްކޫލް ދައުރުގައި ޔޫޓިއުބުން ކޭކު އަޅާ ވީޑިއޯތައް ބެލުމަށްފަހު އެވެ.
ގދ. ގައްދޫއަށް އުފަން ސާދިމް އަހުމަދު (ސާދިމް) ކޭކު އެޅުމުގެ މަސައްކަތް އަމަލީ ގޮތުން ކުރަން ޖެހުނު ގިނަ ސަބަބުތަކެއް ވި އެވެ. އޭގެ މައިގަނޑު ދެ ސަބަބު ތެރެއިން ފުރަތަމަ ސަބަބަކީ ބާޒާރުގައި ވިއްކަން ހުންނަ "ކޭކް މިކްސް"ގެ ރަހަ އޭނާއަށް ނުބައިވުމެވެ. ދެވަނަ ސަބަބަކީ ރަށުގައި ދިރިއުޅުނުއިރު އޭނާގެ 16 ވަނަ އުފަން ދުވަހަށް ކޭކެއް ނުލިބުމެވެ.
"އަޅުގަނޑު ކުޑައިރު ކޮންމެ އުފަން ދުވަހަކަށް ވެސް އޭރު ކޭކު ބޭނުންވޭ. އެކަމަކު ކޭކެއް ނުލިބޭނެ. ދެން އަޅުގަނޑުގެ 16 ވަނަ ބާތްޑޭ ފާހަގަ ކުރަން ބޭނުންވި. އެހެން ނަމަވެސް އެ ފަހަރު ވެސް ކޭކެއް ލިބޭނެ ގޮތެއް ނުވި. ދެން އަޅުގަނޑު މަންމަ ކައިރީ ބުނިން މަންމަ ކޭކެއް ފިހެ ދޭށޭ، އަޅުގަނޑު ޑެކަރޭޓް ކުރާނަމޭ،" ސާދިމް ފުރަތަމަ ކޭކެއް ޑެކަރޭޓް ކުރަން މެދުވެރިވި ގޮތް ކިޔައިދެމުން ބުންޏެވެ.
އޭނާ ކޭކުގައި އައިސިން ޖަހަން ބޭނުންވާ ސާމާނު އެ ފަހަރު ހޯދީ ދައްތައެއްގެ ގާތް ރައްޓެއްސެއްގެ އަތުންނެވެ. އެ ދުވަހު އޭނާ ތައްޔާރުކުރި ކޭކާ ދޭތެރޭ އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. އެ ކޭކު ވަރަށް ހިތްގައިމުވެފައި މީރުވީމަ އެވެ.
އެއީ ސާދިމްގެ ފުރަތަމަ ތަޖުރިބާ އެވެ. އެއަށް ފަހު ކޭކު އެޅުމަށް ކުރިން ހުރި ޝައުގުވެރިކަން އިތުރުވި އެވެ. ސްކޫލެއްގައި އުޅޭތީ އެ ދަނޑިވަޅުގައި އޭނާ މުހިންމުކަން ދިނީ ކިޔެވުމަށެވެ. ވީމާ ކޭކު އެޅުމުގެ ބާބު ނުހުޅުވައި މަޑުޖައްސާލި އެވެ.
ގައްދޫއިން އޯލެވެލް ނިންމުމަށް ފަހު، އޭނާ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އޭލެވެލް ފުރިހަމަ ކުރި އެވެ. އެއަށްފަހު އިތުރަށް ކިޔެވުމުގެ ކުރިން އެއް އަހަރުގެ "ބެރޭކެއް" އޭނާ ނެގި އެވެ. އަމިއްލައަށް ނެގި އެބްރޭކްގައި ދަމާސް ފަރުނީޗަރު ފިހާރައިގައި ސޭލްސް އެސޯސިއޭޓް އެއްގެ ގޮތުގައި ދުވަސްކޮޅަކު މަސައްކަތްކުރި އެވެ.
ސާދިމް ކޭކު އެޅުމުގެ މަސައްކަތް ފެށީ 2021ގެ ފަހުކޮޅު އެވެ. އޭގެ އެއްއަހަރު ފަހުން އޭނާ އެންމެ ދާން ބޭނުންވާ ދާއިރާ ކަމުގައިވާ މެޑިކަލް ލެބޯޓަރީ ސައިންސްގެ ދާއިރާއިން ޑިގްރީއަށް ކިޔެވުމަށް އެމްއެންޔޫ އާ ގުޅުނެވެ. މިހާރު ވެސް އޭނާއަކީ އެމްއެންޔޫގައި ކިޔަވަމުން އަންނަ "ފުލްޓައިމް" ދަރިވަރެކެވެ. އަދި އެމްޓީސީސީގެ ކޯލް ސެންޓަރުގައި ފުލްޓައިމް ވަޒީފާ އަދާކުރާ ހީވާގި މުއައްޒިފެކެވެ. އޭގެ އިތުރުން ވަރަށް ފުޅާދާއިރާއެއްގައި ކޭކު ވެސް އަޅަމުން ގެންދާ ކުޅަދާނަ އަދި އެހާމެ ހިތްވަރުގަދަ ޒުވާނެކެވެ.
"ކޭކު އަޅަން ދަސްކުރީ އޭލެވެލްއަށް ކިޔެވިއިރު ކޮވިޑް ތެރޭގައި. އޭރު ގޭގަ ބަންދުވެފައި ހުރި އިރު. އެ ދުވަސްވަރު ވަރަށް ގިނައިން ކޭކު މަސައްކަތް ކުރާ ވީޑިއޯ ބެލޭ. އަދި ރަށަށް ދާން ޗާންސް ލިބުމުން ރަށަށް ގޮސް ކަޕް ކޭކް ވެސް ހެދިން. އޭގެ ސަބަބުން އަމަލީ ތަޖުރީ ވަރަށް ބޮޑަށް ލިބުނު. ދެން އަޅުގަނޑުގެ ދޮންތިގެ ރައްޓެއްސެއްގެ ކޮއްކޮއެއް ކަމަށްވާ ނަޒުރާ ހިންގި ވޯކްޝޮޕެއްގައި އޭނާ ބުނެގެން އަޅުގަނޑު ބައިވެރިވީ. އެ ވޯކްޝޮޕުން ވަރަށް ގިނަ މަސައްކަތް ދަސްވި،" ސާދިމް ކޭކު މަސައްކަތް ދަސްކުރި ގޮތް ކިޔައިދިނެވެ.
ކޭކް ވޯކްޝޮޕްގެ އިތުރުން އޭނާ ވަނީ މަޝްހޫރު ޝުގާ ފްލާވާ އާޓިސްޓް އާއިޝަތު ޝެރިން ހިންގި "ޝުގާ ފްލާވާ" ކޯހެއް ފުރިހަމަކޮށް ޝުގާ ފްލާވާ ހަދަން ވެސް ދަސްކޮށްފަ އެވެ. ކޭކުގެ ވިޔަފާރި ފެށީ އެއަށްފަހު އެވެ. އޭގެ ކުރީގައި ކޭކު އަޅައިދީ އުޅުނީ މުޅިން ވެސް ހިލޭސާބަހަށެވެ. އަގަށް ކޭކު އަޅަން ފެށީ އެ މަސައްކަތުގައި ފުދޭވަރަކަށް ތަޖުރިބާ ލިބުމަށްފަހު އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން ލިބުމުންނެވެ.
ސާދިމް ވަރަށް ގިނަ ވައްތަރުގެ ކޭކު އަޅަ އެވެ. އޭގެ ތެރޭގައި އޯޑަރަށް އަޅާ" ކަސްޓަމައިޒް" ކޭކުގެ އިތުރުން ފްލޭވާޑް ކޭކް، ކަށިކެޔޮ ކޭކް، އެކި ޓޮޕިން ހިމަނައިގެން އަޅާ ޗޮކޮލެޓް ކޭކް ހިމެނެ އެވެ. ކޭކުގެ އިތުރުން އޭނާ ކުކީސް ވެސް ހަދަ އެވެ. އޭނާގެ މަސައްކަތް ހުންނަ ގޮތުން އަބަދު ވެސް ދުރާލާ އޯޑަރު ނަގަ އެވެ. ސާދިމް އަޅާ ކޭކުގެ ރަހަ މީރުކަމުން އަބަދު ވެސް އެއްބައެއްގެ ފަރާތުން އޯޑަރު ލިބޭ ކަމަށް އޭނާ އުފަލާއެކު ބުންޏެވެ.
އޭނާ ކޭކުގެ ހުރިހާ މަސައްކަތެއް ވެސް ކުރަނީ އަމިއްލައަށެވެ. އޭނާގެ އިންސްޓާ ޕޭޖް "ދަބޭކާބޮއީ ޑޮޓް އެމްވީ" ގައި އޭނާގެ ހުނަރުވެރި ކޭކު މަސައްކަތް އެހުރީ ފެންނާށެވެ. ކޭކު އަޅައިގެން ވަރަށް ރަނގަޅު އާމްދަނީ އެއް ލިބޭ ކަމަށާއި އެ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އޭނާ ބުންޏެވެ.
"މިމަސައްކަތް އިތުރަށް ފުޅާކުރުމަށް އަޅުގަނޑު މިދަނީ ވިސްނަމުން. މުސްތަގުބަލުގައި ސްޓޯ ފްރަންޓެއް ނުވަތަ ކޭކް ފިހާރައެއް ހުޅުވަން ގަސްތު ކުރަން. ފިހާރަ ތެރޭގައި ކޭކުގެ ވިޔަފާރި ހިންގަމުން އަދި މީހުންނަށް ކޭކް ކޯސް ހިންގަމުން ކުރިއަށް ގެންދިއުން އަޅުގަނޑުގެ އުންމީދަކީ،" ސާދިމް ބުންޏެވެ.
ސާދިމްއަކީ މިއަދުގެ ޒުވާނުންނަށް ހުރި ލާމަސީލު ނަމޫނާއެކެވެ. ލެބޯޓްރީ ޓެކްނޮލޮޖިސްޓަކަށް ވުމަށް ވަރަށް ބުރަކޮށް ކިޔަވަމުން އަދި ވަޒީފާ އަދާކުރުމާއެކު އެދަނީ އަމިއްލަ ވިޔަފާރިއެއް ކުރިއެރުވުމަށް ގަދައަޅާ މަސައްކަތް ކުރަމުން ނެވެ. ކާމިޔާބަކީ މަސައްކަތް ކުރާ މީހެއްގެ ހައްގެއްކަން ބުނަމުންނެވެ.