އީރާން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ހީނަރުކަމާ ގުޅިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވުމުން، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަދި މަންޓާ އެއާގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން އެ ދެ ކުންފުނިން ނިންމައިފި އެވެ.

ސީޕްލޭންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ އެ ދެ އެއާލައިނުން ވެސް މުވައްޒަފުންގެ މުސާރަތައް ކުޑަކުރާނެކަން މިދިޔަ ބުދަ ދުވަހު ނެރުނު މުވައްޒަފުންގެ މެމޯއެއް މެދުވެރިކޮށް ވަނީ މުވައްޒަފުންނަށް އަންގައިފަ އެވެ.

ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ސޮއިކުރައްވާ މުވައްޒަފުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ޓޫރިސްޓުން އަންނަ އަދަދު މަދުވެ، އުފުލަންޖެހޭ ފަސިންޖަރުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

"މިއީ ފުރަތަމަ ތިން މަސް ދުވަހަށް ގެނެވޭ ވަގުތީ ބަދަލެއް. 2025 ވަނަ އަހަރު ހުރި މިންވަރަށް ފަސިންޖަރުންގެ އަދަދުތައް އައުމާއެކު މުސާރަތައް ކުރިން ހުރި މިންވަރަށް އިޔާދަކުރެވޭނެ،" ފައުޒީގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ސޮއިކުރައްވައި މުވައްޒަފުންނަށް ފޮނުވި މެމޯގައި ބުނެފައިވަނީ މިއަދުން ފެށިގެން މުވައްޒަފުންގެ އަސާސީ މުސާރަ އާއި އެލަވަންސްތަކުން ބައެއް އުނިކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ބަދަލު ގެންނަނީ ތިން މަސް ނުވަތަ 31 ޖުލައި ގެ ނިޔަލަށް ކަމަށް ބުނެފައިވެ އެވެ. އަދި އެއަށް ފަހު ހާލަތަށް ބަލައި ކުރިން ހުރި ވަރަށް މުސާރަތައް ގެނެސްދޭނެ ކަމަށް ބުނެފައިވެ އެވެ.

"މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކުންފުނީގެ ވިޔަފާރިއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅިގެން، ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް މިއީ އަޅަންޖެހުނު ފިޔަވަޅެއް،" މަންޓާގެ މެމޯގައި ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އޭޕްރީލް މަހު ރާއްޖެ އައި ޓޫރިސްޓުން ވަނީ އޭގެ ކުރީ އަހަރަށް ވުރެ 26 ޕަސެންޓް ދަށްވެފަ އެވެ. އަދި މާޗް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 20 ޕަސެންޓް ދަށްވެފަ އެވެ. އެއާ އެކު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ ފަސް ޕަސެންޓް ދަށްވެފަ އެވެ.

ޓީއެމްއޭގައި 200 އަށް ވުރެ ގިނަ ޕައިލެޓުން ވަޒީފާގައި އެބަތިއްބެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ އަދަދު ހާހަކަށް އަރަ އެވެ.

ދިވެހިންގެ އިތުރުން ވިއްސަކަށް ވުރެ ގިނަ ގައުމުތަކުގެ މީހުން އެ އެއާލައިންގައި ވަޒީފާ އަދާކުރެ އެވެ. ޓީއެމްއޭގެ ދަށުން މަސައްކަތް ކުރާ ކެޕްޓަނުންގެ ތެރެއިން އެންމެ ޖޫނިއާ މުވައްޒަފުންނަށް ވެސް ގާތްގަނޑަކަށް 6،000 ޑޮލަރުގެ އާމްދަނީއެއް ލިބޭއިރު އެންމެ ސީނިއާ ކެޕްޓަނުންގެ މުސާރައަކީ މަހަކު ގާތްގަނޑަކަށް 12،000 ޑޮލަރެވެ.