މިިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

ދުނިޔޭގެ ކޮންމެ ގައުމެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ބަލައި ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރެއްގެ މިނިވަން ނޫސްވެރިކަމުގެ ދުވަހާ ދިމާކޮށް އާންމުކުރާ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގެ މި އަހަރުގެ ރިޕޯޓް އާންމުކުރީ މިއަދު އެވެ.

މިއަދު އާންމުކުރި އިންޑެކްސްގައި ރާއްޖެ އޮތީ 108 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ ހަތަރު ދަރަޖަ ދަށް ވަނައެކެވެ. މި އަހަރު ރާއްޖެ ދަށަށް ދިޔަ ސަބަބުތަކަކީ މިދިޔަ ސަރުކާރުގައި ހެދި ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިންގެ މަސްދަރު ހަމާކުރަން މަޖުބޫރުވާ ގޮތަށް ހިމެނުމާއި މި ސަރުކާރުގެ ސުޕަ މެޖޯރިޓީ މަޖިލީހަށް ލިބުނު ފަހުން ވެސް އެކަން އިސްލާހުނުކުރުމާއި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން މީޑިއާތައް ކޮންޓްރޯލްކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭނެ އުސޫލުތައް ހިމެނޭ ގާނޫނެއް ވުޖޫދުކުރުން ހިމެނެ އެވެ.

ރާއްޖޭގެ ޖުމްލަ ސްކޯ ވެސް ވަނީ 52.46 އިން 49.23އަށް ދަށަށް ގޮސްފަ އެވެ. އަދި މި އިންޑެކްސްގެ އެންމެ މިންގަނޑަކުން ފިޔަވައި ހުރިހާ މިންގަނޑަކުން ރާއްޖެ ވަނީ ފަހަތަށް ގޮސްފަ އެވެ.

ތަފްސީލް

  • ސިޔާސީ މާހައުލުގެ މިންގަނޑު - 123 އިން 129އަށް؛ 6 ދަރަޖަ ފަހަތަށް
  • އިގްތިސޯދީ މާހައުލުގެ މިންގަނޑު - 118 އިން 157އަށް، 39 ދަރަޖައިގެ ބޮޑު ވެއްޓުމެއް
  • ގާނޫނީ އޮނިގަނޑުގެ މިންގަނޑު - 103 އިން 126އަށް؛ 23 ދަރަޖަ ދަށަށް
  • ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑު - 56 އިން 77އަށް؛ 21 ދަރަޖަ ފަހަތަށް
  • އިޖުތިމާއީ މާހައުލުގެ މިންގަނޑު -133 އިން 118އަށް؛ 15 ދަރަޖައިގެ މަތިވުމެއް