އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، 1800 ގެ އަހަރުތަކުގައި އިނގިރޭސިން އިންޑިއާއިން ގެންދިޔަ މަޝްހޫރު "ކޯހިނޫރު" އަލިމަސް ޖަވާހިރު އަނބުރާ ދިނުމަށް ނިއުޔޯކް ސިޓީގެ މޭޔަރު ޒޯހްރާން މަމްދާނީ ގޮވާލައްވައިފި އެވެ.

މަމްދާނީ މިކަމަށް ގޮވާލެއްވީ ރަސްގެފާނުގެ ދަތުރުފުޅުގެ ތިންވަނަ ދުވަހު ބޭއްވި 9/11 ގެ ހަނދާނީ ބިނާގެ ހަރަކާތެއްގެ ތެރެއިންނެވެ.

ރަސްގެފާނު ޗާލްސް އާއި ރާނީ ކެމިލާއާ ބައްދަލުކުރެއްވުމުގެ ކުރިން މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަމްދާނީ ވިދާޅުވީ، ރަސްގެފާނާ ވަކިން ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ، ކޯހިނޫރު އަލިމަސް އަނބުރާ ދިނުމަށް ބާރުއަޅުއްވާނެ ކަމަށެވެ.

ނަމަވެސް އެ ވަގުތުގެ މައިގަނޑު އަމާޒަކީ ޓެރަރިސްޓް ހަމަލާތަކުގައި މަރުވި މީހުންގެ ހަނދާން އާކުރުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރަސްގެފާނާއި މޭޔަރު ސަލާމް ކުރައްވައި ކޮންމެވެސް ވަރަކަށް ވާހަކަދައްކަވާ މަންޒަރު ފެނުނު ނަމަ ވެސް، އެ ބައްދަލުވުމުގައި މި މައުޟޫއަށް ވާހަކަދެއްކެވިކަން ސާފެއް ނުވެ އެވެ. ލަންޑަންގެ ޓަވަރުގައި ބަހައްޓާފައިވާ 106 ކެރަޓްގެ މި ބޮޑު އަލިމަހަކީ އިނގިރޭސި ޝާހީ ތާޖުތަކުގެ ތެރެއިން ރާނީގެ ތާޖުގައި ހިމެނޭ އެންމެ އަގުބޮޑު އެއް ގަހަނާ އެވެ.

ކޯހިނޫރު އަލިމަސްގެ މިލްކުވެރިކަމާ މެދު ޒަމާނުއްސުރެ ބޮޑެތި ބަހުސްތަކެއް ކުރެވެމުންދެ އެވެ. މިއީ މުގާލް އެމްޕަަރަރުންނާއި، އީރާނުގެ ޝާހުންނާއި، ސިކް މަހާރާޖާއިންގެ އަތްޕުޅުން ގޮސް، 1849 ވަނަ އަހަރު ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން ކުއީން ވިކްޓޯރިއާއަށް ލިބިވަޑައިގެންނެވި އެއްޗެކެވެ.

އިންޑިއާއިން ތަކުރާރުކޮށް މި އަލިމަސް އަނބުރާ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.

މި އަލިމަސްއަކީ އިންޑިއާއިން ފެނުނު އެއްޗެއް ކަމަށް ގިނަ ބަޔަކު އެއްބަސްވި ނަމަވެސް، އަފްޣާނިސްތާން، އީރާން އަދި ޕާކިސްތާނުން ވެސް މި ޑައިމަންޑްގެ މިލްކުވެރިކަމަށް ދައުވާ ކުރެ އެވެ.

މަމްދާނީގެ މި ވާހަކަތަކާ ގުޅިގެން އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ތަރުޖަމާނު ޒިއާ ޔޫސުފް ވަނީ މިއީ ރަސްގެފާނަށް ކުރި އިހާނެތްތެރިކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ "މި ރީތި ޑައިމަންޑް އޮތީ ޓަވަރު އޮފް ލަންޑަންގައި ކަމަށާއި، އެ އަބަދުވެސް އޮންނާނީ އެތަނުގައި" ކަމަށެވެ.