އުރަމަތީ ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރަކަށް، ޑރ. އަލްތާފް އަދްނާން އިސްމާއިލް ވެވަޑައިގެންފި އެވެ.
އިންޑިއާއިން އުރަމަތީ ކެންސަރުގެ ސާޖަރީން ފެލޯޝިޕް ނުވަތަ ސަބް- ސްޕެޝަލިޓީ ފުރިހަމަ ކުރުމަށްފަހު ޑރ. އަލްތާފް މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލްގައި މަސައްކަތް ކުރަން ފަށައިފަ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ޑރ. އަލްތާފަށް މަރުހަބާ ކިޔައި، އޭނާގެ ތަޖުރިބާގެ ސަބަބުން އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ފަރުވާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބުނެފަ އެވެ. މިއީ ރާއްޖޭގައި އަންހެނުންގެ މެދުގައި އެންމެ އާންމު ކެންސަރުގެ ބާވަތް ކަމަށްވާ އުރަމަތީ ކެންސަރަށް ފަރުވާ ހޯދާ ފަރާތްތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.
މެޑިސިން ނިންމުމަށްފަހު 2015 ވަނަ އަހަރު އައިޖީއެމްއެޗުން ހިދުމަތް ފެއްޓެވި ޑރ. އަލްތާފް ވަނީ ނޭޕާލުން ސާޖަރީގެ ދާއިރާއިން ހާއްސަވެފަ އެވެ. އޭނާ ވަނީ މީގެ ކުރިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. ރާއްޖޭގައި މީގެ ކުރިން މިފަދަ އޮޕަރޭޝަންތައް ކުރައްވަމުން ގެންދެވީ ކެންސަރު އޮޕަރޭޝަންތަކަށް ހާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. މުހައްމަދު ޝިފާނެވެ.
އައިޖީއެމްއެޗްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 4،800 އަށް ވުރެ ގިނަ މީހުން އުރަމަތީގެ ކެންސަރަށް ދެނެގަނެވިފައިވެ އެވެ. އަދި އެ މުއްދަތުގައި މި ބަލީގައި 14 މީހަކު ވަނީ މަރުވެފަ އެވެ. ޑރ. އަލްތާފް ފަދަ މި ދާއިރާއަށް ހާއްސަ ޑޮކްޓަރަކު ހިދުމަތަށް ނުކުމެވަޑައިގަތުމަކީ މި ބައްޔަށް ރާއްޖޭގައި ދެވޭ ފަރުވާގެ ފެންވަރު މަތިވެގެންދާނެ ކަމެކެވެ.
އަދަދު ނޫހުގެ އެޑިޓަރު ހަސަން ފުލުހަށް ހާޒިރުކުރުމުން ހުރީ ހަނު!
އީރާނުން ވިޔަފާރީގެ މުޅިން އެހެން އުކުޅުތަކެއް، ޓްރަމްޕް ވާނުވާގަ
އުމުރަށް ޖަލަށް ލިޔަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒު